Advertisement

ރައީސްގެ އެދިވަޑައިގަތުމަކީ އިދިކޮޅު ކެންޑިޑޭޓު ހޮވައިގެން "ރިސްކެއް" ނުނެގުން

12 ޖަނަވަރީ 2024 - 11:37 0


ރައީސްގެ އެދިވަޑައިގަތުމަކީ އިދިކޮޅު ކެންޑިޑޭޓު ހޮވައިގެން "ރިސްކެއް" ނުނެގުން

12 ޖަނަވަރީ 2024 - 11:37 0

ވެރި ރަށް މާލޭގެ މޭޔަރަކު ހޮވުމަށް މާދަމާ ބާއްވާ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓަކު ހޮވައިގެން "ރިސްކެއް" ނުނެގުމަށް މާލޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރު އޮތީ މާލެ ތަރައްގީ ކުރުމުގެ ފުރުސަތު ކައުންސިލަށް ދޭން ތައްޔާރަށް ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ވިސްނުމުގެ މީހަކު މޭޔަރުގެ މަގާމަށް ހޮވިއްޖެ ނަމަ "ހިތި ތަޖުރިބާތަކެއް" ކުރަންޖެހިދާނެ ކަމަށް، ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ހުންނަވާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވި އެވެ.

"ފަށަން މަސައްކަތްކޮށް ނުފެށުނު އެތައް މަސައްކަތެއް، އޭރުގަ އެއްބާރުލުން ސަރުކާރު ލެވެލުން ނުލިބުނު އެތައް ކަމެއް އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑު މި ވަނީ މަސައްކަތް ކުރުމަށް ކައުންސިލަށް ފުރުސަތު ދީފަ،" ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މި މަސައްކަތްތައް ކުރުމުގައި ސަރުކާރާ ދެކޮޅު ވިސްނުމުގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކުން ބޭފުޅަކު ހޮވިއްޖެ ނަމަ އަޅުގަނޑުމެންނަށް މާޒީގައި ފެނިފައި ހުރި ކަހަލަ ހިތި ތަޖުރިބާތަކެއް ތަކުރާރު ކުރަން މާލޭގެ ރައްޔިތުންނަށް ޖެހިދާނެތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ."

ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރާ ކެންޑިޑޭޓަކު ހޮވުން ރައީސް ސިފަ ކުރެއްވީ ރިސްކެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު ޔަގީންކުރަން މާދަމާގެ އިންތިހާބުގައި މާލޭގެ ރައްޔިތުން އެކަހަލަ ރިސްކެއް ނުނަންގަވާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ. "މޭޔަރަކު ހޮވުމުގައި މާލޭގެ ރައްޔިތުން މާދަމާ ސަރުކާރަށް ތާއީދު ކުރައްވާ، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާ ގުޅިގެން ތަންފީޒުކޮށްދޭނެ މޭޔަރަކު ހޮވާނެ ކަމަށް [ޔަގީންކުރަން]."

ރައީސް ވިދާޅުވީ ބައެއް ކެންޑިޑޭޓުން ސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ސިޔާސަތާ ވެސް ދެކޮޅު ކަމަށާއި އެފަދަ ކެންޑިޑޭޓަކު ހޮވައިފި ނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.

"އެ މައްސަލަ [ބޯހިޔާވަހިކަމުގެ] ހައްލުވާނީ ފުށިދިއްގަރުފަޅު ހިއްކައިގެން، ރަސްމާލެ ތަރައްގީކޮށްގެން. ނަމަވެސް އެކަމަކީ ކޮށްގެންވާނެ ކަމެއް ނޫނޭ، އެކަން ހުއްޓުވާނަމޭ ބުނާ ޕާޓީއެއްގެ މީހަކު މޭޔަރަކަށް އައިސްފިއްޔާ ދެން މާލޭގެ ރައްޔިތުންނަށް އޭގެން ކޮން ކަމެއްތޯ ނަތީޖާއަކަށް އަންނާނީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މި ހުރީ މާލޭގެ ރައްޔިތުންނަށް ބޭނުންވެފައި މި ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ކަމަށްވާއިރު މިކަމަށް ހުރަސްއަޅާނެ މީހަކު މާލޭގެ މޭޔަރަކު މިވަގުތު ހިޔާރު ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމަކަށްނުވާނެ."

މޭޔަރަކު ހޮވުމަށް މާދަމާ ބާއްވާ އިންތިހާބުގައި ގާތްގަނޑަކަށް 55،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭއިރު ހަތަރު ކެންޑިޑޭޓަކު މަގާމަށް ވާދަ ކުރެ އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އާއި ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީ އެވެ.