Advertisement

އިސްލާމިކް ބޭންކަށް އާޒިމާ ހަތަރު މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓަށް

11 ޖަނަވަރީ 2024 - 12:14 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އާޒިމާ ކެމްޕެއިން ހަރަކާތެއްގައި: އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ހަތަރު މިލިއަން ރުފިޔާ ނުދައްކައިގެން އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިސްލާމިކް ބޭންކަށް އާޒިމާ ހަތަރު މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓަށް

11 ޖަނަވަރީ 2024 - 12:14 1

މޯލްޑިވްސް އިސްލާމިކް ބޭންކާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ދެމެދު ގާއިމުކޮށްފައިވާ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އެ ބޭންކަށް އާޒިމާ ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ދައްކަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އަންނަ ހޮނިހުރު ދުވަހު އޮންނަ މާލެ ސިޓީގެ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާގެ މައްޗަށް ސިވިލް ކޯޓުން އެ ހުކުމް އިއްވީ ޖެނުއަރީ 2، ގަ އެވެ. ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އެއީ ލޯނެއް ނަގައިގެން ފްލެޓެއް ގަނެފައިވާ މައްސަލައެއްގަ އެވެ.

މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައިވާ ކަން އެ ކޯޓުގެ ރަޖިސްޓްރީން މިއަދު ދައްކަ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން، ކެމްޕެއިން ރެލީއެއްގައި އާޒިމާ އެ ހުކުމް ސިފަ ކުރެއްވީ އޭނާއަށް ދެކޮޅަށް ކުރި ޒާތީ ހުކުމެއްގެ ގޮތުގަ އެވެ.

"މިއަދު އަޅުގަނޑު ހަމަ ޒާތީވެލަން ބޭނުން އެ ވަނީ. އަޅުގަނޑާ ދެކޮޅަށް މިއަދު ހުކުމެއް ކުރެވުނު، މަދަނީ މައްސަލައެއްގަ ހުކުމެއް ކުރެވުނު އަޅުގަނޑުގެ ޣައިރު ހާޒިރުގައި،" އާޒިމާ ވިދާޅުވެފައިވެ އެވެ.

ޑިމިނިޝިން މުޝަރަކާއަކީ އެސެޓެއް ނުވަތަ މުދަލެއްގެ ޖޮއިންޓް އޯނާޝިޕްގެ ގޮތެކެވެ. އޭގައި ޖޮއިންޓް އޯނަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އަނެއް ޖޮއިންޓް އޯނަރުގެ މިލްކުވެރިކަމުގެ ހިއްސާ މަޑުމަޑުން ގަންނަމުން ގޮސް ޖޮއިންޓް އެސެޓް ނުވަތަ މުދަލުގެ މިލްކުވެރިކަން އެއްކޮށް ބަދަލުކުރެވޭނެ އެވެ.

ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން މިއަދުގެ ނިޔަލަށް 4،030،856 ރުފިޔާ ބާކީ އޮތް ކަމާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަން ޝަރީއަތަށް ސާބިތުވާ ކަމަށް، ގާޒީ ޒުލައިހާ ޝީޒާ ކުރެއްވި ހުކުމުގައިވެ އެވެ.

އެހެންކަމުން ޖުމުލަ 4،156،355 ރުފިޔާއަކީ އާޒިމާގެ ފަރާތުން އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ފައިސާ ކަން ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ. ކޮންމެ މަހަކަށް ޖެހޭ ފައިސާގެ އަދަދަށް ވުރެ މަދު ނޫން އަދަދަކަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ހުކުމުގައި އަންގާފައިވެ އެވެ.

އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައިވާއިރު، ފައިސާ ދައްކާ ނިމެންދެން ރަހުނުގެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.