17 ޑިސެންބަރު 2024 - 22:57 0
17 ޑިސެންބަރު 2024 - 22:57 0
ދޯހާ، ގަތަރު (ޑިސެމްބަރު 17) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެސްޓް އެވޯޑް، ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ލިބިއްޖެ އެވެ.
ބެސްޓް އެވޯޑްސްގެ ފޯމެޓަށް ފީފާ އިން އެވޯޑެއް ދޭން ފެށީ 2016 ވަަނަ އަހަރު އެވެ.
ވިނީޝިއުސް، މި ފަހަރުގެ ބެސްޓް އެވޯޑްސް ހޯދިއިރު، މި ފަހަރުގެ ބެސްޓް އެވޯޑްސްގެ ނޮމިނީސް ތެރޭގައި ހިމެނެނީ، ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި މެންޗެސްޓާ ސިޓީގެ ރޮޑްރީ، އިންޓަ މިއާމީ އަށް ކުޅޭ އާޖެންޓީނާގެ ލިއޮނަލް މެސީ، ރެއާލް މެޑްރިޑްގެ ފަސް ކުޅުންތެރިން ކަމަށްވާ، ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ، ޓޯނީ ކްރޫސް އަދި ޑެނީ ކާވަހާލް އާއި މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑް އަދި ބަޔާ ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް އެވެ.
ބެލޮންޑިއޯ އެވޯޑް ވިނީޝިއުސް އަށް ނުލިބޭތީ، ރެއާލުން ވަނީ އެ އެވޯޑް ހަފްލާ ބޮއިކޮޓްކޮށްފަ އެވެ. ވިނީޝިއުސް އަށް 48 ވޯޓު ލިބުނުއިރު، ދެ ވަނަ އަށް ދިޔަ ރޮޑްރީ އަށް ލިބުނީ، 43 ޕޮއިންޓެވެ. ތިން ވަނަ ހޯދި ބެލިންހަމް އަށް ލިބުނީ، 37 ޕޮއިންޓެވެ.
އެންމެ މޮޅު ކޯޗުގެ މަގާމު ލިބިފައިވަނީ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށެވެ. އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ، މެންޗެސްޓާ ޔުނައިޓެޑްގެ އާޖެންޓީނާ ވިންގް، އަލެހަންދްރޯ ގާނާޗޯ އަށެވެ. އެއީ، އޭނާ އެވަޓަން ކޮޅަށް ޖެހި އޯވަހެޑް ކިކަށެވެ.
ފީފާ އިން ހޮވި ޑްރީމް ޓީމުގައި ހިމެނެނީ، އާޖެންޓީނާގެ ކީޕަރު މާޓިނޭޒް، ސްޕެއިނުގެ، ކާވަހާލް، ރޮޑްރީ، ލަމީން ޔަމާލް، ޖަރުމަނުގެ އެންޓޯނިއޯ ރޫޑިގާ، ކްރޫސް، ފްރާންސްގެ ވިލިއަމް ސަލީބާ، ޕޯޗުގަލްގެ ރުބެން ޑިއާޒް އާއި ނޯވޭގެ އާލިން ބްރައުޓް ހާލަންޑް އެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔަކީ ސްޕެއިނާއި ބާސެލޯނާ އަށް ކުޅޭ އައިޓާނާ ބޮންމާޓީ އެވެ. މިދިޔަ އަހަރު ވެސް އެ މަގާމު ހޯދީ ބޮންމާޓީ އެވެ. އަދި އެންމެ މޮޅު އަންހެން ކޯޗަކަށް ކުރިން ޗެލްސީ އަށް ކޯޗުކޮށްދީ މި ވަގުތު އެމެރިކާގައި ހުރި އެމާ ހަޔެސް ވަނީ ހޮވިފަ އެވެ.
Comment