Advertisement

ތުލުސްދޫން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިފި، ކިނޮޅަހު ކުންފުނި އުފައްދަނީ

15 ޖަނަވަރީ 2024 - 13:33 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކ. ތުލުސްދޫ: ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނިން ވަނީ ލަގްޒަރީ ގެސްޓްހައުސްއެއް އަޅަން ބަޔަކާ ހަވާލުކޮށްފައި -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ތުލުސްދޫން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިފި، ކިނޮޅަހު ކުންފުނި އުފައްދަނީ

15 ޖަނަވަރީ 2024 - 13:33 0

ލޯކަލް އޮތޯރިޓީ ކުންފުނި ގަވާއިދުގެ ދަށުން ކ. ތުލުސްދޫން ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކޮށް މަސައްކަތް ފަށައި، ރ. ކިނޮޅަހު ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެ ކައުންސިލުތަކުން ބުނެފި އެވެ.

ލޯކަލް އޮތޯރިޓީ ކުންފުނިތަކަކީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލުތައް މާލީ ބާރުވެރިކުރުމުގެ މަގުސަދުގައި އުފައްދަން ހުއްދަ ދީފައިވާ ވިޔަފާރިތަކެކެވެ. އެންމެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކުރީ އއ. ތޮއްޑޫ ކައުންސިލުން ޑިސެމްބަރު 19، 2022 ގައި އެވެ.

ތުލުސްދޫ ކައުންސިލުން އުފެއްދީ ދެވަނަ ލޯކަލް އޮތޯރިޓީ ކުންފުންޏެވެ.

މިކަމާ ގުޅޭ މައުލޫމާތު "އަދަދު" އާ ހިއްސާކުރަމުން ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، ލޯކަލް އޮތޯރިޓީ ކޮމްޕެނީ ރަޖިސްޓްރީކޮށް ޖުމުލަ ތިން މަޝްރޫއުއެއް ފަށާފައި ވާކަމަށެވެ. އަދި ރަށާއި ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ރާވައިފައިވާކަމަށް އަސްލަމް ވިދާޅުވި އެވެ.

ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި 145 ކޮޓަރީގެ ލަގްޒަރީ ގެސްޓް ހައުސްއެއް އެޅުމުގެ މަސައްކަތް ހިމެނެ އެވެ. އަސްލަމް ވިދާޅުވީ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް، ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިފައި ވާކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނެ 145 ކޮޓަރީގެ ގެސްޓް ހައުސްއެއް އަޅަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފަ. އެއީ ލަގްޒަރީ ފެންވަރުގަ. އިތުރު ދެ މަޝްރޫއުއެއްގެ އެއްބަސްވުމުގަ ސޮއިކުރުމުގެ މަސައްކަތް ވެސް އެބަ ކުރިއަށްދޭ،" އަސްލަމް ވިދާޅުވި އެވެ.

ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނިން އިތުރަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހައުސިން ޕްރޮޖެކްޓަކާއި ރަށުގެ މަގުތަށް ރަނގަޅު ފެންވަރަށް ހެދުން އަދި ބަނދަރު ތަރައްގީކުރުން ހިމެނެ އެވެ.

ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ރ. ކިނަޅޮހު ރަށު ކައުންސިލުގެ ރައީސް އަހުމަދު ހުސެއިން މިއަދު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި (މާޗު މަހުގެ ކުރިން) ކުންފުނި ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މި ކުންފުނި އުފެއްދުމުގެ މައިގަނދު މަގުސަދަކީ ގާނޫނުގެ ތެރެއިން ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ކުޑަކުރުން ކަމަށެވެ.

އެގޮތުން ކުންފުނި އުފެއްދުމަށްފަހު ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ބިޒްނަސް ޕްލޭންއެއް އެކުލަވާލާފައިވާކަން އަހުމަދު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ބޮނބި ކުނި އުފެއްދުން، ގަސްކާނާ އުފެއްދުން، ލޯކަލް ޓޫރިޒަމް ކުރިއެރުވުން އަދި ޕޮލްޓަރީ ފާމިން ހިމެނެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވަނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު" އޭޕްރީލް، 2021، ގައި ގެޒެޓުކޮށްފަ އެވެ.

އެ ގަވާއިދާއެކު ކުންފުނި ހަދައިގެން ކައުންސިލްތަކުން ވިޔަފާރިކުރެވޭނެ ފުރުސަތު ވަނީ ކައުންސިލްތަކަށް ފަހިވެގެން ގޮސްފަ އެވެ.