Advertisement

ރައީސް އޮފީހަށް ފޯނު ވެއްދުން ނޫސްވެރިންނަށް މަނާކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް!

28 އޭޕްރީލް 2024 - 15:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު : ރައީސް އޮފީހަށް ފޯނު ވެއްދުން ނޫސްވެރިންނަށް މަނާކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ - ފޮޓޯ: ރައީސް އޮފީސް


ރައީސް އޮފީހަށް ފޯނު ވެއްދުން ނޫސްވެރިންނަށް މަނާކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް!

28 އޭޕްރީލް 2024 - 15:18 0

މިއަދަށް ފަހު ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވާ ނޫސްވެރިންގެ ފޯނު އެ އޮފީހަށް ވެއްދުން މަނާކުރުމުން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަން ފަށައިފި އެވެ.

ތިން މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު، ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތާވަލުކުރީ މިއަދު ހެދުނު 11:00 ގަ އެވެ. ފޯނު ވެއްދުން މަނާ ކަމަށް ރައީސް އޮފީހުން އެންގީ ނޫސްވެރިން އެ ބައްދަލުވުމަށް ދިއުމުންނެވެ. ނަމަވެސް، ކުރިން އެންގިފައި ނެތުމުން މިއަދު ވަނީ ފޯނު ވެއްދުމުގެ ހުއްދަ ދީފަ އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު، ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ފޯނު ނުވެއްދެނީ ރައީސް އޮފީހުގެ ސަލާމަތީ ޕްރޮޓޮކޯލްގެ ދަށުން ނިންމާފައިވާ ނިންމުމެއްގެ ދަށުން ކަމަށެވެ. އެކަން އެމްއެންޑީއެފުންވެސް ކަށަވަރުކޮށްދިނެވެ.

އެގޮތަށް އުސޫލު ހެދުމުން ސޯޝަލް މީޑިއާގައި ދަނީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށެވެ.

"މިއީ ބަލައިގަނެވޭނެ ކަމެއް ނޫން، ނޫސްވެރިންނަށް އެ މީހުންގެ ނިއުސް ރޫމާ މުއާމަލާތް ކުރެވޭނެ ފުރުސަތު އޮންނަންވާނެ" ކުރީ ސަރުކާރުގެ ތަރުޖަމާނުގެ ގޮތުގައި ހުންނެވި މިއުވާން މުހައްމަދު އެކްސްގައި ލިޔުއްވި އެވެ.

"މިއީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ދެކެން،" އަދި "މިއީ ފަހަތަށް އެޅުނު ފިޔަވަޅެއް،" ފަދަ އެތައް ފާޑުކިޔުމުގެ ބަހެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި މިއީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށް ބަލާ ނޫސްވެރިކަމަށް މި ސަރުކާރުން ސީދާ ގޮތެއްގައި ހުރަސް އަޅަން ކުރި ކަމެކެވެ. އަދި މިއީ ހުދުމުހުތާރު ވެރިކަންކުރާ، އުތުރު ކޮރެއާ ފަދަ ގައުމުތަކުގެ މިސާލުން ނެގޭފަދަ އަމަލެއް ކަމަށްވެސް ބައެއް މީހުން ސިފަކުރި އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕީއެންއެފްއިންވެސް ވަނީ ރައީސް އޮފީހަށް ނޫސްވެރިންނަށް ފޯނު ވެއްދުން މަނާކުރުން ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެޕާޓީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުން މަނާކުރުން ތަހުޒީބީ ދުނިޔޭގައި ދެކޮޅު ނުޖެހޭ ކަމަށެވެ.

ރާއްޖޭގެ ގާނޫނުއަސާސީގައި ހާއްސަކޮށް ބިންވަޅު ނަގާފައިވާ ނޫސްވެރިކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކުރާ އެންމެހާ އަމަލުތައް ޕީއެންއެފްގެ ފަރާތުން ކުށްވެރިކުރާ ކަމަށް މަލީހު ވިދާޅުވި އެވެ.

"ރައީސް އޮފީހަށް ވަންނަ ނޫސްވެރިންނަށް ފޯނުފަދަ ވަސީލަތްތައް ވެއްދޭ ގޮތަށް އަލުން ހުއްދަ ދެއްވާ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގެ މައުލޫމާތު މިހާރަށްވުރެ ހާމަކަން ބޮޑުކޮށް ދޭތެރެ ކައިރިކޮށް ދިނުމަށް ވެސް ގޮވާލަން،" މަލީހް ވިދާޅުވި އެވެ.

މީގެކުރިންވެސް ރައީސް އޮފީހަށް އެކި ބައްދަލުވުންތަކަށް ދާ މީހުންނަށް ފޯނު ނުވެއްދުނު ނަމަވެސް ނޫސްވެރިންނަށް އެ ފުރުސަތު ދެ އެވެ. ސަބަބަކީ ފޯނަކީ އެފަދަ ބައްދަލުވުންތަކުގައި ދޭ މައުލޫމާތާ ގުޅިގެން ފޮލޯއަޕް ސުވާލު ކުރުމަށް ކުރަންޖެހޭ ކުރު ދިރާސާތައް ކުރުމަށް މުހިންމު އާލާތަކަށް ވުމެވެ.