Advertisement

އާމްދަނީން ނަގާ ޓެކްސްއިން އުނިކުރެވޭނީ ފައިސާއިން ދޭ ހަދިޔާ އެކަނި ކަމަށް ކަނޑައަޅައިފި

15 ޖަނަވަރީ 2024 - 08:17 0

އަމަން ހަލީމް

އަމަން ހަލީމް

ދެ މީހަކު ދިވެހި ރުފިޔާތަކެއް ބަދަލުކުރަނީ: އިންކަމް ޓެކްސް ނަގަން ފެށީ 2020 ގައި --- އަދަދު ފައިލް ފޮޓޯ


އާމްދަނީން ނަގާ ޓެކްސްއިން އުނިކުރެވޭނީ ފައިސާއިން ދޭ ހަދިޔާ އެކަނި ކަމަށް ކަނޑައަޅައިފި

15 ޖަނަވަރީ 2024 - 08:17 0

ޓެކްސް ދައްކާ މީހުންނާއި ވިޔަފާރިތަކުގެ އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަންތައް އެކަނި ކަމަށް ކަނޑައަޅައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކްސް ރޫލިންއެއް އިއްޔެ ނެރެފި އެވެ.

ޑޮނޭޝަންގެ ގޮތުގައި ދޭ ފައިސާ އުނިކުރުމާ ގުޅޭގޮތުން މީރާއިން ނެރުނު ރޫލިންގައި ވަނީ ދައުލަތުގެ އޮފީސްތަކާއި މީރާގެ ކޮމިޝަނާ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަށް ދޭ ފައިސާ ޑޮނޭޝަން (ހަދިޔާ) ކަމުގައި ބަލައި އާމްދަނީން ނަގާ ޓެކުހުން އުނިކުރެވޭނެ ކަމަށެވެ.

"ޓެކްސް ބިނާ ކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި [ޓެކްސް ނެގުމާ ބެހޭ އިދާރީ] ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ޑޮނޭޝަންގެ ގޮތުގައި އުނިކުރެވޭނީ ފައިސާއިން ދޭ ޑޮނޭޝަން އެކަނި،" އެ ރޫލިންގައި ބުނެފައިވެ އެވެ.

މިގޮތަށް ފައިސާ ހަދިޔާ ކުރާ ޖަމިއްޔާއަކީ މީރާއިން ޝާއިއުކޮށްފައިވާ ޖަމިއްޔާތަކުގެ ލިސްޓުގައި ހިމެނޭ ޖަމިއްޔާއަކަށް ވާން ޖެހެ އެވެ. މި ފައިސާ އުނިކުރެވޭނީ ޓެކްސް ފައިސާ ހިސާބުކުރާ މުއްދަތުގެ ތެރޭގައި ހަދިޔާ ކުރި ފައިސާ ނަމަ އެވެ.

މީރާގެ ރޫލިންގައިވާ ގޮތުން އެއްވެސް ޖަމިއްޔާއަކަށް މުދަލުން ނުވަތަ ހިދުމަތުން ދޭ ހަދިޔާތައް ޓެކްސްއިން އުނިނުކުރެވޭނެ އެވެ. މީރާގެ ޓެކްސް ރޫލިންގައި ބުނެފައި ވަނީ އެ ނިންމުމަށް އަމަލު ކުރަން ފަށާނީ މާޗް 1، 2024 އިން ފެށިގެން ކަމަށެވެ.