Advertisement

އިންގްލެންޑްގެ ކުރީގެ ކޯޗު އެރިކްސަން އަށް ކެންސަރު ޖެހިއްޖެ، ދިރިހުރެވޭނެ ކަމަށް ޑޮކްޓަރުން ދިނީ އަހަރެއްހާ ދުވަސް

12 ޖަނަވަރީ 2024 - 10:54 0


އިންގްލެންޑްގެ ކުރީގެ ކޯޗު އެރިކްސަން އަށް ކެންސަރު ޖެހިއްޖެ، ދިރިހުރެވޭނެ ކަމަށް ޑޮކްޓަރުން ދިނީ އަހަރެއްހާ ދުވަސް

12 ޖަނަވަރީ 2024 - 10:54 0

ސްޓޮކްހޯލްމް (ޖެނުއަރީ 12) - ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާ ކަމަށާއި ދިރިހުރެވޭނެ ކަމަށް ޑޮކްޓަރުން މިހާރު ދީފައިވަނީ އެންމެ ގިނަވެގެން ވެސް އަހަރެއްހާ ދުވަސް ކަމަށް އިންގްލެންޑްގެ ކުރީގެ ކޯޗު ސްވެން ގޯރަން އެރިކްސަން ބުނެފި އެވެ.

ސްވިޑަން އަށް ނިސްބަތްވާ އެރިކްސަން، 75، އަކީ ޔޫރަޕްގެ ގިނަ ކްލަބުތަކާއި ބައެއް ގައުމީ ޓީމުތަކަށް ކޯޗުކޮށްދީފައިވާ ކޯޗެކެވެ. އެރިކްސަން އެންމެ ފާހަގަވެގެންދިޔައީ އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗަކަށް އޭނާ މަސައްކަތްކުރި ދުވަސްވަރެވެ. އިންގްލެންޑްގެ ގައުމީ ޓީމަށް ދެ ވޯލްޑް ކަޕެއްގައި އޭނާ އިރުޝާދު ދިނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެރިކްސަން ވަނީ އާންމު އިވެންޓްތަކުން ދުރަށް ޖެހިލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެއީ ސިއްހީ ސަބަބުތަކަކާ ހެދި ކަމަށް އޭރު އޭނާ ބުނި ނަމަވެސް، ކެންސަރަށް ފަރުވާ ހޯދަމުންދާ ވާހަކަ ހާމައެއްނުކުރެ އެވެ.

އެކަމަކު، ސްވިޑަންގެ ރޭޑިއޯ އަކާ އިއްޔެ ވާހަކަދައްކަމުން، އެރިކްސަން ވަނީ އޭނާ އަށް ކެންސަރު ޖެހިފައިވާކަން ފުރަތަމަ ފަހަރަށް ހާމަކޮށްފަ އެވެ.

"ޑޮކްޓަރުން ލަފާކުރަނީ ދެން ދިރިހުރެވޭނީ ގިނަވެގެން އަހަރެއްހާ ދުވަސް ކަމަށް. އެންމެ ގޯސްކޮށް ދަންޏާ އެއަށްވުރެ ކުރު މުއްދަތެއް،" އެރިކްސަން ބުންޏެވެ.

"އެންމަނަށްވެސް އެނގޭ އަހަރެން ބަލިކަން. އަދި އެންމެންވެސް ލަފާކުރީ އަހަންނަށް ކެންސަރު ޖެހުނު ކަމަށް. އެކަމަކު، އަހަރެން މި ބަލިން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއްކުރަން ބޭނުންވީ."

އެރިކްސަން ބުނީ ކެންސަރާ ކުރަމުންދިޔަ ހަނގުރާމަ ކާމިޔާބުވާނެކަމުގެ އުންމީދު ނެތަސް، އެކަމާ މެދު މާ ބޮޑަށް ފިކުރުބޮޑުކުރަން ބޭނުންނުވާ ކަމަށެވެ.

"އަހަންނަށްވެސް އަބަދު މިކަމާ ވިސްނައި، ދެރަވެ، ގޭގައި އިނދެގެން ހިތާމަކުރެވިދާނެ. އެކަމަކު އަހަރެން އެގޮތް ބޭނުމެއް ނޫން. ކޮންމެ ކަމެއްގައިވެސް ޕޮޒިޓިވް ކަންތައްތަކަށް އަހަރެން ވިސްނަން ބޭނުންވަނީ،" އެރިކްސަން ބުންޏެވެ.

ކުޅުމުގެ ކެރިއަރު 1977 ވަނަ އަހަރު ހުއްޓާލުމަށް ފަހު، އެރިކްސަން ކޯޗިން ކެރިއަރު ފެށީ 1977 ވަނަ އަހަރެވެ. އޭގެ ފަހުން ޔޫރަޕްގެ މަޝްހޫރު ކްލަބުތައް ކަމަށްވާ ބެންފީކާ، ރޯމާ، ފިއޮރެންޓީނާ، ލާޒިއޯ އަދި މެންޗެސްޓާ ސިޓީ އަށް އޭނާ ކޯޗުކޮށްދިނެވެ.

އެރިކްސަން އަކީ އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ބިދޭސީ ކޯޗެވެ. އަދި އޭގެ ފަހުން އޭނާ ވަނީ މެކްސިކޯ އާއި އައިވަރީ ކޯސްޓާއި ފިލިޕީންސްގެ ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ.