Advertisement

ފީފާ އިން ވެސް އޯވަމާސް ސަސްޕެންޑްކޮށްފި

10 ޖަނަވަރީ 2024 - 15:12 0


ފީފާ އިން ވެސް އޯވަމާސް ސަސްޕެންޑްކޮށްފި

10 ޖަނަވަރީ 2024 - 15:12 0

ޒިއުރިކް (ޖެނުއަރީ 10) - ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން، މާކް އޯވަމާސް އަށް ދީފައިވާ ސަސްޕެންޝަން ބަލައިގަނެ، ފީފާ އިން ވެސް އެ އަށް އަމަލުކުރަން ނިންމައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު، ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ މިނިވަން ކޮމިޝަނަކުން ކުރި ތަހުގީގަށް ފަހު، އޯވަމާސް ދެ އަހަރަށް ސަސްޕެންޑް ކުރަން ނިންމިއިރު، އޭގެއިން އެއް އަހަރަށް އަމަލުކުރާނީ ކުށްތަކުރާރުކޮށްފިނަމަ އެވެ.

އޯވަމާސް އަށް، ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން، މި ސަސްޕެންޝަން އައީ، އަޔަކްސްގެ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމުގައި ހުރިއިރު، އަންހެން އޮފިޝަލަކަށް ބަދުއަހުލާގީ މެސެޖްތަކެއް ފޮނުވި މައްސަލައިގަ އެވެ.

އޯވަމާސް، 50، ވަނީ މި މައްސަލައިގައި އަޔަކްސްގެ މަގާމު 2022 ވަނަ އަހަރު ފެބްރުއަރީ މަހު ދޫކޮށްލައިފަ އެވެ. އޭނާ މި ވަގުތު ހުރީ ބެލްޖިއަމްގެ ރޯޔަލް އެންޓްވާޕްގެ ޑިރެކްޓަރުގެ މަގާމުގަ އެވެ. އެކަމަކު، ފީފާ އިން މިއަދު ނެރުނު ބަޔާނާ އެކު، އޯވަމާސް އަށް ރޯޔަލް އެންޓްވާޕްގެ މަގާމު ގެއްލޭނެ އެވެ.

ފީފާ އިން ބުނެފައިވަނީ، ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން އޯވަމާސް އަށް ދީފައިވާ ސަސްޕެންޝަނަށް އަމަލުކުރަން ފީފާ އިން ވެސް ބާރުއަޅަން ނިންމާފައިވާ ކަމަށެވެ.

އޯވަމާސް ކެރިއަރު ފެށީ 1990 ވަނަ އަހަރު ނެދަލެންޑްސްގެ ކްލަބް، ގޯ އަހެޑް އީގަލްސް އިންނެވެ. އޭގެ ފަހުން ވިލެމް އާއި އަށް އެއް އަަހަރު ކުޅުމަށް ފަހު އޯވަމާސް ދެން ފެނުނީ 1992-1997 އަށް އަަޔަކްސް ޓީމުންނެވެ. އާސެނަލްގެ ލެޖެންޑަރީ ކޯޗު އާސެން ވެންގާ، 1997 ވަަނަ އަހަރު އޯވަމާސް އެ ޓީމަށް ގެނަ އެވެ. އޭގެ ފަހުން ބާސެލޯނާ އަށް ވެސް ހަަތަރު އަހަރު ކުޅުނު އޯވަމާސް ފަހުން، 2009 ވަނަ އަހަރު ކެރިއަރު ނިންމާލީ ގޯ އަހެޑް އީގަލްސް އަށް ކުޅެފަ އެވެ.

ނެދަލެންޑްސް ގައުމީ ޓީމަށް 1993 އިން 2004 އަށް ކުޅުނު އޯވަމާސް ވަނީ އެ ޓީމަށް ކުޅެދިން 86 މެޗުން 17 ލަނޑު ޖަހައިފަ އެވެ.