Advertisement

މިއަދު ކުރި ވިއްސާރައި 144 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީއަށް އެދުނު

12 ޖަނަވަރީ 2024 - 20:19 0

ނިމާ ހަސަން

ނިމާ ހަސަން

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި; މިއަދު ކުރި ވިއްސާރާގައި 144 ގެއަކުން އެހީއަށް އެދުނު -- ފޮޓޯ: އިޔާން/ އަދަދު


މިއަދު ކުރި ވިއްސާރައި 144 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީއަށް އެދުނު

12 ޖަނަވަރީ 2024 - 20:19 0

މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 144 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީއަށް އެދިއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިއަދު ކުރި ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ މާލޭގެ ގެތަކަށް ކަމަށެވެ. އަދި މާލެ ނޫން އިތުރު ހަތަރު ރަށެއްގައި ފެންބޮޑުވެފައިވާ ކަން އެ އޮތީރިޓީން ފާހަގަކުރެ އެވެ.

މާލޭގެ އިތުރުން ފެން ބޮޑުވީ ތ. ގުރައިދޫ, ދިޔަމިގިލި, ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ އެވެ.

އެންޑީއެމްއޭއިން ބުނީ މިއަދުގެ ވިއްސާރާގައި 144 ގެއަކުން އެހީއަށް އެދި ގުޅި ކަމަށާއި, މިހާތަނަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި 91 ގެއެއްގައި ވެލި ބަސްތާ ޖައްސާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނީ އަށް ގެއެއްގައި ދިރިއުޅޭ ޖުމްލަ 57 މީހުން ކަމަށްވާއިރު, އެންޑީއެމްއޭއިން ވަނީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައިދީފަ އެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ފުދޭ ވަރަކަށް ގޯހެވެ. ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް ދަތުރު ކުރާތީ، ތިން ވަރަކަށް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މިދިޔަ އަންގާރަ ދުވަހު މެޓު އޮފީހުން ވެސް ބުނެފައިވެ އެވެ.

މިއަދު ވެހުނު ވާރޭގައި މާލޭގައި ފެންބޮޑުވުމުގެ އިތުރަށް ގަދަވަޔާއެކު ރެހެންދި ހިނގުމުގައި ހުރި ބޮޑު ގަހެއް ވަނީ ކާރެއްގެ މައްޗަށް ވެއްޓިފަ އެވެ. އޭގެ އިތުރުން ގޭގެއަށް ވެސް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެމްއެންޑީއެފުން މިއަދު އިރުއޮއްސުމާ ހަމައަށް މާލޭ މަގުތަކުން 9306 ޓަނުގެ ފެން ޕަންޕު ބޭނުންކޮށްގެން ހިންދާފަ އެވެ.