Advertisement

އިންޑިއާ ދެކޮޅު ޕޯސްޓެއް ފެންމަތިވުމުން، އެމްއެމްޕީއާރުސީގެ އެމްޑީ ފާތުމަތު ތައުފީގުގެ އެކްސް އެކައުންޓު ޑިއެކްޓިވޭޓު ކޮށްފި

8 ޖަނަވަރީ 2024 - 23:30 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްއެމްޕީއާރުސީ ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު : އޭނާގެ އެކައުންޓު ވަނީ ޑިއެކްޓިވޭޓު ކޮށްފަ -


އިންޑިއާ ދެކޮޅު ޕޯސްޓެއް ފެންމަތިވުމުން، އެމްއެމްޕީއާރުސީގެ އެމްޑީ ފާތުމަތު ތައުފީގުގެ އެކްސް އެކައުންޓު ޑިއެކްޓިވޭޓު ކޮށްފި

8 ޖަނަވަރީ 2024 - 23:30 2

ސަރުކާރިގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި މައްސަލާގައި އެ ގައުމާއެކު ގުޅުން ގޯސްވެފައި ވަނިކޮށް، އިންޑިއާއާ ދެކޮޅު ޕޯސްޓެއް ފެންމަތިވެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގުގެ އެކްސް އެކައުންޓު ޑިއެކްޓިވޭޓު ކޮށްފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ އެންމެ އިސް މެންޑޭޓު މަތިކޮށްފައިވާ އެމްއެމްޕީއާރުސީގެ އެމްޑީ، މީގެ ކުރިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ މިއަދު އެވެ. ސެޕްޓެމްބަރު 23، 2023 ގައި ކޮށްފައިވާ އެ ޕޯސްޓުގެ ސްކްރީން ޝޮޓުތަކެއް މިހާރުވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެއާކު އެކައުންޓު ޑިއެކްޓިވޭޓު ކުރުމުގެ ކުރިން ފާތުމަތު ވަނީ އެއީ ފޭކު ޕޯސްޓެއް ކަމަށް ވިދާޅުވެ އިތުރު ޕޯސްޓެއްވެސް ކުރައްވާފަ އެވެ.

ފާތިމަތު ތައުފީގުގެ އެކައުންޓު ޑިއެކްޓިވޭޓު ކޮށްފައި -


މި މައްސަލަ އުފެދި ހޫނުވެގެން ދިޔައީ، އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4, ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިއާ ގުޅިގެންނެވެ. އެ ތިން ނައިބުން ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މައްސަލަ ހޫނުވެ އިންޑިއާއިން ވަނީ އެ ގައުމުގެ ފިލްމީތަރިންވެސް ބައިވެރިކޮށް ރޭވިގެން ރާއްޖެ ބޮއިކޮޓުކޮށް، ލަކްޝަދީބު އިހުތިޔާރު ކުރުމަށް ގޮވާލާ ކެމްޕޭނެއް ވެސް ފަށާފަ އެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ވަނިކޮށް މިއަދު އިންޑިއާގައި ހުންނަ ރާއްޖޭގެ ސަފީރު ވަނީ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ. އަދި، ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް މިއަދު 12:00 ގައި ވަޑައިގެންފައިވެ އެވެ.