Advertisement

ފަލަސްތީނަށް ތާއީދުކުރުމުން މައިންޒުން އެލް ގާޒީ ސަސްޕެންޑްކޮށްފި

18 އޮކްޓޯބަރު 2023 - 12:28 0


ފަލަސްތީނަށް ތާއީދުކުރުމުން މައިންޒުން އެލް ގާޒީ ސަސްޕެންޑްކޮށްފި

18 އޮކްޓޯބަރު 2023 - 12:28 0

މިއުނިކް (އޮކްޓޫބަރު 18) - އިޒްރޭލުން ފަލަސްތީނަށް އަރައި، ކުރަމުން އަންނަ ހަނގުރާމައިގައި، ފަލަސްތީނަށް ތާއީދުކޮށް، ޝުއޫރުފާޅުކުރި، ޖަރުމަނުގެ މައިންޒަށް ކުޅޭ ނެދަލެންޑްސްގެ އަންވަރު އެލް ގާޒީ ސަސްޕެންޑްކުރަން އެ ކްލަބުން ނިންމައިފި އެވެ.

ކުރިން އަޔަކްސް، އެސްޓަން ވިލާ އަދި އެވަޓަން އަށް ކުޅުނު، މުސްލިމް ކުޅުންތެރިޔާ، އެލް ގާޒީ، 28، މައިންޒަށް ބަދަލުވީ މި ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގަ އެވެ. އެ ޓީމަށް ތިން މެޗުގައި ވަނީ ކުޅެދީފަ އެވެ.

އެލް ގާޒީ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިޒްރޭލުން ވެރިވެގަންނަން އުޅެނީ ފަލަސްތީނުގެ ކަނޑާއި ބިމަކަށް ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށެވެ. އެ މޭރުމުން މެސެޖެއް ދޭ ލިޔުންކޮޅެއް އެލް ގާޒީ، އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު، މައިންޒުން ހިތްހަމަނުޖެހުނެވެ. އެހެންވެ، އެލް ގާޒީ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްލައިފަ އެވެ.

މައިންޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލަބްގެ އެކި ލެވަލްގައި މަޝްވަރާކޮށް، އެލް ގާޒީއާ އެކު ވެސް ވާހަކަތަކެއް ދެކެވުނު ކަމަށާއި މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ސަސްޕެންޑް ކުރުން ކަމަށް ފެންނާތީ އެ ގޮތަށް ނިންމީ ކަމަށެވެ.

އެލް ގާޒީ ސަސްޕެންޑްކުރީ ކްލަބްގެ ޓްރެއިނިން އާއި މެޗުތަކަށެވެ. އޭނާގެ ސަސްޕެންޝަނުގެ މުއްދަތެއް އެ ކްލަބުން ނުބުނެ އެވެ.

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން، ބަޔާން މިއުނިކަށް ކުޅޭ މޮރޮކޯގެ ފުލްބެކް، ނުސައިރު މަޒްރައޮއީ، އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގެ މައްސަަލަ ވެސް ވަނީ ހޫނުވެފަ އެވެ. މޮރޮކޯ ގައުމީ ޓީމުގެ މެޗުތަކަށް ފަހު މަޒްރައޮއީ ކްލަބާ ގުޅުމުން ބައްދަލުވުންތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ.