Advertisement

އައިޓީއެފް އޭޝިއާ ޓެނިސް މުބާރާތުގެ ފައިނަލަށް ނަބާ އާއި މަންހާ

16 ޖަނަވަރީ 2024 - 13:39 0


އައިޓީއެފް އޭޝިއާ ޓެނިސް މުބާރާތުގެ ފައިނަލަށް ނަބާ އާއި މަންހާ

16 ޖަނަވަރީ 2024 - 13:39 0

އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޓެނިސް ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފައިން އިވެންޓްގެ އަންހެން ސިންގަލްސް ފައިނަލުން ރާއްޖޭގެ ނަބާ ނިޝާން އާއި މަންހާ މުހައްމަދު ޖާގަ ހޯދައިފި އެވެ.

ނަބާ ވަނީ މިދިޔަ ހަފުތާ ކުރިއަށްދިޔަ މި މުބާރާތުގެ 14 އަހަރުން ދަށުގެ ޑިވޮލޮޕް ކެޓަގަރީގެ އަންހެން ސިންގަލްސް ރަން މެޑަލް ވެސް ހޯދައިފަ އެވެ. އެ މުބާރާތުގެ ޑަބަލްސް ކެޓަގަރީގެ ކުއާޓާ ފައިނަލުގައި ނަބާ އާއި މަންހާގެ ޕެއާ ވަނީ ވާދަކޮށްފަ އެވެ.

ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފައިން އިވެންޓްގެ އަންހެން ސިންގަލްސް ފައިނަލުން ނަބާ ޖާގަ ހޯދީ ސްރީ ލަންކާގެ އަކީޝާ ހިރުންދީ ބަލިކޮށްގެންނެވެ. މަންހާ ފައިނަލުގެ ޖާގަ ހޯދީ ވިއެޓްނާމްގެ ނޮގޮކް ހަނަހް ހިއުން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 7-6 އަދި 6-3 އިންނެވެ.

ނަބާ އާއި މަންހާ ފައިނަލަށް ދަތުރުކުރުމާ އެކު، މިއީ ރާއްޖޭގެ ޓެނިހަށް ލިބިގެންދިޔަ ބޮޑު ކާމިޔާބެކެވެ. ދެ ކުޅުންތެރިން ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ.

ނަބާ އާއި މަންހާގެ އިތުރުން މި މުބާރާތުގައި ވާދަކުރަނީ މިކާ މުހައްމަދު ކަލީމް އަދި އާދަމް އާލް ނިޔާޒް އެވެ. އާލް ވަނީ މިއަދު ކުުޅުނު ރޭންކިން މެޗުން ކެމްބޯޑިއާގެ ރަޓަނަކް ފޯސް އަތުން، 7-5، 6-2 އިން ބަލިވެފަ އެވެ.

އުމުރުން 12 އަހަރުގެ ނަބާ އަކީ، ރާއްޖޭގެ ޓެނިހުގެ ތާރީހުގައި އެންމެ ޒުވާން އަންހެން ގައުމީ ޗެމްޕިއަނެވެ. އޭނާ ވަނީ 2021 އާއި 2022 ވަނަ އަހަރު އަންހެން ސިންގަލްސް އޯޕަން ބައިން ޗެމްޕިއަންކަން ހޯދައި، މިދިޔަ އަހަރު ރަނަރަޕަށް ގޮސްފަ އެވެ. އެ ގޮތުން، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ގައުމީ މުބާރާތެއް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައިވަނީ ނަބާ އެވެ.