10 ޖަނަވަރީ 2024 - 15:23 0
އާމިނަތު ނިއުޝާ
ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެއިން ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ގުރު ނެގުމުގެ ތެރެއިން؛ ނުހިއްކާ އޮތް ތަނަކުން ގޯތި ދިނުމުންނާއި، އިމާރާތްނުކޮށް ހުރި ފްލެޓުތަކެއްގެ ލިއުން ކެމްޕޭނު ތެރޭގައި އާންމުންނާ ހަވާލުކުރުމުން އީޔޫއިން ކަންބޮޑުވުން ފާޅުކޮށްފައިވޭ -- ފޮޓޯ: ޝާބިން/އަދަދު
10 ޖަނަވަރީ 2024 - 15:23 0
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ނުހިއްކާ އޮތް ފަޅަކުން ގޯތި ދިނުމާއި އިމާރާތް ނުކޮށް ހުރި ފްލެޓުތަކެއް ލިބުނުކަމުގެ ލިއުން އާންމުންނާ ހަވާލުކުރުމުން ޔޫރޯޕިއަން ޔޫނިއަން (އީޔޫއިން) ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން މިޝަން ދިވެހިރާއްޖެ ނިންމައި އާންމުކުރި ފައިނަލް ރިޕޯޓުގައި ބުނެފައި ވަނީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ މިދިޔަ ސަރުކާރުގައި ގޯއްޗާއި ފުލެޓުގެ ލިއުން ދޫކުރި ކަމަށާއި އޭގެ ތެރޭގައި މިހާތަނަށް ނުހިއްކާ ހުރި ބިންތަކާއި އިމާރާތްނުކޮށް ހުރި ފްލެޓުތައް ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
ރިޔާސީ އިންތިހާބުގެ ދެބުރުގައި ވެސް، ވާދަކުރި ކެންޑިޑޭޓުން ދިޔައީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް ގިނަ ވައުދުތަކެއް ވަމުން ކަމަށް ފާހަގަކޮށްފައި ވެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ. އަދި 4000 ހައުސިން ޔުނިޓު ދޫކުރުމަށް ވެސް ކުރީ ސަރުކާރުން ނިންމި އެވެ.
މިދިޔަ ސަރުކާރުގައި ދޭން ނިންމި ފްލެޓު ލިސްޓު އޭސީސީއިން އަދިވެސް އޮތީ ހިފަހައްޓާފަ އެވެ. އޭސީސީން ގެދޮރުވެރިޔާ ފްލެޓުތަކުގެ މައްސަލަ ބަލަން ފެށީ ކުރީ ސަރުކާރުގެ ފަހުކޮޅު ލިސްޓު އާންމުކޮށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. އެ މަސައްކަތް އޭރު އެ ކޮމިޝަނުން ހުއްޓުވީ ފްލެޓު ހައްގު ނުވާ ބަޔަކަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން އޭރުގެ ސަރުކާރުން ފްލެޓު ދީފައި ހުރި ކަމަށް އާންމުން ކުރަމުންދިޔަ ތުހުމަތުތަކުގެ ސަބަބުންވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.
Comment