Advertisement

ހަނގުރާމަތަކަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އުޅޭ، މީހަކު އެނގޭނަމަ ރިޕޯޓްކުރަން އެދިއްޖެ

16 ޖަނަވަރީ 2024 - 14:04 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ހަނގުރާމައަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އެބަތިބި ކަމަށް.


ހަނގުރާމަތަކަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އުޅޭ، މީހަކު އެނގޭނަމަ ރިޕޯޓްކުރަން އެދިއްޖެ

16 ޖަނަވަރީ 2024 - 14:04 0

ދިވެހި މުޖުތަމައުގެ ތެރޭގައި އަދިވެސް ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅެ، ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކަށް ދާން ބޭނުންވާ މީހުން އުޅޭކަން ފާހަގަ ކުރެވޭ ކަމަށާއި އެފަދަ އެއްވެސް މީހަކު ދަންނަ ނަމަ އަވަހަށް ރިޕޯޓް ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހަރުކަށި ފިކުރުގެ ވިސްނުމުގައި ތިބެ، ސީރިޔާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިން، ގެންދިޔަ އާއިލާތަކުގެ ތެރެއިން 21 މީހަކު މިއަދު ހެނދުނު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ 15 ކުޑަކުދިންނާއި، ފަސް އަންހެނުންނާއި ފިރިހެނެކެވެ.

ހޯމް މިނިސްޓްރީން އެ ކަމުގައި ކުރަމުންދާ މަސައްކަތާއި އެ ވިސްނުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ދިވެހި މުޖުތަމައުގައި އަދިވެސް މިފަދަ ވިސްނުން ގެންގުޅޭ މީހުން އުޅޭ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

"އެ ސަރަހައްދުތަކަށް ދިޔުމުގެ ވިސްނުން ގެންގުޅޭ ދިވެހިން އަދިވެސް އެބަ އުޅޭ، ދިވެހިން ވިސްނަން ޖެހޭ ހަގީގަތަކީ މިފަދަ އާއިލާތަކުން ގޮސްފައި ޖެހޭ ހާލު، ފިރިހެނުން ގޮސް ޖެހޭ ހާލު، އަނބިދަރިންނަށް ޖެހޭ ހާލު، އުފަންވާ ދަރިންނަށް ޖެހޭ ހާލު،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ހިޔާލެއް ގެންގުޅޭ މީހަކު އެނގޭނަމަ މިނިސްޓްރީއަށް ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.

"ރާއްޖޭން މި ބޭބޭފުޅުން ފުރައިގެން ދިޔުމުގެ ކުރިން ރިޕޯޓް ކުރަން އެދެން، މިފަދަ ހިޔާލެއް ގެންގުޅޭ މީހަކު އެނގޭނަމަ ވެސް ރިޕޯޓް ކުރުމަށް ވަރަށް ބޮޑަށް އެދެން،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހިން ކަމަށް ބެލެވޭ 100 އެއްހާ މީހުން ހަނގުރާމައަށް ފުރައިގެން، ހާލުގައި ޖެހިގެން އުޅޭ ކަމަށް މައުލޫމާތު ލިބެ އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު 2019 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި މީހުން މަރާލަން ޖެހިލުން ނުވާ ވަރަށް، ހަރުކަށި ވިސްނުން ގެންގުޅޭ 1،400 އަށް ވުރެ ގިނަ މީހުން ދިވެހި މުޖުތަމުގައި އުޅެ އެވެ.