Advertisement

ކާށިދޫ ކަނޑު އެހާ ގަދައީ މިހެންވެ!؟

6 ޖަނަވަރީ 2024 - 14:28 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކ. ކާށިދޫ. މި ރަށް އޮންނަނީ ރާއްޖޭގެ އެންމެ ގަދަ އެއް ކަނޑުގެ މެދުގައި ވަކި ޖަޒީރާއެއްގެ ގޮތުގައި.


ކާށިދޫ ކަނޑު އެހާ ގަދައީ މިހެންވެ!؟

6 ޖަނަވަރީ 2024 - 14:28 2

ކާށިދޫ ކަނޑަކީ ރާއްޖޭގެ އަތޮޅުތައް ގުދުރަތީ ގޮތުން ބެހިފައިވާ ގޮތުން އުތުރާއި މެދުގެ އިން ވަކިކުރާ ހިސާބުގައި އޮތް މާކަނޑެވެ. އިނގިރޭސި ޗާޓުތަކުގައި "ކާޑިވާ ޗެނަލް" ގެ ނަމުން ނަން ދީފައިވާ މި ކަނޑަކީ އިހުގެ ދަތުރުވެރިންނާއި ސައްޔާހުންގެ ދަތުރުނާމާ ތަކުގައި މުހިންމު ކަނޑެއްކަން އޮތީ ބަޔާންކޮށްފަ އެވެ. އެއީ, ރާއްޖޭގެ ތިލަ ފަރުތަކާއި ފަޅުތަކުގެ ބޭރުން ރާއްޖޭ ހުރަސްކޮށް ދަތުރުކުރާ މައިގަނޑު އެއް ޗެނަލަކީ ކާށިދޫ ކަނޑު ކަމަށްވުމުންނެވެ.

އެ ކަނޑުގެ ފުޅާމިނުގައި މިނުގައި 56 ކިލޯމީޓަރު ހުރެ އެވެ. ހަނި ކަނޑުން ނުކުމެ ކ. ގާފަރު ހުރަސްކުރުމާ އެކު ދެން އޮންނާނީ ކާށިދޫ ކުޑަ ކަނޑެވެ. އެއަށްފަހު, ކާށިދޫ ހުރަސްކޮށް ޅ. އަތޮޅާ ހަމައަށް އޮންނާނީ ކާށިދޫ ބޮޑު ކަނޑެވެ.

މި ކަނޑުގެ މެދުގައި އޮންނަނީ ކ. ކާށިދޫ އެވެ. އެ ރަށަށް އިހުގައި ސާންސްކިރިތު ބަހުން ކިޔައި އުޅުނީ "ކާޑިވާ" އެވެ.

މި ކަނޑަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު ގަދަ ކަނޑެކެވެ. މާސިންގާ ބާންޏާއި ރާޅު އުފެދޭ ތަނެކެވެ. ވައި ޖެހި ވިއްސާރަވެެއްޖެނަމަ ދަތުރުކޮށް އުޅެން ކުޅަދާނަނުވާ ވަރަށް ގަދަވާ ކަނޑެކެވެ.

އެކަމާ ގުޅޭގޮތުން އެކި ފަރާތްތަކުގެ ހިޔާލުތައް ދައުރުވެ އެވެ. މިފަހަރު އެކަމުގައި ބަސް ބުނެފައި މިވަނީ ސްމޯލް އައިލެންޑް ޖިއޮގްރެފިކް ސޮސައިޓީ (ސިގްސް) އިންނެވެ.

ކާށިދޫ ކަނޑުގެ ފުންމިން އެނގޭ ފަދަ މެޕެއް. ބައެއް ސަރަހައްދުތައް ވަރަށް ތިލަވެފައި އަނެއްބައި ސަރަހައްދުތައް ވަރަށް ފުންކަން ވަނީ ފާހަގަކުރެވިފައި --- ފޮޓޯ: ސިގްސް/ޓްވިޓާ


ކަނޑު އަޑީގެ ފުންމިން އެނގޭ ގޮތަށް އެ ޖަމިއްޔާއިން ވަނީ ކާށިދޫ ކަނޑުގެ މެޕެއް އާންމުކޮށްފަ އެވެ. އެ ކަނޑުގެ ތިލަ ސަރަހައްދުތަކާއި ފުން ސަރަހައްދުތައް އެ މެޕުން ވަރަށް ރަނގަޅަށް ފެނެ އެވެ.

މެޕުން ފެންނަ ގޮތުގައި ގާފަރާއި ކާށިދޫ އަދި ކާށިދޫ އާއި ޅ. އަތޮޅާ ދެމެދު ކަނޑު އަޑީގައި އަތޮޅުތަކެއް އުފެދިފައި ހުރުމުން އެ ކަނޑުގެ ބައެއް ސަރަހައްދުތައް މާ ތިލަ އެވެ. އެ ތިލަވާ ސަރަހައްދުތަކުގެ އިރުމައްޗަށް ވާ ގޮތަށް ކަނޑުގެ އަޑީގައި 500 މީޓަރު އަޑިއަށް ކަނޑައިގެން ދާ ގޮތަށް ރިޖެއް ގާތްގަނޑަކަށް މުޅި ކަނޑުގެ ދެކުނު އުތުރަށް ވަނީ އުފެދިފަ އެވެ.

މި ކަންކަމަށް ރިއާޔަތްކޮށް ސިގްސްއިން ހުށަހަޅާ ތިއަރީއަކީ ކާށިދޫ ކަނޑުގެ ފުން ސަރަހައްދުތަކުގައި އޮއެވަރާއެކު އުފެދޭ ރާޅު ބާނިތައް އެ ކަނޑުގެ ތިލަ ސަރަހައްދުތަކަށް ދައުރުކުރަމުންދާތީ އެކަމުގެ ސަބަބުން ރާޅުތައް ބޮޑުވެ ކަނޑު ގަދަވުމެވެ.

އިހުގެ ދަތުރުވެރިންނާއި މިހާރުގެ ދަތުރުވެރިންނަށް ވެސް މިއީ ގޮންޖެހުން ބޮޑު ކަނޑެކެވެ. ކިތަންގެ ތަޖުރިބާ ހުރި ކެޕްޓަނަކަށް ވެސް ކާށިދޫ ކަނޑު ގަދައިރު އޮޑިއެއްގެ ހުންގާނުގައި ހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކާށިދޫ ކަނޑާ ގުޅޭ އެންމެ އެކަށޭނެ ދިރާސާތަކެއް މިހާތަނަށް ހަދާފައި ނުވި ނަމަވެސް މިއީ އެ ކަނޑު ގަދަވުމާ ގުޅޭގޮތުން ސިގްސްއިން ހުށަހެޅި ޝައުގުވެރި ތިއަރީއެކެވެ.

ސިގްސްއަކީ ކޮން ބައެއް؟


ސިގްސްއަކީ ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ޖަމިއްޔާއެކެވެ. މިއީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ތިމާވެއްޓާއި ރާއްޖޭގެ ޖިއޮގްރަފީއަށް ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެކެވެ. މިއީ 20 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ތިމާވެއްޓާ ބެހޭ ކޮންސަލްޓަންޓުން މަސައްކަތްކުރަމުންދާ ޖަމިއްޔާއެކެވެ.