Advertisement

މިޔަރު ދަތުގެ ބައްޓަމާއި ދަތްތައް ބަދަލުވުން

13 ޖަނަވަރީ 2024 - 08:34 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


މިޔަރު ދަތުގެ ބައްޓަމާއި ދަތްތައް ބަދަލުވުން

13 ޖަނަވަރީ 2024 - 08:34 0

މިޔަރުގެ ދަތްތައް އުފެދިފައި ވަނީ ވަރަށް ގިނަ ބައްޓަމަށް އަދި ވަރަށް ގިނަ ސައިޒުތަކަށެވެ. ޝިކާރަ ކުރުމުގައި އެއްޗެހި އަތުލައިގަތުމާއި މަރާލަން ފަސޭހަވާނެ ފަދަ ގޮތްގޮތަށެވެ. މިޔަރެއްގެ އަނގަތެރޭގައި އެތައް ބާވަތުގެ ދަތް ހުރެ އެވެ.

ބައެއް ބާވަތްތަކުގެ މިޔަރުގެ ދަތްތަކަކީ ވަރަށް ތޫނު، ފުޅާ، އަބުގެ ބައްޓަމަށް ހުންނަ، އަދި ކީހު ފުއްބަރިއެއްހެން ފުއްކަނޑާފައި ހުންނަ ދަތްތަކެކެވެ. ދަތް ބައްޓަންވެފައި ވަނީ އަތުލައިގަތުމާއި، ބައިބައިކޮށް ވީދާ ލެވޭ ފަދަ ގޮތްތަކަށެވެ. މިފަދަ މިޔަރުތަކުގެ ތެރޭގައި ރަސްމިޔަރާއި ފެމުނު މިޔަރާއި ކާލިގަނޑު މިޔަރާއި އަދި ދެފެން މިޔަރު ހިމެނެ އެވެ.

މިޔަރުގެ ދަތުގެ މިންތަކަށް ބަލައިގެން މިޔަރުގެ ސައިޒު ދެނެގަންނާނެ ފޯމިއުލާއެއްވެ އެވެ. މި ފޯމިއުލާއިން ބަލާ ގޮތަކީ، މިސާލަކަށް ތިނެސްކަނަށް ހުންނަ ދަތުގެ އެއްފަރާތުގައި ހުންނަވަރު އިންޗިން ބަލައިފައި 10 އަކާއި ގުނަ ކުރާނީ އެވެ. އޭރުން، މިޔަރުގެ ދިގުމިން ފޫޓުން އަންނާނެ އެވެ.

ބައެއް މިޔަރުގެ ދަތަކީ ތޫނު ތުނިވަޅިތިލައެއް ފަދަ ދަތްތަކެކެވެ. މިދަތްތަކަކީ ލޮނދި އޮމާން މަސްމަހާމެހި އަތުލައިގަނެވޭ ފަދަ ދަތްތަކެކެވެ. މިފަދަ މިޔަރުތަކުގެ ތެރޭގައި ދޮންލުނބޯ މިޔަރާއި ވޮށިމަސްމިޔަރު ހިމެނެއެވެ.

މިޔަރުގެ ދަތެއް

އަޑީ ބަތާނުން ކައިއުޅޭ މިޔަރުގެ ދަތަކީ ދޯރިއެއްހެން ކޮޅަށް ތޫނުކޮށް ހުންނަ އަދި ދަތްޕިލައިގެ ފަހަތުބައިގައި ތިރިކޮށް ހުންނަ ދަތްތަކެވެ. މި ދަތްތައް ބޭނުން ކުރަނީ ކަކުނި ބޮލި ގާހަކަ ފަދަ ތަކެތި ހެފުމަށެވެ. މިފަދަ މިޔަރުތަކުގެ ތެރޭގައި ނިދަން މިޔަރު، ޕޯޓް ޖެކްޝަން މިޔަރު، މަޑިމިޔަރު އަދި ގެރިބޯފާނަ މިޔަރު ފަދަ މިޔަރުތަކެވެ.

ނިދަން މިޔަރުގެ ދަތެއް


ދަތްތައް ބަދަލުވުން

މިޔަރުގެ އަނގައިތެރޭގައި ދަތްތައް އަތުރާލެވިފައި ހުންނަނީ ބަރިބަރިއަށެވެ. ވަރަށް މަދު މިޔަރެއް ފިޔަވައި ހުރިހާ މިޔަރެއްގައިވެސް ހުންނަނީ ތަރުތީބުންނެވެ. އެއްވެސް ސަބަބަކާހުރެ ކުރީ ބަރިތަކުން ދަތެއް ހަލާކުވުން ނުވަތަ ވެއްޓިއްޖެނަމަ އެތެރޭގައި ޖެހިގެން ހުރި ދަތްބަރިން އެތަނަށް ދަތެއް ބަދަލުވެ އެވެ. ދެން ފަހަތު ބަރިން އަނެއް ދަތް ފަޅައެވެ. ގިނަ މިޔަރުގައި އަބަދުވެސް ފަސްބަރިއަށް ދަތް ހުރެއެވެ. އެންމެ ކުރީގައި ހުންނާނީ އެންމެ ބޮޑެތި ދަތެވެ. އަދި އެންމެ ގިނައިން ބޭނުން ކުރާނީވެސް މިދަތްތަކެވެ. ދެވަނަ ބަރީގައި އެއަށްވުރެ ކުދިވާނެ އެވެ. ދެން ބަރިއަކަށް ފަހު ބަރިއެއް އަންނާނީ ކުދިވަމުންނެވެ. އެންމެ ފަހަތުގައި ހުންނާނީ އެންމެ ކުދި ދަތްތަކެވެ. މި ދަތްތައް ހުންނާނީ ތިރިކޮށް އިދިކޮޅަށެވެ. މިޔަރުގެ ދަތަކީ މިޔަރު ބޭނުންވެއްޖެ ހިނދެއްގައި އެކިފަރާތް ފަރާތަށް އަނބުރާލެވޭ އެއްޗެކެވެ.

ނިދަން މިޔަރުގެ ފުރަތަމަ ދަތްބަރީގެ ދަތްތައް، ހޫނު މޫސުމުގެ ކެއުމުގެ ހަރަކާތުގައި އުޅޭ ދުވަސްވަރު ކޮންމެ ދިހަ ދުވަހަކާއި ސާދަ ދުވަހަކާ ދެމެދުގައި، ބަދަލުވެ އެވެ. މި ބާވަތުގެ މިޔަރަކީ އަބަދުވެސް ހަރަކާތްތެރިކަން ކުޑަ މިޔަރެކެވެ. ހާއްސަކޮށް ފިނި މޫސުމުގެ ފުރަތަމަ މަހާއި ދެވަނަ މަހުގައި ހަރަކާތްތެރިވެ އުޅެނީ އަދި މާކުޑަ މިންވަރަކަށެވެ.

މެގަލޮޑަންގެ ދަތެއް


ދަތުގެ ފޮސިލް

މިޔަރުގެ ފޮސިލަކީ ވަރަށް ތަދު އެއްޗެކެވެ. ސަބަބަކީ މިޔަރުގައި ހުންނަނީ ހަމައެކަނި މަޑުކަށިކަމަށް ވާތީ އެވެ. އެހެންކަމުން މިޔަރުގެ ކަށި ފޮސިލަށް ވުމުގެ ކުރިން ވީރާނާވެދެ އެވެ. މިޔަރުގެ ދަތަކީ ވަރަށް ހަރު އެއްޗެއްކަމުން ރަނގަޅު ފޮސިލަށް ބަދަލު ވެއެވެ. ވުމާއެކު ވަރަށް ގިނަ ބާވަތްތަކުގެ މިޔަރުގެ ދަތްތައް ފެނިފައިވެ އެވެ. އޭގެ ތެރޭގައި މެގަލޮޑަންގެ ދަތްވެސް ހިމެނެ އެވެ. މި މިޔަރަކީ އިންސާނުން ކެއުމަށް ބޭނުންކުރި އެންމެ ޒަމާންވީ މިޔަރެވެ. ދިރިއުޅެފައިވަނީ 1.5 އާއި 25 މިލިޔަން އަހަރު ކުރީގައެވެ. މީގެ ބޮޑުމިނަކީ 40 ފޫޓު (12.1 މީޓަރު) އެވެ. މި ދިރާސާކޮށްފައިވަނީ މިޔަރުގެ ދަތަށް ބަލައިގެންނެވެ. މި ދަތް ރަސްމިޔަރުގެ ދަތާއި ވައްތަރު ނަމަވެސް، ރަސްމިޔަރުގެ ދަތަށް ވުރެ ތިން ގުނަ ބޮޑެވެ. ނުވަތަ އިންސާނެއްގެ އަތްތިލައެއްވަރު ވެއެވެ.

ނޯޓު: މެގަލޮޑަންގެ އުމުރު މި ނޫންނަސް އެތައް ސައިޓެއްގައި ތަފާތު އެކި މިންވަރަށް އަހަރު ހިމަނާފައި ވެއެވެ.