Advertisement

ސަރުކާރުން ވެރިކަމަށް އައުމަށް ހެދީ ދޮގު، އަސްލު ސިފަ ހާމަވާން ފަށައިފި: ސޯލިހު

13 ޖަނަވަރީ 2024 - 22:31 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ސޯލިހު މިރޭގެ ޖަލްސާގައި: ވިދާޅުވީ ރައީސް މުއިއްޒު މިހާރު ވެސް ހައްދަވަނީ ދޮގު ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ސަރުކާރުން ވެރިކަމަށް އައުމަށް ހެދީ ދޮގު، އަސްލު ސިފަ ހާމަވާން ފަށައިފި: ސޯލިހު

13 ޖަނަވަރީ 2024 - 22:31 1

މި ސަރުކާރުން ވެރިކަމަށް އައުމަށް ހެދީ ދޮގު ކަމަށާއި ސަރުކާރުގެ އަސްލު ސިފަ ރައްޔިތުންނަށް ހާމަވާން ފަށައިފި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބު އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމުން އެކަން ފާހަގަ ކުރުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކަށް މާލޭގެ ރައްޔިތުން ނޫނެކޭ ބުނެފި ކަމަށެވެ.

"މާލޭގެ ރައްޔިތުން މިއަދު މެސެޖެއް ދީފި. ހަތްދިހަ އެއް ޕަސެންޓު މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި. ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް މާލޭ ރައްޔިތުން ނުކުމެ މި ސަރުކާރަށް ނޫނެކޭ އެ ބުނީ، ސިޔާސަތުތަކަށް ނޫނެކޭ އެ ބުނީ ސަބަބެއް ނެތިއެއް ނޫން. މި ސަރުކާރު ވެރިކަމަށް އައި ގޮތާއި ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފުރަތާއި ހެދި ދޮގުތައް މިއަދު ހާމަވާން ފަށައިފި. ސަރުކާރުގެ އަސްލު ސިފަ ހާމަވާން ފަށައިފި،" އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވެސް ހައްދަވަނީ ދޮގު ކަމަށާއި ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއިން ވެސް ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ.

"މިއަދު ވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވެރިކަމަށް އައުމަށް ކުރެއްވި މަސައްކަތް. ދޮގު ހެދުމާއި އޮޅުވާލުމާއި ނަފުރަތާއި ގަދަ ބަސް ބުނުން. އެއަކުން ކާމިޔާބެއް ނުވާނެ،" ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ކުރިއަށް މި އޮތް ތަނުގައި މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ތަން އޮތީ ވަރަށް ކައިރީގައި."

ސޯލިހު ގޮވާލެއްވީ އެ މަނިކުފާނުގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ވީ އެންމެ އަވަހަށް ދިނުމަށެވެ.

"ރައީސް މުއިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސްނުކުރައްވާށޭ. މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދިން ގޯތިތައް މިއަދުން މިއަދަށް ހަވާލު ކުރައްވާށޭ. ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ. ފްލެޓުތައް ހަވާލު ކުރައްވާށޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ސޯލިހު ވިދާޅުވީ މޭޔަރުގެ މަގާމަށް ހޮވިވަޑައިގެންނެވި އާޒިމް އާއި އެމްޑީޕީން ރައްޔިތުން މާޔޫސް ނުކުރާނެ ކަމަށެވެ.

"އާދަމް އާޒިމް މާލޭގެ ރައްޔިތުން މާޔޫސްއެއް ނުކުރާނެ. އެ އިތުބާރު ބާއްވަވާ،" ސޯލިހު ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބުގައި ގާތްގަނޑަކަށް 17،442 މީހުން ވޯޓުލިއިރު އޭގެ ތެރެއިން 44 ޕަސެންޓު ވޯޓު ހޯއްދެވީ އާޒިމް އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ. އޭނާއަށް ގާތްގަނޑަކަށް 5026 ވޯޓު ލިބިވަޑައިގަތެވެ.

މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ތިން ވަނައަށް ވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފު ފާތިހެވެ. ހަތަރު ވަނައަށް އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސެއިން ވަހީދު ވަޑައިގެންނެވިއިރު އެންމެ ފުލަށް ދިޔައީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝުއައިބު އަލީ އެވެ.