Advertisement

ދެކުނު އެފްރިކާއިން އައިސީޖޭ އަށް ހުށަހެޅި އިޒްރޭލުގެ ގަތުލްއާއްމު މައްސަލައިގެ އަޑުއެހުން މިއަދު ފަށަނީ

11 ޖަނަވަރީ 2024 - 05:59 0


ދެކުނު އެފްރިކާއިން އައިސީޖޭ އަށް ހުށަހެޅި އިޒްރޭލުގެ ގަތުލްއާއްމު މައްސަލައިގެ އަޑުއެހުން މިއަދު ފަށަނީ

11 ޖަނަވަރީ 2024 - 05:59 0

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދަނީ ގަތުލްއާއްމުތަކެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށާނެ އެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށި ހަނގުރާމައިގައި މިހައިތަނަށް ފަލަސްތީނުގެ 23،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ.

އިޒްރޭލުން މަސައްކަތް ކުރަނީ ފަލަސްތީނުގެ ގައުމިއްޔަތާއި ނަސްލު އަދި ދަރިފަސްކޮޅު ނައްތާލުމަށް ކަމަށާއި އެ އަމަލުތައް ހަނގުރާމައިގެ ޖަރީމާ ނުވަތަ ގަތުލުއާއްމު ކެޓެގަރީއަށް ފެތޭ ކަމަށް ދެކުނު އެފްރިކާއިން ބުނެފައިވެ އެވެ.

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ބުނެފައި ވަނީ ގަތުލުއާއްމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ ދެކުނު އެފްރިކާއިން ބޭނުންވަނީ ހަނގުރާމަ މެދުކަނޑާލަން އައިސީޖޭއިން އެންގުމެވެ.

އެގޮތަށް އަމުރު ކުރިޔަސް، މާޒީއަށް ބަލާއިރު އިޒްރޭލުން އެ އަމުރަށް ތަބާވާނެ ކަމަކަށް ނުބެލެވެ އެވެ.

ޔޫކްރެއިންގެ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން މެދުކަނޑާލުމަށް އައިސީޖޭއިން 2022 ގައި ރަޝިއާއަށް އެންގި އެވެ. ނަމަވެސް އެކަމަށް އަމަލެއް ނުކުރެ އެވެ.

ދެކުނު އެފްރިކާގެ ތުހުމަތަކީ އަސްލެއް ނޫން ކަމަށް އިޒްރޭލުން ބުނެ އެވެ.

މި މައްސަލަ އަށް ގިނަ ގައުމުތަކުން ތާއިދުކޮށްފައި ވާއިރު، ތާއިދު ނުކުރާ ގައުމުތަކުގެ ތެރޭގައި އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ.

އެ މައްސަލަ އަށް ތާއިދުކުރާކަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިސްލާމީ 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ހިމެނެ އެ އެވެ.

އެފްރިކާގެ މައްސަލަ އަށް ތާއިދުކުރާކަން ހާމަކޮށްފައިވާ ގައުމުތަކުގެ ތެރެއިން މެލޭޝިއާއިން ގޮވާލާފައި ވަނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ކަނޑައެޅުމަށެވެ.

މި މައްސަލައަށް ތުރުކީ، އުރުދުން، ގެ އިތުރުން، ބޮލީވިއާ ތާއިދު ކުރެ އެވެ. ބޮލީވިއާ އަކީ މި މައްސަލައަށް ތާއީދުކުރި ލެޓިން އެމެރިކާގެ ފުރަތަމަ ގައުމެވެ. ދިވެހިރާއްޖެ، ނަމީބިއާ އަދި ޕާކިސްތާން ވެސް ވަނީ މި މައްސަލައަށް ތާއިދުކޮށްފަ އެވެ.

ހަނގުރާމަ ހުއްޓައިލުމަށް އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލި ގޮވައިލުންތަކަށް އިޒްރޭލުން ދިނީ ބީރު ކަންފަތެކެވެ. އިޒްރޭލުން ބުނީ ހަނގުރާމަ ހުއްޓައިލާނީ ހަމާސްގެ ވަސް އެއްކޮށް ފުހެލުމަށް ފަހު ކަމަށެވެ.