Advertisement

ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ ކައުންސިލުން 5000 ރުފިޔާ ނަގާ މައްސަލަ ބަލަނީ

9 ޖަނަވަރީ 2024 - 10:33 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ތިނަދޫ ބަނދަރަށް ބަޔަކު ފައިބަނީ: ރަށްވެހިކަން ދޫކޮށްލާނަމަ 5000 ރުފިޔާގެ ފީއެއް ނަގަން ކައުންސިލުން ނިންމި ނިންމުން ބަލާކަމަށް އެލްޖީއޭއިން ބުނޭ -- ފޮޓޯ: ޝާބިން/އަދަދު


ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ ކައުންސިލުން 5000 ރުފިޔާ ނަގާ މައްސަލަ ބަލަނީ

9 ޖަނަވަރީ 2024 - 10:33 0

ގދ. ތިނަދޫ ރަށްވެހިކަން ދޫކޮށްލާނަމަ 5000 ރުފިޔާގެ ފީއެއް ސިޓީ ކައުންސިލަށް ދައްކަން ޖެހޭ މައްސަލަ ލޯކަލް ގަވަންމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ބަލަން ފަށައިފި އެވެ.

އެލްޖީއޭގެ ސީއީއޯ މަރްޔަމް ޒުލްފާ "އަދަދު"އަށް ވިދާޅުވީ ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާއިރު 5000 ރުފިޔާ ނަގާ ގޮތަށް ސިޓީ ކައުންސިލުން ނިންމި ނިންމުން ބަލައި، މިއަދު އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. އެ މައްސަލަ މިއަދު ބާއްވާ އެގްޒެކްޓިވް ބޯޑު ކޮމިޓީއަށް އެޖެންޑާކޮށްފައި އޮތް ކަމަށް ވިދާޅުވި އެވެ.

ޒުލްފާ ވިދާޅުވީ ރަށްވެހިކަން ދޫކޮށްލާއިރު ފީއެއް ނެގުން ފަދަ ކަންކަމަކީ ކައުންސިލަކުން އަމިއްލައަށް ނިންމޭ ކަމެއްކަމަށް ނޫން ކަމަށާއި އެކަމަށް ގާނޫނުން ތަން ނުދޭ ކަމަށެވެ.

"ކައުންސިލަކުން އަމިއްލަ ހައިސިއްޔަތަކުން އެކަން އެގޮތަކަށް ނުކުރެއްވޭނެ ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން އިޖުރާއަތް އޮންނަހާ ހިނދަކު. ކައުންސިލަރުންނަށް އުޅުއްވާ ބޭފުޅުންނަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެ އުސޫލު ކަނޑައަޅުއްވާއިރު އިޖުރާއަތް އެބަ އޮތްކަން" ޒުލްފާ ވިދާޅުވި އެވެ.

ދާދި ފަހުން ސިޓީއެއްގެ ދަރަޖަ ދިން ތިނަދޫ ކައުންސިލުން، ރަށްވެހިކަން ބަދަލުކުރާނަމަ 5000 ރުފިޔާގެ ފީއެއް ނަގާން ނިންމާފައި ވަނީ، ރަށްވެހިކަން ބަދަލުކުރުމުން އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުކުރާކަމަށް ބުނެ އެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ދިން ވަގުތު އެ ނިސްބަތަށް ރަޖިސްޓްރީ އާބާދީ އޮތް ކަމާ މެދު ވެސް ސުވާލުތަކެއް އުފެދިފައިވެ އެވެ. އެއީ އޭގެ އަހަރެއްހާ ދުވަސް ކުރިން، އެ ރަށު ކައުންސިލުން އެ ކަމަށް އެދި ހުށަހެޅި އިރު ރަޖިސްޓްރީ އާބާދީ އުޅުނީ 7،000 ގަ އެވެ.

ރައީސް ސޯލިހު ގދ. ތިނަދޫގައި ސިޓީއެއްގެ ދަރަޖަ ދެއްވި ކަން އިއުލާން ކުރެއްވި އިރު ވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ވެސް ދައްކަނީ ރަށުގެ ރަޖިސްޓްރީގައި ތިބީ 7،906 މީހުން ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް މި ފަހުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ. އެއީ އެ ރަށުގެ އުތުރު ދާއިރާއަށް 5،076 މީހުން އަދި ދެކުނު ދާއިރާއަށް 5،074 މީހުން ކަމަށެވެ.