Advertisement

ހެންޑަސަން ބޭނުންވަނީ ސައުދީ ދޫކޮށް، އިންގްލެންޑަށް ބަދަލުވާން: ރިޕޯޓް

7 ޖަނަވަރީ 2024 - 09:27 0


ހެންޑަސަން ބޭނުންވަނީ ސައުދީ ދޫކޮށް، އިންގްލެންޑަށް ބަދަލުވާން: ރިޕޯޓް

7 ޖަނަވަރީ 2024 - 09:27 0

ރިޔާދު (ޖެނުއަރީ 7) - ސައުދީ އަރަބިއްޔާގެ އަލް-އިއްތިފާގަށް ކުޅެމުންދާ އިންގްލެންޑްގެ ވައިސް ކެޕްޓަން، ޖޯޑަން ހެންޑަސަން މިހާރު ބޭނުންވަނީ އެ ގައުމު ދޫކޮށް، އެނބުރި އިންގްލެންޑަށް ދާން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ލިވަޕޫލް ދޫކޮށް ސައުދީ ޕްރޯ ލީގުގެ އަލް-އިއްތިފާގަށް ބަދަލުވީ ހަ މަސް ނުވެ، ހެންޑަސަން، 33، އެ ގައުމު ދޫކޮށް އެނބުރި އިންގްލެންޑަށް ބަދަލުވާން ބޭނުންވަނީ ސައުދީގައި ދިރިއުޅުމަށް އޭނާ އަށް އުނދަގޫތަކެއް ދިމާވަތީ އެވެ.

މި މަހުގެ ޓްރާންސްފާގައި ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ހެންޑަސަން ބޭނުންވަނީ އެނބުރި އިންގްލެންޑަށް ދާށެވެ. އަދި އިންގްލެންޑުން ކްލަބެއް ނުލިބިއްޖެނަމަ، ޔޫރަޕްގެ އެހެން ލީގަކަށް ބަދަލުވާން ވެސް އޭނާ ތައްޔާރަށްހުރި ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ހެންޑަސަން ބޭނުންވަނީ އެންމެ ފުރަތަމަ ލޯނު އުސޫލުން އެހެން ކްލަބަކަށް ބަދަލުވާށެވެ. އެކަމަކު، އެހެން ކްލަބަކުން ހެންޑަސަން އަށް އަލް-އިއްތިފާގުން ދޭ ވަރުގެ މުސާރައެއް ނުލިބޭނެ އެވެ. އަލް-އިއްތިފާގާށް ހެންޑަސަން ބަދަލުވީ ޓެކްސަކާ ނުލައި، ހަފުތާ އަކު 350،000 ޕައުންޑް މުސާރައިގެ ގޮތުގައި ލިބޭ ތިން އަހަރު ދުވަހުގެ ކޮންޓުރެކްޓެއްގެ ދަށުންނެވެ.


އެކަމަކު، ތިން އަހަރުގެ ދުވަހު ކޮންޓުރެކްޓެއްގެ އޮއްވައި، އަލް-އިއްތިފާގު އެއްކޮށް ދޫކޮށްލުމަކީ ހެންޑަސަން އަށް ފަސޭހަ ކަމަކަށްނުވާނެ އެވެ.

ކުރިން ސަންޑަލެންޑަށް ކުޅުނު، ހެންޑަސަންއާ އެކު އަލް-އިއްތިފާގުން ހަދާފައިވާ ކޮންޓުރެކްޓްގައި ވާ ގޮތުގައި އޭނާ އަތުން ޓެކްސް ނުނަގާނީ މަދުވެގެން ދެ އަހަރު އެ ކްލަބުގައި މަޑުނުކޮށްފިނަމަ އެވެ. އޭގެ ކުރިން ހެންޑަސްން އެ ކްލަބު ދީލޮށްލައިފިނަމަ، މުސާރައިން ނުނެގި ޓެކްްސް ފައިސާ ދައްކަންޖެހޭނެ އެވެ.

އެހެންކަމުން، ސައުދީ ދޫކޮށް އެހެން ކްލަބަކަށް، ހެންޑަސަން ބަދަލުވެއްޖެނަމަ، ޓެކްސް ފައިސާގެ ގޮތުގައި ބޮޑު އަދަދެއް އޭނާ ދައްކަންޖެހޭނެ އެވެ. ގާތްގަނޑަކަށް ހަތް މިލިއަން ޕައުންޑަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކޯޗުކަމުގެ ދަށުގައި އަލް-އިއްތިފާގުގެ ފޯމު ވަނީ ދަށްވެފަ އެވެ. ނޮވެމްބަރުން ފެށިގެން، ސައުދީ ޕްރޯ ލީގުގައި އަލް-އިއްތިފާގަށް މޮޅެއް ނުލިބެ އެވެ. އަލް-އިއްތިފާގް މި ވަގުތު އޮތީ ސައުދީ ޕްރޯ ލީގުގެ އަށް ވަނައިގަ އެވެ.