Advertisement

ދިރާސީ ކަލަންޑަރަސް ގެނައި ބަދަލުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާނެ: އެމްޑީޕީ

12 ޖަނަވަރީ 2024 - 10:34 2

ނިމާ ހަސަން

ނިމާ ހަސަން

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް; ދިރާސީ އަހަރަށް ގެނައި ބަދަލާއެކު ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެމްޑީޕީން ބުނޭ -- ފޮޓޯ: އަދަދު


ދިރާސީ ކަލަންޑަރަސް ގެނައި ބަދަލުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާނެ: އެމްޑީޕީ

12 ޖަނަވަރީ 2024 - 10:34 2

ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ހަދަން ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުތަކުގެ ސަބަބުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމާއި ދޭދޭ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު ދެ އަހަރު ތެރޭގައި ކުދިން ފަސް ޓާމް ކިޔަވާނެ އެވެ. އެހެން ހެދުމުން, ދިރާސީ އަހަރުން ހަ މަސް ދުވަސް ގެއްލި, ސިލަބަސް ކަވަރުކުރުމަށްޓަކައި ލިބޭ މުއްދަތު ކުރުވެގެންދާނެ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ދިރާސީ އަހަރަށް ގެނައި ބަދަލުގެ އެންމެ ބޮޑު އަގެއް ދައްކަންޖެހޭނީ ދަރިވަރުން ކަމަށެވެ. އެ ޕާޓީން ބުނީ, ބޮޑެތި މީހުން ބޭނުންވާ ސްޕީޑުގައި ބުރަކޮށް އުޅުމަކީ ކުދިންނަށް ކުރެވޭނެ ކަމަކަށް ނުވާތީ, އެހެން އުޅެން ވެއްޖެ ނަމަ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަންޖެހުމާއި ގޭގައި ވެސް އަބަދު ފިލާވަޅު ދަސްކުރުމަށް ނުވަތަ ހޯމްވޯކް ހަދަން އުޅެންޖެހުމުން ސިކުނޑި ވަރުބަލިވުމާއި ކުދިކުދި ކަންތަކާއި ރުޅިއައުން ފަދަ ޖަޒުބާތީ މައްސަލަތައް އެކުދިންނަށް ދިމާވާނެ،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ ދަރިވަރުންގެ ގްރޭޑަށް ވުރެން ނުވަތަ ހޯދާ މާކްސްއަށް ވުރެން އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން މުހިންމުކަން ވިސްނަން ޖެހޭ ކަމަށެވެ.

އެ ޕާޓީން ފާހަގަކުރި ގޮތުގައި ދިރާސީ އަހަރަށް ގެނައި ބަދަލުގެ ސަބަބުން ގްރޭޑެއއްގައި 41 ހަފްތާ ކިޔަވަވަމުން ދިޔަ ދަރިވަރުންގެ ކިޔެވުން 33 އަދި 35 ހަފްތާއަށް ކުރުވެގެން ދާނެ އެވެ.

"އާ ބަދަލުގެ ސަބަބުން މިހާރު ގްރޭޑް 8 ގައި ކިޔަވާ ދަރިވަރުން 8 އެއްގައި ކިޔަވާނީ 33 ހަފްތާ, މި ދަރިވަރުން ގްރޭޑް 9 އެއްގައި ކިޔަވާނީ 35 ހަފްތާ މި ދަރިވަރުން ގްރޭޑް 10 އެއްގައި ކިޔަވާނީ ގާތްގަނޑަކަށް 26 ހަފްތާ،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ވަނީ ވިސްނާނުލާ ސިޔާސީ ޕޯޑިއަމެއްގައި ބުނެވުނު ވައުދެއް ފުއްދުމަށް 95,000 ދަރިވަރުންގެ މުސްތަގުބަލަށް ގެއްލުން ދިނުން ކުށްވެރިކޮށްފަ އެވެ. އަދި ދަރިވަރުންގެ ޖުމްލަ ތަރައްގީއަށް އުނިކަމެއް ނާންނާނެ ފަދައިން ދަރިވަރުންނާ ގުޅުން ހުރި ސިޔާސަތިތައް ބައްޓަންކުރަން ގޮވާލާފަ އެވެ.