Advertisement

ވޯޓުލާން އާންމުންގެ ޝައުގެއް ނެތް; މައްސަލައަކީ ކޮބާ؟

15 ޖަނަވަރީ 2024 - 11:33 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވޯޓާސް ލިސްޓަށް މީހަކު ބަލަހައްޓައިގެން: ވޯޓުލުމުގެ ހައްގުގެ ބޭނުން ގިނަ މީހުން ނުހިފާ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވޯޓުލާން އާންމުންގެ ޝައުގެއް ނެތް; މައްސަލައަކީ ކޮބާ؟

15 ޖަނަވަރީ 2024 - 11:33 0

ވެރި ރަށް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވިވަޑަގައިގަތުމުން މޭޔަރުގެ ގޮނޑީގެ އަގު އުފުލިގެން ދިޔަ އެވެ. މޭޔަރަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބަށް ކެންޑިޑޭޓުންނާއި ޕާޓީތަކުން ކުރި މަސައްކަތުން ވެސް އެ ގޮނޑީގެ އަގު ވަޒަންކޮށްލެވެ އެވެ.

ގާތްގަނޑަކަށް ދޮޅު މަސް ދުވަސް ވަންދެން ޕާޓީތަކުން ކޮންމެ ރެއަކާއި ދުވާލު ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތައް ބޭއްވި އެވެ. މުޅި މާލެ ފުރާލާފައި އޮތީ ކެމްޕެއިން ޕޯސްޓަރުތަކާއި ބެނާތަކާއި ދިދަތަކުންނެވެ. ދޭތެރެއަކުން ލޮރީއެއްގައި ނުކުމެ ކެންޑިޑޭޓުންގެ ވައުދުތަކާއި މެނިފެސްޓޯތައް ލައުޑު ސްޕީކަރުން އިއްވި އެވެ.

އެ ދުވަސްވަރު މާލެއަށް ޒިޔާރަތްކޮށްފި ބިދޭސީއަކަށް ފެންނާނީ ފޯރިގަދަ އިންތިހާބެއް ކުރިމަތީގައި މަންޒަރެވެ. ނަމަވެސް ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

އިންތިހާބާ ދިމާކޮށް ޕާޓީތަކުން ދެއްކި ފޯރި ވޯޓުލީ ދުވަހު އާންމުންގެ ފަރާތަކުން ނުފެނުނެވެ. ވޯޓުލާން ހުޅުވާލާފައި އޮތް ވަގުތުގައި ވޯޓު ލާ މަރުކަޒުތައް އޮތީ ފަޅަށެވެ. ގާތްގަނޑަކަށް 900 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީ ކުރި ފޮށިތަކަށް ވޯޓުލީ އެންމެ 300 ވަރަކަށް މީހުންނެވެ. ގާތްގަނޑަކަށް 211،000 މީހުން ދިރިއުޅޭ މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބު ވެގެން ދިޔައީ ހަމަ "އާދައިގެ" ބައި އިލެކްޝަނަކަށެވެ.

އިއްޔެ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54,680 މީހުންނަށް ލިބުނު ނަމަވެސް އޭގެ ތެރެއިން ވޯޓު ލާފައި ވަނީ އެންމެ 17،410 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ އާބާދީގެ އެންމެ 31.8 ޕަސެންޓު މީހުންނެވެ. އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓް، އާދަމް އާޒިމްއަށް ލިބުނީ 7،621 ވޯޓެވެ. އާޒިމްއާ އެންމެ ގާތުން ވާދަކުރި ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ލިބިފައި ވަނީ 5،031 ވޯޓެވެ.

އެއާއެކު އިންތިހާބުތަކަށް އާންމުންގެ މެދުގައި އޮތް ފޯރި ކުޑަވަމުން މިދަނީ ކީއްވެތޯ ސުވާލު އުފެދެ އެވެ. އިއްޔެ ބޭއްވި މޭޔަރުގެ ބައި-އިލެކްޝަނަށް މިހާ ތާއީދު ކުޑަވީ ލާމަރުކަޒީ ނިޒާމަށް އޮތް އިތުބާރު ކުޑަވެގެންތޯ ސުވާލު އުފެދެ އެވެ. ނުވަތަ މާލެއަށް މޭޔަރަކު ހޮވުން މާލޭ ރައްޔިތުންނަށް މުހިންމު ނުވަނީތޯ ވެސް ސުވާލު އުފެދެ އެވެ. ސިޔާސީ ލީޑަރުންނާއި ޕާޓީތަކަށް އޮތް އިތުބާރު ގެއްލިގެން ދިޔައީތޯ ވެސް ސުވާލު އުފެދެ އެވެ.

ވޯޓުލާން އޮތް ޝައުގުވެރިކަން އާންމުންގެ މެދުގައި ނެތުމަކީ މައްސަލައެއް ކަމަށް މި ނޫހާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބައި-އިލެކްޝަންސްތަކަށް އޮންނަ ތަރުހީބު އަބަދުވެސް ކުޑަ ކަމަށެވެ. ހޮނިހިރު ދުވަހުގެ އިންތިހާބުގެ ވޯޓާ ޓާންއައުޓް މަދުވީ ވެސް ބައި-އިލެކްޝަނަކަށްވާތީ ކަމަށް އޭނާ ދެކެ އެވެ.

"ރިޔާސީ އިންތިހާބާ ލޯކަލް ކައުންސިލް އިންތިހާބަކާ އަޅާވެސް ނުކިޔޭނެ، 31 އިންސައްތަ މީހުން ވެސް ވޯޓު ލާން ނުކުތީ މޭޔަރު އިންތިހާބެއް ވީމަ، އުންމީދު ކުރިން ގާތްގަނޑަކަށް 35 އިންސައްތަ މީހުން ވޯޓު ލާން ނުކުންނާނެ ކަމަށް، ހީކުރި ވަރަށްވުރެ ދަށް،" ހަބީބް ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ވެސް މައްސަލަތަކެއް ހުރި ކަމަށާއި އެކަން ރަނގަޅަށް ބަލައި ދިރާސާ ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ހިޔާލުގައި އެއްޗެއް ބުނާނަމަ، ބުނަން އޮތީ ދިރާސާ ނުކުރެވެނީއޭ އަދިވެސް ރަނގަޅަށް، ގައުމީ ފެންވަރެއްގައި ރަނގަޅު ދިރާސާއެއް ކުރަން އެބަ ޖެހޭ ލާމަރުކަޒީ ނިޒާމުގެ، އެއް ފަހަރު ތިން މެމްބަރުން ކައުންސިލްގައި ތިބެފައި، އަނެއް ފަހަރު ފަސް މެމްބަރުން ތިބީމަ ކަމަކު ނުދާނެ،" ހަބީބް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުތަކުގައި ވޯޓުލުމަށް އޮންނަ ޝައުގުވެރިކަން ކުޑަކަން ފާހަގަ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ، އެފަދަ އިންތިހާބުތަކަށް އާންމުންގެ ޝައުގުވެރިކަން ނުވެސް އުފެއްދޭނެ ކަމަށެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް މަދުން މީހުން ވޯޓު ލާން ނުކުތުމަކީ އަބަދުވެސް ކަން ހިނގާ ގޮތް، އަމުދުން ބައި އިލެކްޝަނެއްގައި މަދުވާނެ، އެއީ ޕެޓާން އެއް. ކައުންސިލް އިންތިހާބަށް ކިތަންމެ ޝައުގުވެރިކަން އުފައްދަން އުޅުނަސް، އެކަމެއް ނުވާނެ،" އަލީ ނިޔާޒް ވިދާޅުވި އެވެ.

ނަމަވެސް ނިޔާޒްގެ ހިޔާލަށް އެންމެން އެއްބަހެއް ނުވެ އެވެ. ކައުންސިލް އިންތިހާބު ނޫނަސް އިންތިހާބުތަކުގައި ވޯޓުލުމުގެ ޝައުގުވެރިކަން އާންމުންގެ މެދުގައި ދަށްވަމުން އަންނަ ކަމަށް މާފަންނު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިމްތިޔާޒް ފަހުމީ ދެކެވަޑައިގަންނަވަ އެވެ.

"މީހުން ވޯޓު ލާން ނުކުތުން މަދު ވަނީ އިންތިހާބުތަކަށް ޝައުގުވެރިކަން ދަށްވީމަ، 31 އިންސައްތަ މީހުން ވޯޓު ލާން ނުކުތް އިންތިހާބެއް ކާމިޔާބުވުމަކީ، މޮޅުވި ޕާޓީއަށް ވެސް ކާމިޔާބެއް ނޫން، މިހާ ދަށް އަދަދެއް ވޯޓު ލާން ނުކުތުން މިއީ، މިއީ ރާއްޖޭގެ ބޮޑެތި ހުރިހާ ޕާޓީތަކަށް ލިބުނު ނާކާމިޔާބެއް،" އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ ވޯޓުލާން މީހުން ނުނިކުތުމުގެ ފަހަތުގައި އޮތް އެއް ސަބަބަކީ ޕާޓީތަކާއި ލީޑަރުންނަށް އާންމުންގެ މެދުގައި އިތުބާރު ނެތުމެވެ. އެހެންނަމަވެސް، ލާމަރުކަޒީ ނިޒާމަށް އަދިވެސް އިތުބާރު އޮތްކަން ދިރާސާތަކުންނާއި ސޯޝަލް މީޑިޔާގެ ޕޯލްތަކުން ހާމަވާ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުން ފާޅުކޮށްފައި ހުރި ބައެއް ހިޔާލުތަކަށް ބަލާއިރު، ކެންޑިޑޭޓުންނާއި ޕާޓީތަކަށް އިތުބާރު ނެތުމަކީ ވޯޓުލާން ނުނިކުތުމުގެ ސަބަބެއް ކަމަށް ބެލެވެ އެވެ. އެފަދަ ރޫހެއްގައި ބާތިލު ވޯޓުލުމަށް ވެސް ބައެއް ފަރާތްތަކުން ވަކާލާތު ކުރެ އެވެ.

"ވޯޓުލުމަކީ ކޮންމެ ދިވެހިރައްޔިތަކަށް ލިބިގެންވާ ހައްގެއް. ވޯޓު ނުލުމަކީވެސް ހައްގެއް. އަދި ބާތިލް ވޯޓު ލުމަކީވެސް އަހަރެމެންގެ ހައްގެއް،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި "ބާތިލް ވޯޓު" ގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓްއަކުން ލިޔެފައިވެ އެވެ.

"ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ގިނަ ރައްޔިތުންގެ އިތުބާރުވަނީ ގެއްލިފަ. މިކަން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާ ބޮޑަށް ފެންނާނެ،" އެހެން މީހަކު އެކްސްގައި ބުނެފައި އޮތެވެ.

ހޮނިހިރު ދުވަހުގެ އިންތިހާބުގެ ޓާންއައުޓުން ދައްކުވައިދޭ އެއް ކަމަކީ ސަރުކާރުތަކަށް ނުވަތަ ސަރުކާރު ހިންގާ މީހުންނަށް ރައްޔިތުންގެ އިތުބާރު ނެތުން ކަމަށް ވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ.

"މިހާރު ރައްޔިތުން، ސަރުކާރުތަކަށް ކުރާ އިތުބާރު ކުޑަކަން މީގެން އެނގެނީ. 56،000 ގެ ވޯޓާސް ލިސްޓަކުން 14،000 މީހުން ވޯޓުލާން ދިޔުމުން އެނގެނީ ތީގެން އެއްވެސް މީހަކު ހޮވަން މުހިންމެއް ނޫނޭ،" ވޯޓުލާން ނުކުތް މީހުންގެ އަދަދާ ގުޅޭ ގޮތުން އެހެން މީހަކު ސޯޝަލް މީޑިއާގައި ބުންޏެވެ.

އިންތިހާބެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އާންމުންގެ ހިޔާލާއެކު ގައުމު ހިންގުމެވެ. އެއީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސެވެ. އާންމުންގެ ބައިވެރިވުން އިންތިހާބުތަކަށް ކުޑަ ނަމަ އޭގެ ސަބަބުތައް ދެނެގަންނަންޖެހެ އެވެ. އެހެން ނޫނީ ޑިމޮކްރެޓިކް ނިޒާމުގައި އާންމުންގެ ދައުރު އޮންނަ މިންވަރު ދާނީ ދުވަހަކަށްވުރެ ވުރެ ދުވަހެއް ދަށްވަމުންނެވެ.