Advertisement

ކެނެޑާ އަށް ދާ އިންޑިއާ ދަރިވަރުންގެ އަދަދު މަދުވެއްޖެ

17 ޖަނަވަރީ 2024 - 07:09 0

ކެނެޑާގައި ތައުލީމު ހާސިލުކުރާ އެހެން ގައުމުތަކުގެ ދަރިވަރުންތަކެއް. ކެނެޑާގައި އެންމެ ގިނައީ އިންޑިއާ ދަރިވަރުން.


ކެނެޑާ އަށް ދާ އިންޑިއާ ދަރިވަރުންގެ އަދަދު މަދުވެއްޖެ

17 ޖަނަވަރީ 2024 - 07:09 0

ކެނެޑާ އާއި އިންޑާއާ ދެމެދު އުފެދުނު މައްސަލައަށް ފަހު، ތައުލީމު ހާސިލު ކުރަން ކެނެޑާއަށް ދާ އިންޑިއާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.

ދެ ގައުމުގެ ގުޅުން ގޯސްވީ ކެނެޑާގައި އުޅުނު ސީކް ދީނުގެ މީހެއް ކަމުގައިވާ ހަރްދީޕް ސިންގް ނިއްޖާރް މަރާ ގުޅިގެން ނެވެ.

ކެނެޑާގެ ރައްޔިތެއް ކަމުގައިވާ ނިއްޖާރް މަރާލީ މިދިޔަ އަހަރުގެ ޖޫން 18 ވަނަ ދުވަހު ވެންކޫވާގައި ސީކް ދީނުގެ ސަގާފީ ސެންޓަރެއްގެ ކުރިމަތީގަ އެވެ.

ބަޑި ޖަހައި އޭނާ މަރާލި މައްސަލައިގައި ކެނެޑާއިން ބުނީ އިންޑިއާ ސަރުކާރާ ގުޅުން ހުރި އޭޖެންޓުންނާ އެ މަރާ ގުޅުން އޮތް ކަމަށް ބެލެވޭ "ސައްހަ ތުހުމަތުތަކެއް" ހުރި ކަމަށެވެ.

ނަމަވެސް އިންޑިއާއިން އެ ތުހުމަތު އެއްގޮތަކަށް ވެސް ބަލައިނުގަނެ އެވެ.

ސީކް ދީނުގެ މީހާގެ މަރާ ގުޅިގެން، ޑިޕްލޮމެޓެއްގެ ގޮތުގައި އެ ގައުމުގައި ހުރި އިންޑިއާގެ ޖާސޫސީ އޮފިޝަލަކު ފޮނުވާލިއިރު، ރައްދުގައި ނިއު ދިއްލީގައި ހުރި ކެނެޑާގެ އިސް ޑިޕްލޮމެޓަކު ފޮނުވައިލި އެވެ.

އޭގެ ފަހުން، އިންޑިއާ ތިބި ކެނެޑާގެ 62 ޑިޕްލޮމެޓުންގެ ތެރެއިން 41 ޑިޕްލޮމެޓެއްގެ "އިމްތިޔާޒު" ބާތިލު ކުރާނެ ކަމަށް އިންޒާރު ދިނުމާއެކު އެ ފަރާތްތައް ކެނެޑާ އަށް ގެންދިޔަ އެވެ.

ދެ ގައުމުގެ ގުޅުން މި މިންވަރަށް ހޫނުވިއިރު، މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ކެނެޑާގައި ތައުލީމު ހާސިލު ކުރަން ހުށަހެޅި އިންޑިއާ ދަރިވަރުންގެ އަދަދު 86 ޕަސެންޓު ވަނީ ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ކްއާޓަރުގައި 108،940 އިންޑިއާ ދަރިވަރަކަށް ކެނެޑާއިން ސްޓަޑީ ޕާމިޓް ދޫކުރިއިރު، ފަހު ކްއާޓަރުގައި ދޫކުރީ 14،910 ޕާމިޓެވެ.

މި މިންވަރަށް ނަންބަރު ދަށަށް ދިޔައީ އިންޑިއާގެ ދަރިވަރުން ކެނެޑާގެ ބަދަލުގައި އެހެން ގައުމުތައް ހިޔާރުކުރަން ފެށުމުންނެވެ.

ކެނެޑާގައި ތައުލީމު ހާސިލުކުރާ ބޭރު ގައުމެއްގެ އެންމެ ގިނަ ދަރިވަރުންނަކީ އިންޑިއާގެ ދަރިވަރުންނެވެ. އިންޑިއާ ދަރިވަރުންގެ ސަބަބުން ކެނެޑާގެ ޔުނިވާސިޓީތަކަށް އަހަރަކު 16.4 ބިލިއަން ޑޮލަރު ލިބެ އެވެ. އެހެންވެ، އިންޑިއާގެ ދަރިވަރުން ކެނެޑާ ހިޔާރުކުރުން ދަށްވުމަކީ އެ ގައުމުން ކަންބޮޑުވާނެ މައްސަލަ އެކެވެ.