Advertisement

ފީފާ ބެސްޓް އެވޯޑް މި ފަހަރު ވެސް މެސީ އަށް

16 ޖަނަވަރީ 2024 - 07:51 0

މިދިޔަ އަހަރުގެ ބެސްޓް އެވޯޑްސް ހަފްލާގެ ތެރެއިން މެސީ (ވ) އާއި ފީފާގެ ރައީސް އިންފަންޓީނޯ.--- ފޮޓޯ: އޭއެފްޕީ


ފީފާ ބެސްޓް އެވޯޑް މި ފަހަރު ވެސް މެސީ އަށް

16 ޖަނަވަރީ 2024 - 07:51 0

ލަންޑަން (ޖެނުއަރީ 16) - ފީފާގެ ބެސްޓް އެވޯޑްސް އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މި ފަހަރު ވެސް އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ ހޯދައިފި އެވެ.

ތިން ވަނަ ފަހަރަށް ފީފާ ބެސްޓް އެވޯޑް ހޯދި މެސީއާ މި ފަހަރު ވާދަކުރީ މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް އާއި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އެވެ. މެސީ އާއި ހާލަންޑަށް އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް، މެސީ އަށް އެވޯޑް ދޭން ނިންމީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންގެ ވޯޓު މެސީ އަށް ގިނަ ވުމުންނެވެ.

މެސީ މި ވަނީ، 2019، 2022 އަދި މި އަހަރު ފީފާގެ ބެސްޓް އެވޯޑްސް ހާސިލްކޮށްފަ އެވެ. ބެސްޓް އެވޯޑްސްގެ ފޯމެޓަށް ފީފާ އިން އެވޯޑެއް ދޭން ފެށީ 2016 ވަަނަ އަހަރު އެވެ.

އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ ނޮމިނޭޝަން ކަނޑައަޅާފައިވަނީ، 19 ޑިސެމްބަރު 2022 އިން ފެށިގެން، 20 އޮގަސްޓް 2023 އަށެވެ. މާނަ އަކީ ފީފާ ވޯލްޑް ކަޕްގެ ފައިނަލް ކުޅެފައިވަނީ މި ނޮމިނޭޝަން ނަގާ ތާރީހުގެ ތެރޭގަ އެވެ.

އެހެންކަމުން، އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ކުޅޭ މެސީ އަށް މި މަގާމު ލިބުމުގައި ވޯލްޑް ކަޕްގެ ކުޅުމަށް ވަރަށް ބޮޑަށް ބަލާފައިވެ އެވެ. މިދިޔަ ސީޒަނުގައި 52 ގޯލު ޖަހައި، ތިން ތަށި ހޯދި، ހާލަންޑަށް މި ޓްރޮފީ ނުލިބުމުން ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.

ރޭގެ ހަފްލާ އަށް މެސީ، އެމްބާޕޭ އަދި ހާލަންޑަށް ވެސް ހާޒިރުނުވެވޭތީީ، ޓްރޮފީއާ ހަވާލުވީ ރޭ ޝޯގައި ހޯސްޓަކަށް ހުރި ފްރާންސްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމު، ސިޓީގެ ޕެޕް ގާޑިއޯލާ އަށް ލިބުނުއިރު، މޮޅު ކީޕަރަކީ ސިޓީގެ އެޑަސަން އެވެ. ފީފާގެ ޑްރީމް ޓީމުގައި ސިޓީގެ ހަ ކުޅުންތެރިން ހިމެނެ އެވެ. އެއީ، ޖޯން ސްޓޯންސް، ކައިލް ވޯކާ، ރުބެން ޑިއާޒް، ކެވިން ޑި ބްރޭނާ، ބެނާޑޯ ސިލްވާ އަދި ހާލަންޑް އެވެ. ދެން ހިމެނެނީ، ރެއާލް މެޑްރިޑްގެ ތިބޯ ކޯޓުއާ، ޖޫޑް ބެލިންހަމް، ވިނީޝިއުސް ޖޫނިއާގެ އިތުރުން ޕީއެސްޖީގެ އެމްބާޕޭ އަދި މެސީ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ ސްޕެއިންގެ އައިޓާނާ ބޮންމަޓީ އެވެ. އެންމެ މޮޅު އަންހެން ކޯޗަކީ، އިންގްލެންޑްގެ ސަރީނާ ވައިގްމަން އެވެ.