Advertisement

ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް؛ ޓޫރިޒަމް އިންޑަސްޓްރީ އިންތިހާއަށް ކަންބޮޑުވެއްޖެ

7 ޖަނަވަރީ 2024 - 16:01 5

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓުގައި ހަރަކާތްތެރިވަނީ. ޓޫރިޒަމް އިންޑަސްޓްރީގެ ކަންބޮޑުވުން މި ކެމްޕޭނާ ގުޅިގެން އެބައޮތް --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް؛ ޓޫރިޒަމް އިންޑަސްޓްރީ އިންތިހާއަށް ކަންބޮޑުވެއްޖެ

7 ޖަނަވަރީ 2024 - 16:01 5

ރާއްޖެއަށް ޒިޔާރާތް ކުރުމުގެ ބަދަލުގައި އިންޑިއާގެ ލަކްޝަދީޕަށް ދިޔުމަށް ގޮވާލައި އެ ގައުމުން އިންތިޒާމު ވެގެން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައިވާއިރު އެކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ހަރަކާތްތެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ. މިިކަމެއް ފެށުނީ ލަކްޝްދީޕުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު އެވެ.

އެއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެމަނިކުފާނާ ވަރަަށް އަރިސް އިސް އޮފިޝަލުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ފުރައްސާރަކުރުމާ އެކު މިހާރު ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލައި އެ ގައުމުގެ ފިލްމީ ތަރިން ވެސް ބައިވެރިވެގެން ކެމްޕޭނެއް ވަނީ ފަށާފަ އެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ރާއްޖޭގެ ޓޫރިޒަމުގެ ކާމިޔާބުގައި އިންޑިއާ މާކެޓަކީ މުހިންމު ދައުރެއް އަދާކުރާ މާކެޓެއް. ހާއްސަކޮށް ގެސްޓް ހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަޕޯޓް ދިނުމުގައި. މަޓާޓޯއިން ހުރިހާ ސްޓޭކްހޯލްޑަރުންނަށް ގޮވާލަނީ ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަމާއި ގުޅިފައިވާ އިގުތިސޯދުގެ ސަބަބުން ލިބެމުންދާ ފައިދާތައް ބަލައިގަތުމަށް," މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ޒަމާންވީ އެއް ޓުއައޮޕަރޭޓަރު ކަމަށްވާ ކެޕިޓަލް ޓްރެވެލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިފްއަތު އެކްސްގައި ލިއުއްވި ލިއުމެއްގައި ވިދާޅުވީ އިންޑިއާގެ ޓޫރިސްޓުންނަކީ ރާއްޖޭގެ ޓޫރިޒަމަށް ފާހަގަކޮށްލެވޭ މިންވަރަކަށް ކޮންޓްރިބިއުޓްކުރާ ބައެއް ކަމަށެވެ. އަދި އިންޑިއާގެ މަޝްހޫރުމީހުން ޒިޔާރަތްކުރުމުގެ ސަބަބުން ރާއްޖޭގެ ޕްރޮމޯޝަން ވަރުގަދަވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރަހުމަތްތެރި ގައުމުގެ [އިންޑިއާގެ] ލީޑަރަށް އަމާޒުކުރި ދަށު ދަރަޖައިގެ ކޮމެންޓްތަކާ އަަޅުގަނޑު ވަރުގަދައަށް ދެކޮޅު ހަދަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގަމުންދާ ކުންފުންޏެއްގެ އިސްވެރިޔަކު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިވަގުތު ކަންކަން ހިނގަމުންދާ ގޮތުން އޭނާގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

"އިންޑިއާ މާކެޓަކީ ވަރަށް މުހިންމު މާކެޓެއް. ހާއްސަކޮށް މެއި ޖޫން ޖުލައި, މި އޮފް ސީޒަނުގައި އިންޑިއާގެ ސްކޫލުތަކުގެ ޗުއްޓީއާ އެކު ރާއްޖެއަށް ގިނަ އަދަދެއްގެ އިންޑިއާ ޓޫރިސްޓުން އަދާ. އެކަމަކު މިހާރު ކަންކަން މިދާ ގޮތުން އެ އަދަދަށް ޓޫރިސްޓުން ނައިސްދާނެ ކަމުގެ ބިރު އެބައޮތް," ނަން ނުޖެހުމަށް ޝަރުތުކޮށް މިކަމުގައި ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ.

"އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރައްވާ އެއް ބޭފުޅާ ކަމަށްވާ އަބްދުالله ނަޝީދު (ކާނި އަބްލޯ) ވަނީ ގެސްޓް ހައުސްތަކަށް އިންޑިއާގެ މާކެޓަކީ ވަރަށް މުހިންމު މާކެޓެއް ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ވެސް ބައެއް ބުކިންތައް މަދުމަދުން ކެންސަލް ވަމުންދަނީ. މިހާރު މިހިނގަމުންދާ ކަންކަމާ ގުޅިގެން [އިންޑިއާގެ ކެމްޕޭން އާއެކު] ކުރާނެ އަސަރު ދެނެގަނެވޭނީ ދެތިން ދުވަސް ފަހުން. އެކަމަކު ކަންބޮޑުވުން އެބަ އޮތް," އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން, މިކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އިސްވެ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ދިވެހިންނާއި އިންޑިއާ އާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަން ސާފުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ 2023 އާއި 2022 އަދި 2021 ގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން އިންނެވެ. އެއިން ކޮންމެ އަހަރެއްގައި ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އެވެ.