Advertisement

މިނިސްޓަރު ފައިސަލް ދެއްވީ ވަރުގަދަ މާކެޓިން ކެމްޕޭނެއް ޖައްސާނެ ކަމުގެ ޔަގީންކަން

7 ޖަނަވަރީ 2024 - 17:51 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް : ވިދާޅުވީ މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން ވަރުގަދަ މާކެޓިން ކެމްޕޭނެއް ޖައްސާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް


މިނިސްޓަރު ފައިސަލް ދެއްވީ ވަރުގަދަ މާކެޓިން ކެމްޕޭނެއް ޖައްސާނެ ކަމުގެ ޔަގީންކަން

7 ޖަނަވަރީ 2024 - 17:51 2

ރާއްޖެއަށް ޒިޔާރާތް ކުރުމުގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕަށް ދިޔުމަށް ގޮވާލައި އެ ގައުމުން އިންތިޒާމު ވެގެން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު, ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ވަރުގަދަ މާކެޓިން ކެމްޕޭނެއް ޖައްސާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ. މިިކަމެއް ފެށުނީ ލަކްޝަދީޕްގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު އެވެ. މި މައްސަލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރި ތިން ނައިބު ވަޒީރަކު މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު "އަދަދު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މައްސަލާގައި ސަރުކާރުގެ ސްޓޭންޑު މިހާރު ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ވަރަށް ވަރުގަދައަށް ޑެސްޓިނޭޝަން މާކެޓިން ޕްރޮމޯޝަނަލް މަސައްކަތްތަކެއް ކުރެވޭނެ ވަރަށް ގަދަޔަށް އިނގޭތޯ، ދެން ވީހާވެސް ބޮޑަށް ޕޮޒިޓިވް މިކަން ހޭންޑަލް ކުރާނަން އިނެގޭތޯ," އޭނާ ވިދާޅުވި އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، މި މައްސަލައާއެކު ސަރުކާރުން ކުރިއަށްދާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް އަޑުއަހައިގެން ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާކެޓިންއަށް ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮރިން ޕޮލިސީއަކީ ހަމަ ހުރިހާ ގައުމަކާއެކު ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވުން," ފައިސަލް ވިދާޅުވި އެވެ.

އިންޑިއާގެ ފިލްމީ ތަރިން ހިމެނެހޭން ރާއްޖެއާ ދެކޮޅަށް ފަށާފައިވާ ކެމްޕޭނާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ހަރަކާތްތެރިން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ރާއްޖޭގެ ޓޫރިޒަމުގެ ކާމިޔާބުގައި އިންޑިއާ މާކެޓަކީ މުހިންމު ދައުރެއް އަދާކުރާ މާކެޓެއް. ހާއްސަކޮށް ގެސްޓް ހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަޕޯޓް ދިނުމުގައި. މަޓާޓޯއިން ހުރިހާ ސްޓޭކްހޯލްޑަރުންނަށް ގޮވާލަނީ ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމާއި ގުޅިފައިވާ އިގުތިސޯދުގެ ސަބަބުން ލިބެމުންދާ ފައިދާތައް ބަލައިގަތުމަށް," މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިދިޔަ 2023 އާއި 2022 އަދި 2021 ގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން އިންނެވެ. އެއިން ކޮންމެ އަހަރެއްގައި ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އެވެ.