Advertisement

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 140 މިލިއަން ޑޮލަރު

11 ޖަނަވަރީ 2024 - 13:21 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 140 މިލިއަން ޑޮލަރު

11 ޖަނަވަރީ 2024 - 13:21 0

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި ހުރީ 140 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޔޫޒަބްލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. ޔޫޒަބަލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީގައި ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި 254 މިލިއަން ޑޮލަރު ހުއްޓެވެ. އަހަރުގެ އެކި މަސްތަކުގައި އެ އަދަދު ދަށްވަމުން ގޮސް ނޮވެމްބަރު މަހު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 126 މިލިއަން ޑޮލަރަށް ދަށްވި ނަމަވެސް އަހަރު ނިމުނު އިރު އެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފެށުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 790 މިލިއަން ޑޮަލަރު ހުރި ނަމަވެސް ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 588.1 މިލިއަން ޑޮލަރެވެ.

ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ނަމަވެސް މިއީ އަހަރު ފެށުނު އިރު ޔޫޒަބަލް ރިޒާވް ހުރި އަދަދާއި އަޅާ ބަލާއިރު 44 ޕަސެންޓް ދަށް އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.

ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ކާޑާއި ބޭހާއި ތެޔޮ އެތެރެކުރަން ދައުލަތުން ކުރާ ހަރަދު އިތުރުވުމެވެ. ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުންނަ ޑޮލަރު އެމްއެމްއޭ އިން އާންމުކޮށް ވިއްކަނީ ބޭންކުތަކަށާއި ކާޑާއި ތެލުގެ ބާވަތްތަކުގެ އިތުރަށް ބޭސް އެތެރެކުރުމަށް އެސްޓީއޯއަށެވެ. އަދި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ ވިޔަފާރި މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ވެސް އެމްއެމްއޭ އިން ވިއްކަމުން ގެންދެ އެވެ.