19 ނޮވެންބަރު 2023 - 11:26 0
19 ނޮވެންބަރު 2023 - 11:26 0
އަމްސްޓެޑަމް، ނެދަލެންޑްސް (ނޮވެމްބަރު 19) - އަޔަލެންޑް އަތުން 1-0 އިން މޮޅުވެ، ނެދަލެންޑްސް އިން އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ކަށަވަރުކުރިއިރު، ކޮލިފައިންގައި ރޭ ގިބްރޯލްޓާ އަތުން 14-0 އިން މޮޅުވެ، ފްރާންސް އިން ރެކޯޑެއް ހަދައިފި އެވެ.
ވައުޓް ވެގްހޯސްޓް ޖެހި ހަމައެކަނި ގޯލުން ނެދަލެންޑްސް އިން އަޔަލެންޑް އަތުން މޮޅުވެ، އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ގްރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕްގެ އެއް ވަނަ ހޯދީ ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދި ފްރާންސް އެވެ. ދެ ވަނަ އަށް ދިޔަ ނެދަލެންޑްސްގެ އޮތީ 15 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ ގްރީސް އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި ނެދަލެންޑްސް އިން ހަމައެކަނި ގޯލު ޖެހީ 11 ވަނަ މިނިޓްގަ އެެވެ. އެ ޓީމުގެ ފޯވާޑް، ވެގްހޯސްޓް މި ގޯލު ޖެހީ ސްޓެފަން ޑި ވްރައި ދިން ބޯޅައަކުންނެވެ. މި މެޗުގައި ނެދަލެންޑްސް އިން އިތުރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރި ނަމަވެސް ބޭނުމެއް ނުހިފުނެވެ.
ފްރާންސް އިން ރޭ ގިބްރޯލްޓާ އަތުން މޮޅުވިއިރު، ފުރަތަމަ ހާފުގައި އެކަނި ވެސް ހަތް ގޯލު ޖެހި އެވެ. ފްރާންސް އިން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ހޯދި އެންމެ ބޮޑު މޮޅު ހާސިލްކުރި މެޗުގައި ޖެހި ފުރަތަމަ ގޯލަކީ ގިބްރޯލާޓާގެ އީތަން ސަންޓޯސް އަތުން ބައިކޮޮޅަށް ވަން ގޯލެކެވެ.
މި މެޗުގައި ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ހެޓްރިކެއް ހެދި އެވެ. ކިންގްސްލީ ކޯމަން އާއި އޮލިވިއޭ ޖިރޫޑް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ދެން ލަނޑުތައް ޖެހީ މާކަސް ތުރާމް، އޭޑްރިއަން ރަބިއޯ، ޔޫސެފް ފޮފާނާ، ޖޮނަތަން ކްލައުސް، އޮސްމާން ޑެމްބެލޭ އަދި 17 އަހަރުގެ ވަރެން ޒައޭ-އެމެރީ އެވެ. ޒައޭ އެމެރީ އަކީ ފްރާންސަށް އެންމެ ޅަ އުމުރުގައި ރަސްމީ މެޗެއްގައި ކުޅުނު ކުޅުންތެރިޔާ އެވެ.
ރޭގެ މެޗުގައި ގިބްރޯލްޓާ އިން ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، 18 ވަނަ މިނިޓްގައި ސަންޓޯސް އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ފްރާންސް އިން ޖެހި 14 ގޯލުގެ ތެރެއިން، 11 ގޯލު ޖެހީ ގިބްރޯލްޓާ އިން ކުޅުންތެރިއަކު މަދުކޮށް ކުޅެނިކޮށެވެ.
Comment