18 ޖަނަވަރީ 2024 - 12:33 3
ހަސަން މުހައްމަދު
އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު
18 ޖަނަވަރީ 2024 - 12:33 3
ދިވެހިރާއްޖޭގެ އާބާދީގެ 40 ޕަސެންޓު ދިރިއުޅެނީ މި ގައުމުގެ ވެރި ރަށް މާލޭގަ އެވެ. މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ބޯތައް ގުނިއިރު، ގައުމުގެ އާބާދީގައި 515،132 ހަމަވާއިރު މާލޭގައި އެކަނި ވެސް 211،108 މީހުން ދިރިއުޅެ އެވެ.
ކިޔެވުމާއި ސިއްހީ ހިދުމަތްތަކާއި ވަޒީފާތަކާއި އެހެނިގެން އަސާސީ ހިދުމަތްތައް، ޒަމާންވީ ސިޔާސަތެއްގެ ދަށުން އޮތީ މާލެއަށް މަރުކަޒުކޮށްފަ އެވެ.
ނަމަވެސް، މި ރަށުގައި ދިރިއުޅޭ އެންމެންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެ އެންމެނަށް ހިދުމަތް ކުރަން ހާދިމެއްގެ ގޮތުގައި މޭޔަރަކު ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބެއް ބޭއްވިއިރު، ޑިމޮކްރަސީގެ އެންމެ ބޮޑު އަސާސް ކަމަށްވާ ވޯޓުލުމުގެ ހައްގު ދިނީ މާލޭގައި ދިރިއުޅޭ އާބާދީގެ މަދު ބަޔަކަށެވެ.
މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ މާލޭގެ ރަޖިސްޓްރީގައި ޖައްސާފައިވާ 18 އަހަރުން މަތީގެ 54،680 މީހުންނަށެވެ. އެކަމަކު، ލިބެންހުރި ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގައި ދިރިއުޅޭ 211،108 މީހުންގެ ތެރެއިން 109،597 މީހުންނަކީ 20 އަހަރުން މަތީގެ މީހުންނެވެ.
އެހެންކަމުން، މޭޔަރު އިންތިހާބުގައި، މާލޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ވޯޓުލާ އުމުރު ކަމަށްވާ 18 އަހަރުން މަތީގެ 51 ޕަސެންޓު މީހުންނަށް ޔަގީނުން ވެސް ވޯޓުލުމުގެ ހައްގެއް ނުލިބުނެވެ.
ރަށުގެ އާބާދީގެ ބޮޑު ބަޔަކަށް ވޯޓުލުމުގެ ހައްގު ނުލިބުނުއިރު އެކަމާ ކަންބޮޑުވެގެން ސިޔާސީ މީހަކު އުޅޭ ތަނެއް ނުފެނެ އެވެ. ސަރުކާރުގެ ޕޮލިސީ ހަދާ މީހަކު އެ އުސޫލައް ފާޑުކީ އަޑެއް ނީވެ އެވެ. ވޯޓުލުމުގެ ހައްގު ލިބޭ އާބާދީ ބޮޑު ކުރަން ކެންޑިޑޭޓަކު މަސައްކަތްކޮށްފައެއް ނުވެ އެވެ. ނަމަވެސް ރަށުގެ ބޮޑު އާބާދީއަކަށް ވޯޓު ނުލެވޭތީ، ޑިމޮކްރަސީ އާއި ހައްގުތަކަށް ވިސްނާ މީހުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތެވެ.
އަންޒަމާނުއްސުރެ ދިވެހި ރައްޔިތުންނަކީ މިނިވަން ބައެކެވެ. ކޮންމެ ރަށެއްގެ ރައްޔިތުންނަކީ ވެސް ފުދިގެން އުޅުނު ބަޔެކެވެ. ވަކި ރަށްރަށުގައި ބައެއް ކަންކަމަށް ހާއްސަ މޮޅު ބަޔަކު އުޅުނެވެ. އެރަށްރަށް އެހެން ރަށްތަކުން މީހުން ގޮސް އުޅުނެވެ. ކަންކަން ތަރުތީބުވެފައި ހުރީ ހުރިހާ ބޭނުމަކު އެއް ރަށަކަށް އަންނަންޖެހޭ ގޮތަކަށް ނޫނެވެ.
"ރާއްޖެއަކީ ޒަމާނުއްސުރެ ވެސް ވަރަށް މިނިވަންކޮށް އުޅުނު ބައެއްތާ. ރަށްރަށުގައި ވެސް ކަތީބެއް ނުހުންނާނެ، އަތޮޅުވެރިއެއް ނުހުންނާނެ. ފާލަން އެޅުމާއި ތޮށިލުމާ ހުރިހާ ކަމަކީ ވެސް މީގެ ކުރިން ރައްޔިތުންގެ އަމިއްލަ ކަންކަން. ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން މަރުކަޒުވެ، ދަތުރުފަތުރު ވެސް މާލެއާ ދިމާލަށް އަމާޒުވާން ފެށީ. އެ ހިސާބުން މުޅިން ބަދަލުވާން ފެށީ،" ރަށްރަށުގެ ހިންގުމުގެ ދާއިރާ ކުރިން އޮތް ގޮތް ދިރާސާ ކުރައްވާފައިވާ މުހައްމަދު ނަޒީފު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ނަޒީފްއަކީ ލޯކަލް ކައުންސިލްތައް 2011 ވަނަ އަހަރު ރަސްމީކޮށް ތައާރަފު ކުރުމުގެ ކުރިން އެ ނިޒާމު އޮންނަންޖެހޭނެ ގޮތާމެދު ބަހުސްކޮށް، އެ ރަށެއްގައި ދިރިއުޅޭ މީހުން އެ ރަށަކަށް ވޯޓުލެވޭނެ ގޮތަށް ނިޒާމު ބައްޓަން ކުރަން މަސައްކަތް ކުރި ބޭފުޅެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ އާބާދީ އެއްތަނަކަށް މިހާ ބޮޑަށް ޖަމާވެފައި އޮތް އިރު، އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ތިބޭ މީހުންނަށް އެކަނި ކައުންސިލްތަކަށް ވޯޓުލުމުގެ ހައްގު ދީފައި އޮތީ ބޭއިންސާފުކޮށެވެ.
"ވަރަށް ބޭއިންސާފު ކަމެއް އެއީ. އެ ރަށެއްގައި ދިރިއުޅޭ ބަޔަކު އެ ރަށެއްގައި ވޯޓުދޭންޖެހޭނީ. މިހާރު ބައެއް ރަށްރަށުގެ ކައުންސިލް ހުންނާނެ އެ ރަށުގައި ދިރިނުއުޅޭ މީހުންގެ ވޯޓުން ވެސް ހޮވާފަ. އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށުގެ ކަންތައްތަކާ ރަށުގެ ހާލަތާ އެނގޭނީ. ރަށުގައި ދިރިނުއުޅޭ ބަޔަކަށް އެކަންތައްތަކެއް ނޭނގޭނެތާ،" ނަޒީފު ވިދާޅުވި އެވެ. "އެ ރަށަށް ގެއްލުމެއް ވިޔަސް، ފައިދާއެއް ވިޔަސް އެ ފައިދާއެއް ވެސް ގެއްލުމެއް ވެސް ވާނީ އެ ތަނެއްގައި ދިރިއުޅޭ ބަޔަކަށްތާ."
މިހާރުގެ ސިސްޓަމް ރާވާފައި އޮތް ގޮތުން އެންމެ ބޮޑު ގެއްލުމެއް ވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައި ތިބޭ މީހުންނަށް ކަމަށް ނަޒީފް ދެކެވަޑައިގަންނަވަ އެވެ.
"މާލޭގެ ކައުންސިލުން ހިދުމަތްދޭންޖެހޭ މާލޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް އެމީހެއްގެ ރަޖިސްޓްރީ ކޮންމެ ތަނަކު އޮތަސް. އެކަން އިންސާފުވެރިއެއް ނޫންތާ. މާލޭގައި ދިރިއުޅޭ ރަށެއްގެ މީހަކަށް ވެސް ވޯޓުލެވެންޖެހޭނެ މާލެއަށް. އެއީ އޭނާގެ ހުރިހާ ކަމެއް މި ނިންމަނީ ސިޓީ ކައުންސިލުން ކަމަށްވާތީ. އޭނާ ހިދުމަތެއް ނުހޯދާ އަނެއް ކައުންސިލުންނެއް،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތައް ތައާރަފު ކުރަން އުޅުނުއިރު، އެ ވާހަކަތައް ހިފައިގެން ނަޒީފު ރައްޔިތުންގެ މަޖިލީހަށް ވެސް ވަޑައިގަތެވެ. ނަމަވެސް އޭނާ ވިދާޅުވީ އެކަން ނުކުރުމަށް މަޖިލީހުން ދެއްކީ ހަމަޖެހޭ އުޒުރެއް ނޫނެވެ.
"މަޖިލީހުން ވެސް މިކަން ނުކުރާން އުޅުނީ. އެމީހުންގެ ބަހުސަކީ އެގޮތަށް ހަދައިފި ނަމަ ރޭޝިއޯ ހަދާފަ ބަޖެޓު ބަހާއިރު މާލެއަށް ލިބޭ ބައި މާ ބޮޑުވާނެއޭ ރަށްރަށަށްވުރެ. އެކަމަކު މިހާރުގެ ކޮންސެޕްޓުން އެކަން ހައްލު ވެސް ވާނެ. ރަށުގެ ޑިވެލޮޕްމަންޓަށް ބައެއް ކަނޑައެޅީމަ ނިމުނީތާ،" ނަޒީފު ކިޔައިދިނެވެ.
އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށް އެ ރަށެއްގެ ކަންކަން ނިންމަން ހޮވާ އިންތިހާބީ އޮފިޝަލުން ހޮވުމުގައި ބާކީ ކުރުމަކީ ޑިމޮކްރަސީގެ އެންމެ ބޮޑު އަސާސް ބޮލާލައިޖެހުން ކަމަށް ކަމުގެ މާހިރުން ދެކެ އެވެ. އެހެންކަމުން ކައުންސިލުތައް ހޮވަން ރާއްޖޭގައި ގެންގުޅެނީ އަންޑިމޮކްރެޓިކް އުސޫލެއް ކަމަށް މާހިރުން ބުނެ އެވެ.
"ވޯޓުލުމުގެ ވާހަކަ ދައްކާއިރު މި ބުނަނީ ޑިމޮކްރެޓިކް ސިސްޓަމެއްގައި ހުރިހާ ބާރުތަކެއް ފެށެނީ ރައްޔިތުންގެ ފަރާތުންނޭ. ރެޕްރެޒެންޓެޓިވް ޑިމޮކްރަސީއެއްގެ އެންމެ ބޮޑު އަސާސަކީ ރިޕްރެޒެންޓޭޝަންތާ. ހޮވޭ ބަޔަކު ތަމްސީލު ކުރަންޖެހޭނީ ރައްޔިތުންގެ ވިސްނުން. މިސާލަކަށް މުނިސިޕަލް ކައުންސިލެއްގެ އިލެކްޓަޑް އޮފިޝަލްސް ވާނެއޭ ރިޕްރެޒެންޓު ކުރަން އެތަނެއްގައި އުޅޭ މީހުން،" ސޯޝަލް ޑިވެލޮޕްމަންޓް ޕްރެކްޓިސްގެ ރޮނގުން ކިޔަވައިގެން ހުންނެވި މައުރިފާ ހަސަން ވިދާޅުވި އެވެ.
ތަރައްގީ އަދި ތަހުޒީބީ ކޮންމެ މުޖްތަމައެއްގައި ވެސް އޮންނަ އުސޫލަކީ އެ ރަށެއްގައި ދިރިއުޅޭ ބަޔަކު އެ ރަށެއްގެ ވެރިން ހޮވުމެވެ. ޒަމާނުއްސުރެ ކަން ހިނގަމުން އަންނަ ގޮތަކީ އެއީ އެވެ.
"އާންމުކޮށް މި އޮންނަ އުސޫލަކީ ކޮންމެވެސް ގޮތަކަށް ދައްކުވަންޖެހެނީ އެ ގައުމުގައިކަން އޭނާ އުޅެނީ. އޭނާއަކީ ރެސިޑެންޓެއްކަން. އެކި ގައުމުތަކުގައި އެކަން ބަލާ ގޮތް ތަފާތު. އަހަންނަށް އެނގިގެން ސްކެންޑެނޭވިއަން ވަރަށް ގިނަ ގައުމުތަކުގައި މި އޮންނަ ގޮތަކީ ތިން އަހަރު އުޅެންޖެހޭ އެ ގައުމެއްގައި،" މައުރިފާ ވިދާޅުވި އެވެ.
ވޯޓުލުމުގެ ހައްގު ދޭއިރު އެކި ގައުމުތަކުގައި ބަލާ މިންގަނޑު ތަފާތެވެ. ނަމަވެސް ކޮންމެ ގައުމެއްގައި ވެސް އަސާސަކަށް ބަލަނީ އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށް މުނިސިޕަލް ކަންކަމުގައި ބަސް ކިޔޭނެ ފުރުސަތު ދިނުމެވެ.
"މިސާލަކަށް އަހަރެން މި އުޅޭ ރަށުގެ ގިނަ ވޯޓާސް މި އުޅެނީ މާލޭގަ. އެކަމަކު އެމީހުން މި ނިންމަނީ ރަށުގެ މުނިސިޕަލް އިލެކްޝަންސް އަދި މުނިސިޕަލްޓީއަށްވާނެ ގޮތް. އެއީ ވަރަށް ބޭއިންސާފުވެރި ގޮތެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެގޮތަށް ކަންތައް އޮންނައިރު ޔޫރަޕު އަދި ބައެއް އެހެން ހިސާބުތަކުގައި އެ ގައުމުގެ ރައްޔިތުން ނޫން މީހުންނަށް ވެސް މުނިސިޕަލް އިންތިހާބުތަކުގައި ވޯޓުލެވެ އެވެ.
"ޔޫރަޕިއަން ބައެއް ގައުމުތަކުގައި އެބަހުރޭ ގައުމުތަކާ އޮންނަ ގުޅުމަށް، ޑިޕްލޮމެޓިކް ރިލޭޝަންސްއަށް ބަލާފަ، މިސާލަކަށް އެމީހުންގެ ރައްޔިތުންނަށް އެހެން ގައުމެއްގެ ރެޒިޑެންޝަލް ވޯޓިން ރައިޓްސް ލިބޭ ނަމަ އެ ގައުމެއްގައި ވެސް ވޯޓުލާން ފުރުސަތު ދޭ ގޮތަށް،" މައުރިފާ ވިދާޅުވި އެވެ. "ބައެއް އެހެން ގައުމުތަކުގައި މިސާލަކަށް ޔޫކޭ ކަހަލަ ކޮލޯނިއަލް ޕަވާސް، އެމީހުން ކުރިން ކޮލޮނައިޒް ކުރި ގައުމުތަކުގެ މީހުންނަށް ވޯޓުލެވޭ ގޮތަށް އޮންނަނީ.
މައުރިފާ ދެކެވަޑައިގަންނަވާ ގޮތުގައި ވޯޓުލުމުގެ ހައްގު ފަދަ އަސާސީ ހައްގެއްގެ ވާހަކަ ދައްކާއިރު ޔޫރަޕު ނޫނީ އެހެން ގައުމެއްގައި ކަންތައް ކުރާ ގޮތް ކޮންމެހެން ބަލާކަށް ވެސް ނުޖެހެ އެވެ.
ޔޫރަޕް ނޫނީ އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ބެލުމެއް ނޫން މިކަމުގައި މުހިންމީ ވެސް. އެއަށްވުރެ ބޮޑަށް އަހަރުމެން ވިސްނަންޖެހޭނީ ޑިމޮކްރެޓިކް ވެލިއުއެއްގައި އެ ބާރު އެންމެ ލެޖިޓިމައިޒްވާނީ ކިހިނެއްތޯ،" އޭނާގެ ހިޔާލު ހިއްސާ ކުރަމުން މައުރިފާ ވިދާޅުވި އެވެ.
އެ ރަށެއްގައި ދިރިއުޅުނު ނަމަވެސް ވޯޓުނުލެވޭ ގޮތަށް ހައްގު ހަނިކޮށްފައި އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން ވެސް ދެކެވަޑައިގަންނަވަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.
"އެތައް ދުވަހެއް ވަންދެން މަލޭގައި އުޅޭ މީހުން މި ވޯޓުލަނީ އޭނާ ރަޖިސްޓްރީވެފައި އޮންނަ ދާއިރާއެއްގެ މެމްބަރުން އިންތިހާބު ކުރަން. އެކަން އޮންނަންޖެހޭނީ އެގޮތަކަށް ނޫން. އެ ދާއިރާއެއްގައި ދިރިއުޅޭ މީހުން އެ ދާއިރާއަކަށް ވޯޓުލާންޖެހޭނީ،" މި ނޫހާ ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި އަމަލު ކުރަމުންމިދާ ނިޒާމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ އުސޫލެއް ނޫން ކަމަށް ހަބީބު ވިދާޅުވި އެވެ.
"ދުނިޔޭގެ އެއްވެސް ތަނަކު އޮންނަ ގޮތެއް ނޫން މިއީކީ. އަޅުގަނޑަށް ބެލި ނަމަވެސް ޔޫކޭގައި ވެސް އަޅުގަނޑުމެން ވޯޓުލާފައި މި ތިބީ. އެ ސިޓިއެއްގައި ދިރިއުޅޭ، ހިދުމަތް ހޯދާ މީހުންނަށް ހާއްސަވާނީ ބަސްބުނަން އެ ސިޓީއެއްގައި ބަސް ބުނުން،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ހައްލު ކުރަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާއި ބަންޑާރަ ނައިބުގެ އޮފީހާ ވެސް ވާހަކަ ދެއްކި އެވެ. އެކަމާ ގުޅޭ ކަރުދާސްތަކެއް ވެސް ތައްޔާރު ކުރި އެވެ. ނަމަވެސް އެ ވާހަކަތަކުން އެއްވެސް އަސަރެއް މިއަދާ ހަމައަށް ވެސް ނުކުރި އެވެ.
"މި މައްސަލައަށް އަޅުގަނޑުމެން ވާނީ ލާމަރުކަޒީ ކޮމެޓީގައި ވެސް މަޝްވަރާކޮށްފަ. އެކަން އިސްލާހު ކުރަން ބަންޑާރަ ނައިބުގެ އޮފީހާ ވެސް މަޝްވަރާ ކުރިން،" ކުރިން ކުރި މަސައްކަތްތަކުގެ ކުރު ހުލާސާއެއް ދެއްވަމުން ހަބީބު ވިދާޅުވި އެވެ.
އެ ރަށެއްގެ ރަޖިސްޓްރީގައި ތިބި މީހުންނަށް އެކަނި ކައުންސިލް އިންތިހާބުތަކުގައި ވޯޓުލެވޭ ގޮތަށް ނިޒާމު އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. ސަބަބުވެރި ވިސްނުމަކުން ވިސްނާ އެއްވެސް މީހަކަށް އެކަން ބަލައިގަތުން ދަތިވާނެ އެވެ. އެހެން އޮތުމުން އެތައް ހާސް ބައެއްގެ ހައްގު ގެއްލެ އެވެ. އެއީ ބަދަލު ކުރަންޖެހޭ އަނިޔާވެރި ނިޒާމެކެވެ.
Comment