Advertisement

އަންނަ ދިރާސީ އަހަރު "ދިވެހި ގައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަނީ

14 ޖަނަވަރީ 2024 - 15:17 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހުޅުދުއްފާރު ސްކޫލު ކުދިން -- ފޮޓޯ: އަދަދު


އަންނަ ދިރާސީ އަހަރު "ދިވެހި ގައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަނީ

14 ޖަނަވަރީ 2024 - 15:17 0

ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ހިމަނައި، އަންނަ ދިރާސީ އައު އަހަރު ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް ޖެނުއަރީ 10، ގައި އޮތް ސޯޝަލް ކައުންސިލް ބައްދަލުވުމުގައި ނިންމައިފައިވާ ކަމަށެވެ.

ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދުނުމުގެ ކަރުދާސް ސޯޝަލް ކައުސިލަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ.

އެގޮތުން ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ނިންމީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ކަމުގައި ނާޒިމް ވިދާޅުވި އެވެ.

"ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށް، ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ މަގުސަދުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނެއްވުމަށް ސޯޝަލް ކައުންސިލުގަ ވަނީ ނިންމާފަ،" ނާޒިމް ފާހަގަކުރެއްވި އެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ތައުލީމީ މަންހަޖަށް މި މާއްދާ އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް، އަންނަ ދިރާސީ އައު އަހަރު ފަށާއިރު، ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީން މި މަސައްކަތް ކުރާނީ ރައީސް އޮފީހާއި މަޝްވަރާކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ދިރާސީ އައު އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ފަށައި، ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފަ،" ނާޒިމް ވިދާޅުވި އެވެ.

އާ މާއްދާއެއް ގައުމީ ތައުލީމީ މަންހަޖަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާއިރު، ކުރީގެ ކަލަންޑަރަށް ބަދަލުތަކެއް ގެނައުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން މިހާރު ހިނގަމުން މިދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އޭޕްރީލް 30، ގަ އެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ދިރާސީ އައު އަހަރު މެއި 26، ގައި ފަށައި، އަންނަ 2025 ގެ ފެބްރުއަރީގައި ނިންމާނެ އެވެ. އަދި އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މާޗު، 2025 ގައި ފަށާ ގޮތަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ނަމަވެސް، 10 މަސް ދުވަހުގެ ތެރޭގައި އެއް އަހަރު ދުވަހުގެ ސިލަބަސް ކަވަރުކޮށް، ދަރިވަރުންނަށް ކިޔަވައިދިނުމުގެ އިންތިޒާމު އޮންނާނެ ގޮތެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.