Advertisement

ފީފާގެ ބެޖް ރާއްޖޭގެ 11 ރެފްރީ އަކަށް

8 ޖަނަވަރީ 2024 - 13:01 2

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ރެފްރީ ސިނާން (ކ) އާއި އެސިސްޓަންޓް ރެފްރީ އަހުމަދު ހަސަން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފީފާގެ ބެޖް ރާއްޖޭގެ 11 ރެފްރީ އަކަށް

8 ޖަނަވަރީ 2024 - 13:01 2

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ބެޖް މި އަހަރަށް ރާއްޖޭގެ 11 ރެފްރީ އަކަށް ލިބިއްޖެ އެވެ.

މިއީ ވޭތުވެދިޔަ އަހަރު ދިވެހި ރެފްރީން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި އިންސާފުކޮށްފައިވާތީ އާއި ފިޓްނަސް ޓެސްޓާއި ތިއަރީ ޓެސްޓްތަކުން ފާސްވުމާ އެކު ފަހިވި ފުރުސަތެކެވެ.

އެ ގޮތުން، މި އަހަރަށް ފީފާ އެލީޓް ރެފްރީންގެ ގޮތުގައި ތިން ރެފްރީން ވަނީ ހިމަނައިފަ އެވެ. އެ ތިން ރެފްރީންނަކީ، މުހައްމަދު ޖާވިޒް (ޖޭޑް)، އާދަމް ފަޒީލް އަދި ހުސެއިން ސިނާން އެވެ. ފީފާ ރެފްރީގެ ގޮތުގައި، ބެޖް ލިބިފައިވަނީ ޒަހީރު ހުސެއިން އަށެވެ.

ދެން، ފީފާ އެލީޓް އެސިސްޓަންޓް ރެފްރީންގެ ބެޖް މި އަހަރު ލިބުނީ، ޖައުފަރު ރަޝީދު، އަހުމަދު އަބްދުﷲ، ނިއުޝާދު މުހައްމަދު، އަހުމަދު ހަސަން އަދި އަހުމަދު އަފްސަހު އަށެވެ. މީގެ އިތުރުން، ފީފާ އެސިސްޓަންޓް ރެފްރީންގެ ބެޖް، އަބްދުﷲ ޝާތިރު އަދި ރައީފް ރައޫފް އަށް ވަނީ ލިބިފަ އެވެ.


މިދިޔަ އަހަރުގެ ހަތަރު މަސްތެރޭގައި ކުރިއަށްދިޔަ ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކުގެ ތިން ފައިނަލުން ވެސް ރާއްޖޭގެ ރެފްރީން ވަނީ ފުރުސަތު ހޯދައިފަ އެވެ. މިދިޔަ އަހަރު ޖުލައި މަހު އިންޑިއާގައި ނިމުނު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕާއި، ސެޕްޓެމްބަރު މަހު ނިމުނު 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވެސް ދިވެހި ރެފްރީން ފެނުނެވެ.

އިންޑިއާ އާއި ކުވެއިތު ވާދަކުރި ސާފް ޗެމްޕިއަންޝިޕްގެ ފަސްޓް އެސިސްޓަންޓް ރެފްރީކަންކުރީ ރާއްޖޭގެ އޭއެފްސީ އެލީޓް ރެފްރީ އަހުމަދު ހަސަން އެވެ. ބަންގްލަދޭޝް އާއި އިންޑިއާ ވާދަކުރި 16 އަހަރުން ދަށުގެ ފައިނަލުގައި ރާއްޖޭގެ ދެ ރެފްރީން ކަމަށްވާ ޒަހީރު ހުސެއިން އާއި ރައީފް ރައުފް ހަރަކާތްތެރިވި އެވެ. ޕާކިސްތާނާއި އިންޑިއާ ވާދަކުރާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ރެފްރީ އަކީ ރާއްޖޭގެ އަލީ ނަދީމް އެވެ. އަދި އެސިސްޓަންޓް ރެފްރީ އަކީ ހުސައިން ޝަހީމް އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ރެފްރީންނަށް ބައިނަލްއަގުވާމީ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެ ގޮތުން، މާޗު މަހު ނޭޕާލްގައި ކުރިއަށްދިޔަ ޕްރައިމް މިނިސްޓާސް އިންޓަނޭޝަނަލް ކަޕްގައިވެސް ރާއްޖޭގެ ސީނިއާ ހަތަރު ރެފްރީއަކަށް ފުރުސަތު ލިބުނެވެ. ނޭޕާލާއި ބޫޓާން އަދި ލާއޯސް ވާދަކުރި މުބާރާތުން ފުރުސަތު ލިބުނު ރެފްރީންނަކީ ޖާވިޒް، ސިނާން، ޖައުފަރު އަދި އަފްސަހު އެވެ.

ރާއްޖޭގެ ރެފްރީން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާއި އޭޝިއަން ގޭމްސްގެ ރެފްރީންގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވެ އެެވެ.