Advertisement

ހުއްދަ ނެތި އުމްރާއަށް ގެންދާ ދެ ގްރޫޕަކާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފި

16 ޖަނަވަރީ 2024 - 18:45 2

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އުމްރާގެ އަަޅުކަން އަދާކުރަން އެއާޕޯޓަށް ފުރަން ގޮސް ތިބި ދިވެހިންތަކެއް: އުމްރާއަށް ފޮނުވާ ވިޔަފާރިތަކުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވޭ --


ހުއްދަ ނެތި އުމްރާއަށް ގެންދާ ދެ ގްރޫޕަކާ މެދު ސަމާލުވުމަށް އިލްތިމާސްކޮށްފި

16 ޖަނަވަރީ 2024 - 18:45 2

ހުއްދަ ނެތި ވިޔަފާރި އުސޫލުން މީހުން އުމްރާއަށް ގެންދާ ދެ ގްރޫޕަކާ މެދު ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ އުސޫލާ ހިލާފަށް ހުއްދަ ނެތި ބައެއް ކުންފުނިތަކުން ވިޔަފާރި އުސޫލުން މީހުން އުމްރާއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން "އަލް މަޝްރައު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" ކުންފުނިން މި އުސޫލާ ހިލާފަށް މިނިސްޓްރީގެ ހުއްދައެއް ނެތި އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށްޓަކައި، އިއުލާނުކޮށް ފައިސާ ނަގަމުންދާކަން ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"އެއީ މަނާކަމެއް ކަމަށްވާތީ އެކަން އެގޮތައް ނުކުރުމަށާއި އެފަދަ ކުންފުނިތަކަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ނުދެއްކުމަށް އިލްތިމާސްކުރަމެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހުއްދަނެތި މީހުން އުމްރާއަށް ގެންދާ މައްސަލަ ބޮޑުވެ އެ މައްސަލަ ބަލަމުންދާ ކަން މިނިސްޓްރީން ވަނީ ކުރިންވެސް ބުނެފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހުއްދަ ލިބިގެން ނޫން ގޮތަކަށް ކުންފުނިތަކުން އެއްވެސް މީހަކު އުމްރާއަށް ގެންދިޔުމަށް ފައިސާ ނަގައިގެން ނުވާނެ އެެވެ. އަދި އުމްރާއަށް ގެންދިއުމަށް ހުއްދަ ދެނީ ޖެހިޖެހިގެން ދެ އަހަރުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތަށް ނުފެތޭ ގޮތަށް އެއްވެސް މީހެއްގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާކަމެއް ކަމަށް ބުންޏެވެ.

"ވީމާ، ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ އުސޫލުގެ ނަގަން ޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިއުމަށާއި، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ފައިސާ ދެއްކުމަކީ އުސޫލާ ހިލާފު ކަމެއްކަން ހަދުމަފުޅު އަރުވަމެވެ. އަދި މި އުސޫލާ ހިލާފަށް އެެއްވެސް ފަރާތަކުން އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ އެ ފަރާތަކުންކަންވެސް އެއްމެހައި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ،" އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެ އެވެ.

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އޮތް ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ އެވެ.