Advertisement

ހުޅުމާލެ ފުރަތަމަ ފޭސް ފްލެޓްތަކުގެ ކުލި 20 ޕަސެންޓް ކުޑަކުރަނީ

6 ޖަނަވަރީ 2024 - 15:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް؛ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމައިފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު


ހުޅުމާލެ ފުރަތަމަ ފޭސް ފްލެޓްތަކުގެ ކުލި 20 ޕަސެންޓް ކުޑަކުރަނީ

6 ޖަނަވަރީ 2024 - 15:51 0

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލީގެ 20 ޕަސެންޓް ކުޑަ ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލެ ސިޓީގެ މޭޔަރު ބައި އިލެކްޝަންގައި، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ތާއީދު ހޯއްދެވުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު އިއުލާން ކުރެއްވީ އެ ބަދަލު އަންނާނީ އަންނަ މަހުން ކަމަށެވެ.

"ގާތްގަނޑަކަށް 4،000 ރ. އިން ފެށިގެން ގޮސް 7،000 ރ. އާ ހަމައަށް ނޫނީ 6،000 އަށް ވުރެ ގިނައިން މެއިންޓެނެންސް ފީ ހިމެނޭހެން ފޭސް 1 ގައި ހުރި ފްލެޓުތަކަށް މި ފީ ދައްކަން ޖެހެނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ ބަދަލު ގެނައުމަށް ސަރުކާރުން ނިންމި އިރު، ކުޑަކުރެވޭ 20 ޕަސެންޓް ސަރުކާރުން އަމިއްލައަށް މެނޭޖު ކުރާނެ ކަމަށެވެ.

"ސަރުކާރުން އެ 20 ޕަސެންޓް މެނޭޖު ކުރާނީ. ގިނައީ ދެ ގައުމު ދެމެދު އެއްބަސްވެފައިވާ ލޯނު. އެ ކަން އަޅުގަނޑުމެން މެނޭޖު ކުރެވޭނެ، އެ ކަމަކާ ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ފްލެޓްތަކުގެ މެއިންޓެނެންސް ފީއަށް މިހާރު ދައްކަމުންދާ އަދަދު ވެސް ކުޑަ ކުރުމަށް ޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ސަރުކާރުން މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރުމަށް ބޭނުންވާ މަސައްކަތްތައް އޭގެ އެންމެ އަމާންކޮށް ކުރިއަށް ގެންދެވޭނީ ސިޓީ ކައުންސިލްގައި އެމަނިކުފާނާ އެއް ހިޔާލެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ އިތުބާރު އޮތް ބަޔަކު ތިބެގެން ކަމަށެވެ.

އެހެންވެ، ކުރިއަށް މި އޮތް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ވޯޓު ދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ސަރުކާރުން މިހާރު ވަނީ ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާތައް މައާފު ކޮށްދީފަ އެވެ. އަދި ނުދެއްކިވާ ކުލިތައް ދެއްކޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޓަކައި ފްލެޓްތަކުގައި ދިރިއުޅޭ މީހުނާއެކު އާބަންކޯއިން މަޝްވަރާ ކުރަމުން ގެންދާ ކަން މުއިއްޒު މިއަދު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު އެޗްޑީސީގެ އެމްޑީއަށް ވެސް އެދެނީ، އެގްރިމެންޓުތައް ހުރިހާ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ޕެންޑިން ޕޭމަންޓްތައް ހަމަޖައްސައިދެން، އެ ރައްޔިތުން އެޗްޑީސީއާއެކު އިށީނދެ، މިހާރު ވެސް ފަށާފައިވާ މަސައްކަތް އެ ގޮތަށް ބާރަށް ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ފްލެޓްތަކުގެ މަހު ކުލި، މެއިންޓެނެންސް ފީ ހިމެނޭ ގޮތަށް 3،984 ރ. އަށް ކުޑަކޮށް ޖުމުލަ ކުލިން 100،000 ރ. އުނިކޮށްދީފަ އެވެ. އަދި ރަށްރަށުގައި ހުރި ރޯހައުސްތަކާއި ފްލެޓްތަކުން ކޮންމެ މަހަކު ދައްކަން ޖެހޭ ކުލި 3،330 ރ. އަށް ކުޑަކޮށްފަ އެވެ.