ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އާއި ޕޮލިސް ކްލަބް ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަބްުދުﷲ އިޔާން/ އަދަދު
މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގައި ރޭ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އަތުން މޮޅުވެ، ޕޮލިސް ކްލަބުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ރޭ ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗުން 3-1 ސެޓުން މޮޅުވެ، ޕޮލިހުން ގައުމީ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދިއިރު، މި މެޗުން ބަލިވި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަށް އަދިވެސް ފައިނަލުގެ ފުރުސަތު އެބައޮތެވެ. އެއީ، އިއްޔެ ފުރަތަމަ ސެމީގައި އަލްމާ ސްޕޯޓްސް ކްލަބް އަތުން 3-2 ސެޓުން މޮޅުވި، ކްލަބް ވެމްކޯއާ ތިން ވަނަ ސެމީގައި ބައްދަލުކޮށް ކާމިޔާބު ހޯދައިގެންނެވެ. ތިން ވަނަ ސެމީ އޮތީ މާދަމާ ރޭ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ވެމްކޯ އިން ފުރަތަމަ ދެ ސެޓު، 25-17، 25-22 އިން ގެންގޮސް، މެޗު ސީދާ ތިން ސެޓުން މޮޅުވާނެ ކަމަށް ބެލެވުނެވެ. އެކަމަކު، އަލްމާ އިން ވަނީ ދެން ކުޅުނު ދެ ސެޓުގައި ހިތްވަރުކޮށް، ދެ ސެޓުން ކުރިހޯދައިފަ އެެެވެ. އަލްމާ އިން މި ދެ ސެޓު ގެންގޮސްފައިވަނީ، 13-25، 13-25 އިންނެވެ.
ނަތީޖާ ނެރެން ކުޅުނު ސެޓުން ވެމްކޯ ކުރިހޯދީ 15-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، ކައިޝާ ރަކޯލް ހަންޓް އެވެ.
ޕޮލިހުން ރޭ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން ބަލިކުރި މެޗުގައި، މޮޅުވީ ފަހަތުން އަރަ އެވެ. މި މެޗުގައި ފުރަތަމަ ސެޓު، ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އިން ގެންދިޔައީ، 25-23 އިންނެވެ.
ޕޮލިހުން ވަނީ ދެ ވަނަ ސެޓުން ފެށިގެން ކުޅުން ރަނގަޅުކޮށްފަ އެވެ. ނަތީޖާ އަކަށްވީ ދެން ކުޅުނު ތިން ސެޓު ވެސް ގެންގޮސް އެ ޓީމުން މެޗުން މޮޅުވުމެވެ. ސެޓުތައް ގެންދިޔައީ، 19-25. 20-25 އަދި 17-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހަށް ކުޅޭ ތައިލެންޑްގެ އަމްޕޯން ހިޔޯޕާ އެވެ.
ތިން ވަނަ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށް ޕޮލިސް ކުޅޭ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭގަ އެވެ. އެންމެ ފަހުން، ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ހޯދީ ވެމްކޯ އިންނެވެ. އެއީ ފައިނަލުގައި ކްލަބް ވޮލީބޯލް އަތުން 3-1 ސެޓުން މޮޅުވެގެންނެވެ.
Comment