Advertisement

ވީރާނާވާން ދޫކޮށްލާފައި އޮތް ޝާހީ އުޅަނދު "ޖަލިޔާކޮޅު" އިއާދަކުރެެވޭތޯ ބަލަނީ

13 ޖަނަވަރީ 2024 - 13:22 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެންމެ ފަހުން ރާއްޖޭގައި ބޭނުން ކުރި ޖަލިޔާކޮޅު: ކުރިން އޮތް ހާލަތަށް އިއާދަކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން -- ފޮޓޯ: މުހައްމަދު ޝާތިރު


ވީރާނާވާން ދޫކޮށްލާފައި އޮތް ޝާހީ އުޅަނދު "ޖަލިޔާކޮޅު" އިއާދަކުރެެވޭތޯ ބަލަނީ

13 ޖަނަވަރީ 2024 - 13:22 0

ދިވެހިން ރާއްޖޭން ބޭރަށް ކަނޑުމަގުން ދަތުކުރި ދުވަސްވަރު ރާއްޖޭން ބޭރަށް ދަތުރުކުރާ ނައުފަހަރަށް އަރަން ގޮސް އުޅުނީ ކުޑަ އުޅަނދެއްގަ އެވެ. އޭރު ރަސްރަސްކަލުންނާއި ޝާހީ ޚާންދާނުގެ ބޭފުޅުންނާއި ބޭރުގެ އިއްްޒަތްތެރިން ނަވަށް ނުވަތަ ބޯޓަށް އަރާވަޑައިގެންނެވުމަށާއި މާލެއަށް ފައިބާވަޑައިގެންނެވުމަށް ޓަކައި ދަތުރުކުރަން ހާއްސަ އުޅަނދެއް އޮވެ އެވެ. އެއީ ޖަލިޔާކޮޅެވެ.

ރާއްޖޭގައި އެންމެ ފަހުން އެގޮތަށް ބޭނުންކުރި ޖަލިޔާކޮޅު މިފަހާ ޖެހެންދެން އޮތީ ބަނޑޮސް މޯލްޑިވްސްގައި މާބޮޑު އަޅައިލުމެއް ނެތި ވީރާނާވާން ދޫކޮށްލައިފަ އެވެ. ގާތްގަނޑަކަށް 100 އަހަރު ވެފައިވާ އެ އުޅަނދު ވަރަށް ބޮޑަށް ވީރާނާވެފައި އޮއްވާ ތާރީހަށް ލޯބިކުރާ ބައެއް މީހުންނަށް ފެނި، ސޯޝަލް މީޑިއާގައި ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

ތާރީހު ދިރާސާކުރައްވާ ޒުވާނެއް ކަމަށްވާ އަހުމަދު އަލާ (އަލާދީދީ) ވިދާޅުވި ގޮތުގައި މިހާރު އޮތް ޖަލިޔާކޮޅަކީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން ތިން ވަނަ އާއި ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންދީދީ އާއި އެންމެ ފަހުގެ ރަސްގެފާނު މުހައްމަދު ފަރީދުލް އައްވަލު ވެސް ބޭނުންކުރެއްވި ޖަލިޔާކޮޅެވެ. ރާއްޖެއަށް ވަޑަައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ތެރެއިން އިންޑިއާގައި ހުންނެވި ގަވަރްނަރް ބޯޑަލިއަންއާއި އިންޑިއާގެ ރައީސްކަން ފަހުން ކުރެއްވި ވީ.ވީ ގިރި ފަދަ ބޭފުޅުން މާލެއަށް ފައިބާވަޑައިގެންނެވީ ވެސް އެ ޖަލިޔާކޮޅުގަ އެވެ.

އެހެން ނަމަވެސް ޖަލިޔާކޮޅު މިހާރު އޮތީ އިތުރަށް ހަލާކުނުވާނެެހެން ހިޔާކޮށް ރައްކާތެރިކޮށްފަ އެވެ.

ގައުމިިއްޔަތާއި ތާރީހާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ބަނޑޮހަށް ކުރެއްވި ދަތުރަކަށް ފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ "ޖަލިޔާކޮޅު މާލެއިން ބަލައިލުމުގެ މަގު އެބަ ފަހިވާ" ކަމަށެވެ.

"...ދިވެހިރާއްޖޭގެ ޒަމާންވީ ޝާހީ އާސާރީ ތަރިކައެއްކަމުގައިވާ ޖަލިޔާކޮޅު އޮންނަނީ ބަނޑޮހުގައެވެ. އިރާދަކުރެއްވިއްޔާ އެ ޖަލިޔާކޮޅު މާލެއިން ބަލައިލުމުގެ ފުރުޞަތު އެބަ ފަހިވެއެވެ. މިކަމާ ބެހޭ މަޝްވަަރާއަށް ބަނޑޮހަށް ކުރެވުނު ދަތުރުގައި ދެއްވި މެހުމާނުދާރީއާއި ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ބަނޑޮހުގެ މަސްއޫލުވެރި ފަރާތްތަކަށް ޝުކުރު ދަންނަވަން،" އާދަމް ނަސީރު ވިދާޅުވި އެވެ.

އާދަމް ނަސީރު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޖަލިޔާކޮޅުގެ ތާރީހީ އަސްލު ނުގެއްލޭ ގޮތަށް މަރާމާތުކޮށް އިއާދަކުރެވޭތޯ އެވެ.

"ޖަލިޔާކޮޅުގެ ތާރީހީ އަސްލު ނުގެއްލޭ ގޮތަށް މަރާމާތު ކުރެވޭނެ ގޮތެއް ވޭތޯ އަަޅުގަނޑުމެން މި ބަލަނީ،" ވަޒީރު ވިދާޅުވި އެވެ.

އެ އުޅަނދު މިހާރު އޮތް ހާލަތުން، ތާރީހީ އަސްލު ނުގެެއްލޭ ގޮތަށް އިއާދަކުރުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.