Advertisement

ސަރުކާރު އޮފިޝަލުން މޯދީއަށް މަލާމާތް ކުރުން ކޯލިޝަން ޕާޓްނަރު އެމްއެންޕީއިން ވެސް ކުށްވެރިކޮށްފި

7 ޖަނަވަރީ 2024 - 13:35 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމްއެންޕީގެ ލީޑަރު ނާޒިމް: ސަރުކާރުގެ އޮފިޝަލުން މޯދީއަށް މަލާމާތް ކުރުން ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްއެންޕީއިންވެސް ކުށްވެރިކޮށްފި - ފޮޓޯ: ރައީސް އޮފީސް


ސަރުކާރު އޮފިޝަލުން މޯދީއަށް މަލާމާތް ކުރުން ކޯލިޝަން ޕާޓްނަރު އެމްއެންޕީއިން ވެސް ކުށްވެރިކޮށްފި

7 ޖަނަވަރީ 2024 - 13:35 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މަގާމުތަކަށް އައްޔަނުކުރައްވާފައިވާ ބައެއް ސީނިއާ އޮފިޝަލުން އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރުމާ ގުޅިގެން މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ވެސް ކުށްވެރި ކޮށްފި އެވެ.

އެ ޕާޓީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބޭރު ގައުމެއްގެ ވެރިޔަކާ ދެކޮޅަށް ސަރުކާރުގެ އިސް އޮފިޝަލުން މަލާމާތް ކޮށް ނަސްލީ ތަފާތުކުރުމުގެ ރޫހުގައި ދެއްކި ވާހަކަތައް އެ ޕާޓީން ކުށްވެރި ކުރާ ކަމަށެވެ.

"މިކަމާ ގުޅިގެން އެ އޮފިޝަލުންނާ ދެކޮޅަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލަން" އެ ޕޯސްޓުގައި ބުނެފައި ވެ އެވެ.

އެމްއެންޕީއިން ސަރުކާރު ހިންގާ ޕީއެންސީއާއެކު ކޯލިޝަން ހެދީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ޕީއެންސީއިން ބާއްވާ ޕްރައިމަރީގެ ވަކި ދާއިރާތަކެއްގައި އެމްއެންޕީގެ މެންބަރުންނަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ.

އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް (އިންޓަނެޓުގައި މީހުންނަށް ފުރައްސާރަކޮށް މަލާމާތްކުރާ) އެކައުންޓްތަކުން ހޫނު ބަހުގެ ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ. މިިކަމެއް ފެށުނީ ލަކްޝްދީބުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ ގުޅިގެންނެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އޮފިޝަލުން ވަނީ ސަރުކާރުގެ ދިފާއުގައި އެކްސްގައި ރައްދު ދީފަ އެވެ. އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތަކުން، މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބު ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ.

މިހާރު ޑިލީޓްކޮށްފައިވާ ޓްވީޓެއްގައި ޝިއުނާ ވަނީ މޯދީއަކީ "ޖޯކަރެއް" ކަމަށާއި "އިޒްރޭލުގެ ޕަޕެޓް" އެއް ކަމަށް ސިފަކޮށްފަ އެވެ. އިންޑިއާ މީހުންނަށް ނިސްބަތްވާ އެކައުންޓްތަކުން ވެސް ފާހަގަކުރަނީ، ސަރުކާރުގެ އޮފިޝަލެއްގެ ރަސްމީ އެކައުންޓުން މިފަދަ ޓްވީޓުތަކެއް ކުރުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކޮށްފައިވާ ކޮމެންޓްތަކެއް ކަމަށް ބުނާ މައްސަލަ އެވެ.

މި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފާރިސް މައުމޫނު ފަދަ ބޭފުޅުންވެސް ވަނީ ސަރުކާރުގެ އޮފިޝަލުންނަށް ފާޑުވިދާޅުވެ، އަވަށްޓެރި ގައުމާއެކު އޮތް ގުޅުމަށް ބުރޫނޭރުވުމަށް އެދި ގޮވާލާފަ އެވެ.