Advertisement

ހަނޑޫ ބަސްތާ އަކާއި ފުށް ބަސްތާ އަކަށް މާލޭ ރައްޔިތުންނެއް ނުގަނެވޭނެ: ޝާހިދު

13 ޖަނަވަރީ 2024 - 22:59 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ކާޑުބަސްތާއަކަށް މާލޭ ރައްޔިތުން ނުވިކޭނެކަމަށް. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ހަނޑޫ ބަސްތާ އަކާއި ފުށް ބަސްތާ އަކަށް މާލޭ ރައްޔިތުންނެއް ނުގަނެވޭނެ: ޝާހިދު

13 ޖަނަވަރީ 2024 - 22:59 0

ރޯދައަށް ކޮންމެ ގެެއަކަށް ހަނޑޫ ބަސްތާ އަކާއި ފުށް ބަސްތާއެއް ސަރުކާރުން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަކީ މާލޭގެ ރައްޔިތުން "ގަނެލަން" ދެއްކެވި ވާހަކައެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މާލޭގެ މޭޔަރު އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބުކުރެއްވުމުން އެކަމުގެ އުފާ ފާޅުކުރަން ސަލްޓަން ޕާކްގައި މިރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރަކަކީ ހަނޑޫ ބަސްތާ އަކާއި ފުށް ބަސްތާއެއް ނޫން ކަމަށް މާލޭގެ ރައްޔިތުން ބުނެފި ކަމަށެވެ. މިއަދުގެ ވޯޓުން ދިން މެސެޖަކީ އެއީ ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

"މިއަދު ބައްލަވާ މި ވޯޓަށް އެންމެ ފަހު ވަގުތު، ނުފޫޒު ފޯރުވުމަށް ޓަކައި ރައީސް މުއިއްޒު ޗައިނާއިން ވަޑައިގެން ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ މާލޭގެ ކޮންމެ ރައްޔިތަކަށް، ކޮންމެ ގެއަކަށް އެއްބަސްތާ ހަނޑުލާ އެއް ބަސްތާ ފުށާ ދޭނަމޭ. މާލޭގެ ރައްޔިތުން ބުނީ ތިމަންމެނެއް ހަނޑޫ ބަސްތާ އަކަށް، ފުށް ބަސްތާ އަކަށް ނުގަނެވޭނޭ،" ޝާހިދު ވިދާޅުވި އެވެ.

އެއީ މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށާއި ހައްގު މިންވަރަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ގޯއްޗާއި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައީސް ސޯލިހު ބިނާކޮށް ދެއްވަން ވިދާޅުވި ތަންތަން ބިނާ ކޮށްދޭން މާލޭ ރައްޔިތުން އެދޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"މިއަދުގެ ވޯޓުގެ ހަގީގީ މެސެޖަކީ އެއީ. މިއަދުގެ ވޯޓުގެ މެސެޖަކީ ރައީސް ސޯލިހު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތައް ރާއްޖެެއަށް ހެޔޮގޮތް ހޯދައިދީފިއޭ. ރައީސް މުއިއްޒު ތިޔަ ކުރައްްވާ ކަންތައްތައް ތިޔަކުރައްވަނީ ގޯސްކޮންނޭ، ރާއްޖެ މިދަނީ ހަރާބުގެ މަގަށޭ،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބުގައި ގާތްގަނޑަކަށް 17،442 މީހުން ވޯޓުލިއިރު އޭގެ ތެރެއިން 44 ޕަސެންޓު ވޯޓު ހޯއްދެވީ އާޒިމް އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ. އޭނާއަށް ގާތްގަނޑަކަށް 5026 ވޯޓު ލިބިވަޑައިގަތެވެ.

މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ތިން ވަނައަށް ވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފު ފާތިހެވެ. ހަތަރު ވަނައަށް އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސެއިން ވަހީދު ވަޑައިގެންނެވިއިރު އެންމެ ފުލަށް ދިޔައީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝުއައިބު އަލީ އެވެ.