Advertisement

ސައުތު އެފްރިކާއިން އިޒްރޭލުގެ މައްސަލަ އައިސީޖޭއަށް ހުށަހެޅުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

4 ޖަނަވަރީ 2024 - 19:42 0

ފޮރިން މިނިސްޓަރު ޒަމީރު: ހާރިޖީ މިނިސްޓްރީން ބުނީ އިޒްރޭލުން ހިންގަނީ ގަތުލްއާންމެއް ކަމަށް -- ފޮޓޯ: ފައިލް


ސައުތު އެފްރިކާއިން އިޒްރޭލުގެ މައްސަލަ އައިސީޖޭއަށް ހުށަހެޅުމުން ރާއްޖެއިން މަރުހަބާ ކިޔައިފި

4 ޖަނަވަރީ 2024 - 19:42 0

ފަލަސްތީނުގެ ރައްޔިތުންނާމެދު ގަތުލްއާންމެއް ހިންގާނީ އިޒްރޭލާ ދެކޮޅަށް ސައުތު އެފްރިކާއިން އިންޓަނޭޝަނަލް ކޯޯޓް އޮފް ޖަސްޓިސްއަށް މައްސަލައެއް ހުށަހެޅުމުން ރާއްޖެއިން އެކަމަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

ދިވެހި ހާރިޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގަތުލްއާންމު މަނާ ކުރުމާއި އެކަން ކުށްވެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އިޒްރޭލުން ދެކޮޅުވެފައިވާ ކަމަށް ބުނެ ސައުތު އެފްރިކާއިން ޑިސެމްބަރު 29، 2023، ގައި ކޯޓަށް މައްސަލަ ހުށަހެޅުމުން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

"އިޒްލޭރުން ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން، ހާއްސަކޮށް އަންހެނުން އަދި ކުޑަކުދިން ވަނީ މަރުވެފަ. ދިވެހި ސަަރުކާރުން ދެކެނީ އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއް ނެތި، ގަތުލްއާންމު މަނާ ކުރާ މުއާހަދާއާ ދެކޮޅަށް ހިންގާ ޖަރީމާއެއް،" އެ ބަޔާނުގައިވެ އެވެ.

ފަލަސްތީނު ހަނގުރާމަ ފެށުނު ފަހުން ތިން މަސްދުވަސް ވާން ކައިރިވެފައި ވާއިރު، އިޒްރޭލުން މިހައިތަނަށް ވަނީ ފަލަސްތީނުގެ 21،500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ހަނގުރާމައިގެ ސަބަބުން 2.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާޒާގެ 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލި މަގުމަތިވެފަ އެވެ.

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ އިއުލާނު ކުރީ އޮކްޓޯބަރު 7، ވަނަ ދުވަހު އިޒްރޭލަށް ކުއްލި ހަމަލާއެއް ދީ 1200 އަށްވުރެ ގިނަ ޔަހޫދީން މަރާލައި 250 މީހުން ރަހީނު ކުރުމުންނެވެ. ހަމާސްއިން ބުނީ އެ ހަމަލާ ދިނީ ފާއިތުވި 16 އަހަރު ގާޒާ ހިސޯރުކޮށްގެން ތިބެ ގަދަކަމުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމުގެ ސަރަހައްދު ބޮޑު ކުރުމަށް އިޒްރޭލުން މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.

ސައުތު އެފްރިކާއަކީ ހަނގުރާމަ ފެށުނުފަހުން މިއަދާ ހަމައަށް ވެސް އެންމެ ބޮޑަށް އިޒްރޭލާ ދެކޮޅަށް އަޑުއުފުލާ އެއް ގައުމެވެ. އެގައުމުން ވަނީ ހަނގުރާމަ ހުއްޓައިލުމާ ހަމައަށް އެގައުމުގައި ހުންނަ އިޒްރޭލު އެންބަސީ ވެސް ބަންދުކޮށް އިޒްރޭލާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ވެސް ކަނޑައިލާފަ އެވެ.