15 ޖަނަވަރީ 2024 - 17:27 0
15 ޖަނަވަރީ 2024 - 17:27 0
ދޯހާ، ގަތަރު (ޖެނުއަރީ 15) - ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ފުޓްބޯލް ލީގު (ޕްރޯ ލީގު) ވަރަށް ވަރުގަދަ ކަމަށާއި، އެކަމަކު، މީގެ މައްސަލަ އަކީ ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކްލަބް ލެވަލްގައި ކުޅެން ލިބޭ ފުރުސަތު މަދުވުން ކަމަށް ސައުދީ ޓީމުގެ ކޯޗު، ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގައި ސައުދީން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ އޮމާނާ ބައްދަލުކުރާނެ އެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަންޗިނީ އަށް ގިނަ ސުވާލުތަކެއް އަމާޒުވީ ސައުދީ ޕްރޯ ލީގާ ބެހޭގޮތުންނެވެ.
"ތައްޔާރީތައް ގޯހެކޭ ބުނެވޭކަށް ނެތް. އެކަމަކު، ހުރިހާ ކަމެއް ރަނގަޅެއް ވެސް ނޫން. އެއީ، އަހަރެމެންނަށް ދިމާވެފައި އޮތް މައްސަލައެއް އެއީ ކްލަބްތަކުގައި ސައުދީ ކުޅުންތެރިންނަށް އެކަށީގެންވާ ވަރަށް ކުޅެލަން ވަގުތެއް ނުލިބޭ،" އިޓަލީ އަށް އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު، މަންޗިނީ ބުންޏެވެ.
ޔޫރަޕްގެ މަޝްހޫރު ކްލަބްތަކަށް ކޯޗުކޮށްދީފައިވާ މަންޗިނީ ބުނީ، ސައުދީ ކުޅުންތެރިންގެ ލެވަލް މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި އެއީ ލީގު ވަރުގަދަ ވުމުގެ ފައިދާ ކަމަށެވެ.
އެކަމަކު، މީގެ ސައުދީން އެ ގައުމުގެ ގައުމީ ޓީމުގެ މުސްތަގުބަލަށް ވިސްނާނަމަ ކުޅުންތެރިންގެ ހައްގުގައި ކުޅުމުގެ ފުރުސަތު އިތުރު ކުރެވޭނެ ގޮތަކަށް ޕްރޯ ލީގުގައި ކަންކަން ރޭވޭނެ އުސޫލެއް ބޭއްވުން ބުއްދިވެރި ކަމަށް މަންޗިނީ ގަބޫލުކުރެ އެވެ.
މަންޗިނީ، މިދިޔަ އޮގަސްޓް މަހު، ސައުދީގެ ގައުމީ ޓީމާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރިއިރު، އޭނާ އަށް އަހަރެއްގެ މައްޗަށް 25 މިލިއަން ޕައުންޑް ލިބޭނެ 30 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ މުސާރަ އެއް ލިބޭ ގޮތަށެވެ. މިއީ ގައުމީ ޓީމްތަކަށް ކޯޗުކަންކޮށްދޭ ކޯޗުންނާ ބަލާއިރު ރެކޯޑު އަދަދެކެވެ. ވޯލްޑް ކަޕްތަކުގައި ވާދަކުރާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކޯޗުންނަށް އަހަރެއްގެ މައްޗަށް އެވަރެޖްކޮށް ލިބޭނީ 5-10 މިލިއަން ޑޮލަރެވެ.
ސައުދީ ޓީމުގައި މަންޗިނީގެ އެސިސްޓަންޓަކަށް މަސައްކަތް ކުރަނީ، އޭނާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީ އަށް ކުޅުނު އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު، ޔާޔާ ޓޫރޭ އެވެ.
ސައުދީ އާއި އޮމާންގެ އިތުރުން ދެން އޭޝިއަން ކަޕްގެ ގްރޫޕް އެފްގައި ހިމެނެނީ ކިރްގިސްތާން އާއި ތައިލެންޑް އެވެ.
Comment