Advertisement

އެފްއޭއެމްގެ އިންތިހާބު ކުރިއަށްދާނީ ފީފާ އާއި އޭއެފްސީގެ ލަފަޔާ އެކު

4 ޖަނަވަރީ 2024 - 22:49 2

އަތޫފް އާތިފް

އަތޫފް އާތިފް


އެފްއޭއެމްގެ އިންތިހާބު ކުރިއަށްދާނީ ފީފާ އާއި އޭއެފްސީގެ ލަފަޔާ އެކު

4 ޖަނަވަރީ 2024 - 22:49 2

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިހާބު ކަންކަން ކުރިއަށް ދާނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާ އާއި އޭޝިއާ ފުޓުބޯޅަ އިދާރާ އޭއެފްސީގެ ލަފަޔާ އެކުގައި ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމުން މިހެން ބުނިއިރު އެފްއޭއެމްގެ އިންތިހާބު ކަންކަން މަޑު ޖައްސާލުމަށް ސްޕޯޓްސް ކޮމިޝަނަރު، މުހައްމަދު ތޮލާލް ވަނީ އެފްއޭއެމަށް އަންގައިފަ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ކުރިމަތިލީ ދެ ކެންޑިޑޭޓުން، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އަތުގައި ވެލެންސިއާގެ ސިޓީ އެއް އޮތުމުން އެތަނުން ސައްހަ ސިޓީ އަކީ ކޮބައިކަމާ މެދުވެސް ވަނީ ސުވާލު އުފެދިފަ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ދެ ކެންޑިޑޭޓުންނެވެ.

އެފްއޭއެމުން މިރޭ ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހު 30 ގައި ބޭއްވި އިލެކްޓޯރަލް ކޮމެޓީ ބައްދަލުވުމުގައި ދެ ކެންޑިޑޭޓުން އަތުގައި ކުލަބް ވެލެންސިއާގެ ތާއިދު އޮތް ކަމަށް ހާމަވާ ލިޔުމެއް ލިބިފައިވާ ކަމަށެވެ. އެހެންވެ މިފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ލަފަޔަށް އޭއެފްސީ އަދި ފީފާގައި އެދިފައިވާ ކަމަށް އެފްއޭއެމުން ބުނެ އެވެ. އަދި އިލެކްޓޯރަލް ކޯޑުގައިވާ މުއްދަތުގެ ތެރޭގައި އިލެކްޓޯރަލް ކޮމެޓީން ނިންމާ ގޮތް ހާމަކުރާނެ ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

އެ ގޮތުން، ކްލަބް ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންގެ ނަމުގައި އޭނާ ވެލެންސިއާގެ ޗެއާމަން ކަމުން، އޭނާ އިސްތިއުފާ ދިން ކަމަށް ސިޓީ ތައްޔާރުކޮށްފައިވަނީ ވެލެންސިއާގެ އީމެއިލް އެކްސަސް އޮންނަ ފަރާތެއްކަން ވެސް ވަނީ އެނގިފަ އެވެ.

އެފްއޭއެމް އިންތިހާބާ ދިމާކޮށް ވެލެންސިއާގެ ސިޓީތަކެއްގެ މައްސަލަ ހޫނުވެފައިވާއިރު, "އަދަދުން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ, ކުލަބް ވެލެންސިއާގެ އޮފިޝަލް މެއިލް އިން އެ ކުލަބްގެ ޗެއާމަން އަޒްމީން އިސްތިއުފާ ދެއްވާ ފޮނުއްވި މެއިލްއެއް ލިބިފައިވާ ކަމަށެވެ. އަދި އެއީ އަޒްމީން ފޮނުއްވި މެއިލް އެއް ނުވަތަ ނޫންކަން ނޭނގޭ ކަމަށް ޖައު ވިދާޅުވި އެވެ.

"އަޅުގަނޑަށް ކުލަބް ވެލެންސިއާގެ އޮފިޝަލް މެއިލުން އަޒްމީން އިސްތިއުފާ ސިޓީގެ މެއިލް ވަނީ ލިބިފަ. އެއީ ސީދާ އަޒްމީން ފޮނުވި މެއިލް އެއް ކަމެއް ބުނަން ނޭނގޭ އެކަމަކު ސިޓީ ފޮނުވާފައިވަނީ ކުލަބް ވެލެންސިއާގެ މެއިލް އިން" ޖައުޝަން ވިދާޅުވި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ވެލެންސިއާ ތާއީދު ސިޓީގެ މައްސަލަ ހޫނުވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ، އެ ކްލަބްގެ ތާއީދު ސިޓީގެ މައްސަލައިގައި ތޯރިގާ ދެކޮޅަށް ނިންމަައިފިނަމަ އޭނާގެ ކެންޑިޑެސީ ބާތިލުކުރުމުގެ ބޭނުމެއް އޮތުމެވެ.