Advertisement

އެފްއޭއެމުން ފައިނަލްކުރީ ފެބްރުއަރީ 14 ގައި ފުޓްބޯޅަ ސީޒަން ފަށަން

about 9 hours 0


އެފްއޭއެމުން ފައިނަލްކުރީ ފެބްރުއަރީ 14 ގައި ފުޓްބޯޅަ ސީޒަން ފަށަން

about 9 hours 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ފެބްރުއަރީ 14 އަށް ހަމަޖައްސައި، ކަލަންޑަރު ފައިނަލްކޮށް ކްލަބްތަކަށް ފޮނުވައިފި އެވެ.

ކްލަބްތަކުގެ ހިޔާލު ހޯދުމަށް އެންމެ ފުރަތަަމަ ފޮނުވި ޑްރާފްޓް ކަލަންޑަރުގައި ހިމަނާފައި އޮތީ އަންނަ މަހު 24 ގައި ސީޒަން ފެށުމަށެވެ. އެކަމަކު، ކްލަބްތަކުގެ ހިޔާލު ހޯދުމަށް ފަހު، މިހާރު ނިންމާފައި އޮތީ ފެބްރުއަރީ 14 ވަނަ ދުވަހުގެރޭ ފުޓްބޯޅަ ސީޒަން ފެށުމަށެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގެ ފުރަތަަމަ ޑިވިޝަން ފުޓްބޯޅަ ނުކުޅޭތާ އަހަރެއް ވަނީ ވެފަ އެވެ. މިއީ، މިހާތަނަށް ރާއްޖޭގައި ފުރަތަމަ ޑިވިޝަން ފުޓްބޯޅަ މެދުކެނޑިފައި އޮތް އެންމެ ދިގު މުއްދަތެވެ.

ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެކަނި ޕްރީ ސީޒަން ޕްރެކްޓިސް ފެށުމަށް ފަހު، ސީޒަން ފަށާނެ ތާރީހެއް ޔަގީންނުވާތީ، ވަނީ ފަރިތަކުރުންތައް މެދުކަނޑާލައިފަ އެވެ.

ފުޓްބޯޅަ ސީޒަން ފެށުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ކްލަބްތަކުގެ މާލީ ހާލަތެވެ. ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތައް މި ވަގުތު އޮތީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ ސަބަބުން، ކްލަބް ލައިސަންސިން ކަންކަން ފުރިހަމަ ނުވެ އެވެ. އެނގިފައިވާ ގޮތުގައި، އެފްއޭއެމް އިން އަންނަނީ ފީފާ އާއި ސަރުކާރާ އެކު މަޝްވަރާތަކެއްކޮށް މި ކަމަށް މި ވަގުތު ގެނެވޭނެ ހައްލުތަކަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.

ފީފާ އިން އެފްއޭއެމް ހިންގުން މިދިޔަ އޮގަސްޓް މަހު ވަނީ ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. މިއީ، ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އެފްއޭއެމް ނޯމަލައިޒްކުރި ތިން ވަނަ ފަހަރެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވި ފައިނަލް ސީޒަން ކަލަންޑަރުގެ މުހިންމު ތާރީހުތައް

(ފެބްރުއަރީ 14) ސީޒަން ހުޅުވާ މެޗު

(ފެބްރުއަރީ 17) ޕްރެޒިޑެންޓްސް ކަޕް

(އޭޕްރީލް 8) ދިވެހި ޕްރިމިއާ ލީގު

(މެއި 31) ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

(ޖުލައި 12) އެފްއޭ ކަޕް

(ޖުލައި 18) ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ސީޒަން ކަލަންޑަރުގައި ހިމަނާފައިވާ ގޮތަށް ބަލާއިރު. އަންނަ އަހަރުގެ މާޗް މަހުން ފެށިގެން ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށް އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ފަށާނެ އެވެ. ރާއްޖެ ހިމެނުނީ، ތަޖިކިސްތާން، ފިލިޕީންސް އަދި އީސްޓް ޓިމޯއާ އެއް ގްރޫޕެއްގަ އެެވެ. ފުރަތަަމަ މެޗުގައި މާޗް 25 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖޭން ކުޅޭނެ އެވެ.

ސާފް ޗެމްޕިއަންޝިޕް ޝެޑިއުލްކޮށްފައި އޮތީ ޖޫން 15 އިން ޖުލައި 25 އާ ދެމެދު ކުރިއަށްދާ ގޮތަށެވެ.