17 އޮކްޓޯބަރު 2023 - 08:04 0
ގްރީސް ކޮޅަށް ގޯލު ޖެހުމަށް ފަހު ނެދަލެންޑްސްގެ ވެން ޑައިކް އުފާފާޅުކުރަނީ.
17 އޮކްޓޯބަރު 2023 - 08:04 0
އެތަންސް، ގްރީސް (އޮކްޓޫބަރު 17) - މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގައި ރޭ ބޮސްނިއާ އަތުން 5-0 އިން ޕޯޗުގަލް އިން ފަސޭހަ މޮޅެއް ހޯދިއިރު، ގްރީސް ކޮޅަށް ފަހު ވަގުތު ގޯލު ޖަހައިގެން 1-0 އިން ހޯދި މޮޅާ އެކު ނެދަލެންޑްސް ހިންދެމިލައިފި އެވެެ.
އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް ވަނީ ކޮލިފައިވެފަ އެވެ. ރޭގެ މޮޅާ އެކު، ޕޯޗުގަލް ގްރޫޕް ޖޭގެ އެއް ވަނައިގައި އޮތީ ކުޅުނު އަށް މެޗުން ވެސް މޮޅުވެ، 24 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ ލަގްޒެމްބާގް އަތުން 1-0 އިން މޮޅުވެ، އަށް މެޗުން 16 ޕޮއިންޓް ހޯދި ސްލޮވާކިއާ އެވެ.
ބޮސްނިއާ ދަނޑުގައި ރޭ ޕޯޗުގަލްގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އުމުރުން 38 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލަނޑުތަކާ އެކު ޕޯޗުގަލް އަށް ރޮނާލްޑޯ ޖަހައިދިން ގޯލުގެ އަދަދު 127 އަށް ވަނީ އަރައިފަ އެވެ.
ބޮސްނިއާ ކޮޅަށް ރޭގެ މެޗުގައި ރޮނާލްޑޯ ގޯލު ޖަަހަނީ: މި މެޗުގައި ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކައިފައި.
ޕޯޗުގަލްގެ އަނެއް ގޯލުތައް ޖެހީ ޔާއޯ ފެލިކްސް، ޔާއޯ ކަންސޭލޯ އަދި ބްރޫނޯ ފެނާންޑޭސް އެވެ.
ގްރީސްގައި ރޭ ކުޅުނު މެޗުން ނެދަލެންޑްސް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ވާޖިލް ވެން ޑައިކް ޖެހި ޕެނަލްޓީންނެވެ. މިއީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ވެން ޑައިކް ނެދަލެންޑްސް އަށް ޖަހައިިދިން ފުރަތަމަ ގޯލެވެ.
މި މޮޅާ އެކު، ނެދަލެންޑްސް އިން ވަނީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމުގެ އުންމީދު ދަމަހަައްޓައިފަ އެވެ. ގްރޫޕް ބީން މި ވަގުތު ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ ހަ މެޗުން 18 ޕޮއިންޓް ހޯދާފައިވާ ފްރާންސް އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ނެދަލެންޑްސް އާއި ތިން ވަނައިގައި އޮތް ގްރީސް އަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.
Comment