Advertisement

މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލާނީ ޖެނުއަރީ 30 ގައި

11 ޖަނަވަރީ 2024 - 09:13 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު -- ފޮޓޯ: އަަދަދު ނޫސް


މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލާނީ ޖެނުއަރީ 30 ގައި

11 ޖަނަވަރީ 2024 - 09:13 0

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅަން ހުޅުވާލާނީ ޖެނުއަރީ 30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު "އަދަދު" ނޫހަށް މިއަދު ވިދާޅުވީ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ފުރުސަތު އޮންނާނީ ޖެނުއަރީ 30 އިން ފެބްރުއަރީ 14 ގެ ނިޔަލަށް ކަމަށެވެ.

ވިހި ވަނަ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މާޗު 17 ވަނަ ދުވަހު އެވެ.

މިއީ ރޯދަ މަހެއްގައި އަލަށް އިންތިހާބެއް ބާއްވާ ފަހަރެވެ. މި އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު 11 ވަނަ ދުވަހު އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބެވި ނަމަވެސް، އާ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެ އެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17 ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުން ނެވެ.

"މިހާރު އާންމުކޮށްފައިވާ ލިސްޓުގައި ނަމާއި އެޑްރެސް އޮތީ ރަނގަޅަށްތޯ ބެއްލެވުން އެދެން. ރަނގަޅަށް ނެތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ. ފަރުދީ ޒިންމާ އަދާކުރެއްވުން ވަރަށް މުހިންމު،" ހަބީބު ވިދާޅުވި އެވެ.

މެމްބަރުންގެ ޝަރުތު

  • ދިވެހިރައްޔިތަކަށްވުން.
  • ބޭރުގައުމެއްގެ ރައްޔިތަކަށް ނުވުން.
  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން.
  • އުމުރުން އަށާރަ އަހަރު ފުރިފައިވުން.
  • ބުއްދި ހަމައަށް ހުރި މީހަކުކަމުގައިވުން.
  • ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހިރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހިރައްޔިތަކަށްވީތާ ފަސް އަހަރު ފުރިހަމަ ވެފައިވުން. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވުން.

ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެސް ވާދަ ނުކުރެވޭނެ އެވެ.

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާންޖެހޭނެ އެވެ.