Advertisement

އިނގިރޭސި ކްލަބްތަކުން އެޖެންޓުންނަށް ކުރާ ހަރަދުތައް އިންތިހާގައި؛ ފީފާ އިން ކަންބޮޑުވުން ފާޅުކޮށްފި

20 އޭޕްރީލް 2024 - 12:15 0


އިނގިރޭސި ކްލަބްތަކުން އެޖެންޓުންނަށް ކުރާ ހަރަދުތައް އިންތިހާގައި؛ ފީފާ އިން ކަންބޮޑުވުން ފާޅުކޮށްފި

20 އޭޕްރީލް 2024 - 12:15 0

ލަންޑަން (އޭޕްރީލް 20) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ޓްރާންސްފާ ޑީލްތަކުގެ ތެެރެއިން ފުޓްބޯޅަ އެޖެންޓުންނަށް ކުރާ ހަރަދުތައް އިންތިހާ ދަރަޖައަށް ބޮޑުވެފައިވާއިރު، އެކަމާ މެދު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް އިނގިރޭސި ޕްރިމިއާ ކްލަބްތަކުން ވަނީ އެޖެންޓް ފީގެ ގޮތުގައި، 409.5 މިލިއަން ޕައުންޑް (506.5 މިލިއަން ޑޮލަރު) ހަރަދުކޮށްފަ އެވެ. އެއް ކްލަަބަކުން އެންމެ ގިނައިން ހަރަދުކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ޗެލްސީ އެންމެ ކުރީގައި އޮތީ 93 މިލިއަން ޑޮލަރު އެޖެންޓުންނަށް ހަރަދުކޮށްގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީން 75 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ވަނީ 42.5 މިލިއަން ޑޮލަރު އެޖެންޓުންނަށް ހަރަދުކޮށްފަ އެވެ.

ފީފާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، އިނގިރޭސި ކްލަބްތަކުން ވަނީ އެ އަހަރު، އެޖެންޓް ފީގެ ގޮތުގައި، 888 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

މި ހުރިހާ ކަމަކަށް އަލި އަޅުވާލައި، ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ، މިއީ ފުޓްބޯޅަ އަށް ރަނގަޅު މަންޒަރުތަކެއް ނޫން ކަމަށެވެ.

"މީގެއިން ގިނަ ފައިސާ މި ދަނީ ފުޓްބޯޅައާ ދުރަށް. މި ފައިސާ ހަގީގަތުގައި ފުޓްބޯޅަ އަށް އިންވެސްޓްކުރެވޭނެ ނިޒާމުތަކެއް ގާއިމްކުރެވެން ޖެހޭނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

އިންފަންޓީނޯ ވިދާޅުވީ، ފީފާ އިން އަބަދުވެސް މަސައްކަތްކުރަނީ ފައިސާގެ ކަންކަން ފުޓްބޯޅަ އަށް މަންފާ ކުރާ ގޮތަށް ދެ ފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ގެންދިއުމަށް ކަމަށެވެ. އެކަމަކު، އެޖެންޓް ފީ ކަހަލަ މައްސަލަތަކުގައި ފީފާ އިން އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނައިރު ވެސް ހައްލެއް ނުލިބި އޮތް އެންމެ ބޮޑު ސަބަބަކީ، ގައުމުތަކުގެ ގާނޫނުތަކާ ފުށުއެރުން ހުންނަ މައްސަލަތަކެއް ކުރިމަތިވާތީ ކަމަށް އިންފަންޓީނޯ ފާހަގަކުރެއްވި އެވެ.

އެޖެންޓް ފީގެ ކަންކަމުގެ މައްސަލަ ބޮޑުވެ، ކުޅުންތެރިންގެ އަގުތައް ވެސް ޓްރާންސްފާ ބާޒާރުގައި ވަނީ ވަރަށް ބޮޑުތަނުން އުފުލިފަ އެވެ. އިންފަންޓީނޯ ވިދާޅުވީ، އެޖެންޓް ފީގެ މައްސަލަ އަށް ހައްލެއް ނުލިބި އޮތް އަނެއް ސަބަބަކީ، މީގެ އެޖެންޓުން ފީފާއާ ދެކޮޅަށް މައްސަލަ ހިފައިގެން ކޯޓަށް ދާ ދިއުން އިތުރުވުން ކަމަށެވެ.