އިންތިހާބުގެ ވޯޓުތައް އޮފިޝަލުން ގުނަނީ: ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފީ މަދު ބައެއް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ވެރި ރަށް މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ވޯޓު ފޮށިތައް ބަންދުކޮށް ކަރުދާސްތައް ގުނަން ފަށައިފި އެވެ.
މިއަދު ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ހުޅުވާލިއިރު ފޮށިތައް ބަންދު ކުރީ ހަވީރު 5:00 ޖެހިއިރެވެ. މިއަދުގެ އިންތިހާބުގައި ޖުމުލަ 55 ވޯޓު ފޮށި ބެހެއްޓި އެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވޯޓު ފޮށި ބެހެއްޓި އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 54،680 މީހުންނަށް ލިބުނެވެ. ނަމަވެސް ވޯޓުލުމުގެ ހައްގުގެ ބޭނުންކުރީ ނިސްބަތުން މަދު ބައެއް ކަމަށް މިހާތަނަށް އާންމުކޮށްފައިވާ އަދަދުތަކުން ލަފާ ކުރެވެ އެވެ.
މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ހުރިހާ ކަމެއް ވެސް ދިޔައީ އޮމާންކޮށެވެ. ބޮޑު އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ބުންޏެވެ.
މާލޭގެ މޭޔަރުގެ މަގާމަށް ފަސް ކެންޑިޑޭޓުން ވާދަ ކުރެއްވި އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީ އެވެ.
މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބު ވެސް މިއަދު ބޭއްވި އެވެ. އޭގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރަކު ހޮވުމަށް ވެސް މާދަމާ ވޯޓުލާނެ އެވެ.
Comment