Advertisement

ކިރުވާ މަހަށް ފައިސާ ނުލިބޭތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ: މަސްވެރިން

7 ޖަނަވަރީ 2024 - 11:33 0

އަހުމަދު ސައީދު

އަހުމަދު ސައީދު

މަސްވެރިން ދޯންޔެއްގައި ދޮށި އަޅަނީ: ގިނަ މަސްވެރިން ބުނާ ގޮތުގައި ކިރުވާ މަހަށް ފައިސާ އެއް ނުލިބޭ -- އަދަދު ފައިލް ފޮޓޯ


ކިރުވާ މަހަށް ފައިސާ ނުލިބޭތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ: މަސްވެރިން

7 ޖަނަވަރީ 2024 - 11:33 0

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ކިރުވާ މަހައް ފައިސާ ނުލިބޭތާ ދެމަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބައެއް މަސްވެރިން ބުނެފި އެވެ.

ރާއްޖޭގެ އުތުރުގައި އެންމެ ފުޅާ ދާއިރާއެެއްގައި މަސްވެރިކަން ކުރާ ހއ. އިހަވަންދޫ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ ފައިސާ ނުލިބި ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމުގެ ޝަކުވާ މަސްވެރިން ކޮށްފައިވާ ކަމަށެވެ.

"ފައިސާ ނުލިބި ދެ މަހަށްވުރެ ގިނަ ވެފައިވާ ކަމަށް މަސްވެރިން ބުނަމުން ދަނީ،" އެ ޖަމިއްޔާގެ އިސް ބޭފުޅަކު ބުންޏެވެ.

ތ. ގުރައިދޫ މަސްވެެރިން ގެ ޖަމިއްޔާއިން ވަނީ އެ ރަށުގެ މަސްވެރިންގެ ކަންބޮޑުވުން، ވީޑިއޯ މެޖެސަކުން، މީގެ ދެ ދުވަސް ކުރިން ފޭސްބުކް ގައި ހިއްސާކޮށްފަ އެވެ.

"މިހާރު ދެތިން މަހޭ މިވަނީ ލާރިކޮޅު ނުލިބިގެން އުޅޭތާ، އެއް ރަށަކަށް ވެސް އެބަ އުޅެއޭ ފަންސާހަކަށް މިލިއަން ރުފިޔާ، ކީއްވެގެންތޯ އޭ ލަސްވެެގެން މިދަނީ، މަސްވެރިން މި ތިބީ ވަރަށް ދަތިވެފައި،" ގުރައިދޫގެ މަސްވެރިއަކު ވީޑިއޯ މެސެޖެއްގައި ބުނެފައިވެ އެވެ.

ތ. ހިރިލަންދޫ މަސްވެރިންގެ ޖަމިއްޔާ އިން ވެސް ވަނީ، "މަސްވެރިންގެ ފައިސާ މިހާރުން މިހާރަށް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށް ގޮވާލަން," ފެސްބުކް ގައި ޕޯސްޓެއް ޖަހައިފަ އެވެ.

ހުވަދޫ އަތޮޅުގެ ރަށްތަކާއި ގާތް ގުޅުމެއް އޮންނަ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކަޓަރު ހުސެން އަމްރު ވެސް މީގެ ދެތިން ދުވަހެއް ކުރިން ވަނީ މަސްވެރިންނަށް ފައިސާ ނުލިބުމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"މަސްވެރިން ސަރުކާރަށް ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބޭތާ މަހަކަށް ވުރެ ގިނަވެ، ޝަކުވާތައް ވަރަށް ގިނައިން އަޅުގަނޑަށް އެބަ ލިބޭ، ފަރެސްމާތޮޑާ ގެ އަށް ދޯންޏަށް އެކަނިވެސް ސަރުކަރުން ދައްކަން ޖެހޭ އަދަދު 50 މިލިއަނަށް ވުރެ މަތި،" ފޭސްބުކްގައި އަމްރު ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

މިފްކޯ އިން މަސްވެރިނަން ނުދީހުރި ފައިސާ އާ ގުޅޭގޮތުން، ސުވާލު ކުރުމުން މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުގެ ފަރާތުން ހަތަރު ދުވަސް ވީ އިރުވެސް ވަނީ ޖަވާބެއް ނުލިބިފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ގެ ބަހެއް ވެސް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ނުދީ އޮތް 200 މިލިއަން ރުފިޔާގެ ތެރެއިން 190 މިލިއަން ރުފިޔާ ދީފައިވާ ކަމަށް، މިނިސްޓަރު ޝިޔާމް މިދިޔަ މަސްވެރިންގެ ދުވަހު (10 ޑިސެމްބަރު) ގައި ވިދާޅުވިއިރު، 140 މިލިއަން ރުފިޔާ ނުދެވި އޮތް ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ހަމަ އެ ދުވަހު ވިދާޅުވި އެވެ.