Advertisement

ރާއްޖޭގެ ރާބިތާ އޮފީސް އަލުން އިއާދަކުރަނީ

14 ޖަނަވަރީ 2024 - 16:02 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާބިތާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވަނީ -- ފޮޓޯ: މިނިސްޓްރީ


ރާއްޖޭގެ ރާބިތާ އޮފީސް އަލުން އިއާދަކުރަނީ

14 ޖަނަވަރީ 2024 - 16:02 0

ރާއްޖޭގައި ކުރިން ހުންނަ ރާބިތަތުލް އާލަމިލް އިސްލާމީއްޔާގެ އޮފީސް އަލުން އިއާދަކުރުމަށް ނިންމައިފި އެވެ.

ހައްޖު ކޮންފަރެންސްގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ވަނީ ރާބިތާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުއްރަހްމާން ބިން އަބްދުﷲ ޒައިދު އާއި ބައްދަލުކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އަދި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެޑައިގެންނެވި އެވެ. މިއަދު ހެނދުނު އޮތް މި ބައްދަލުވުން ކުރިއަށްދިޔައީ މައްކާގައި ހުންނަ ރާބިތާގެ ހެޑް އޮފީހުގަ އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މި ބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްލާމީ ތަސައްވުރު ހިއްސާކުރައްވާފަ އެވެ. އަދި ރާބިތާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެއްވި އެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީއާއި ރާބިތާއާ ދެމެދު 2012 އިން 2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް އަމަލުކުރަން ފަށައި، ރާއްޖޭގައި ރާބިތާގެ އޮފީސް އަލުން އިއާދަކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީކުރުމުގައި ރާބިތާގެ އިސްލާމީ ފިގުހު އެކަޑަމީގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް ކޮށްފައިވެ އެވެ.

މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިތަތުލް އާލަމިލް އިސްލާމިއްޔާ އަކީ ސައުދީ އަރަބިއްޔާގެ މައްކާގައި 1962 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.