Advertisement

ފަހިދިރިއުޅުން ފްލެޓުތައް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވަނީ

4 ޖަނަވަރީ 2024 - 17:14 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅާ ފްލެޓުތައް. ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފަހިދިރިއުޅުން ފްލެޓުތައް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވަނީ

4 ޖަނަވަރީ 2024 - 17:14 1

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ ފުލެޓުތައް ލިބުނު ފަރާތްތަކަށް ފްލެޓު ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރަން ތައްޔާރުވަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއި ފްލެޓު ހަވާލުނުކޮށް ދިގުލައިގެންދާތީ އެކަމާ އާންމުންގެ ޝަކުވާ އިންތިހާއަށް ވަނީ ބޮޑުވެފަ އެެވެ. އެ މައްސަލާއިގައި ފްލެޓު ލިބުނު ފަރާތްތަކުން ވަނީ ދާދި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްލޭނިން މިނިސްޓްރީ ކައިރީގައި، ފްލެޓު ހަވާލުކުރުން އަވަސްކުރަން ގޮވާލައި މުޒާހަރާ ވެސް ކޮށްފަ އެވެ.

އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދަނީ ހަމަޖެހިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކަމަށާއި އެ ޔުނިޓުތަކުގެ ހައްގުވެރިންނާއި އެތަން ތަން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހަވާލުކުރުމަކީ އެ ކޯޕަރޭޝަނުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތް ކަމަށެވެ.

މިހާރު ކުރަމުންދާ މަސައްކަތަކީ ޔުނިޓްތައް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށް އެފްޑީސީން ބުންޏެވެ. އެފްޑީސީން ބުނިގޮތުގައި ބައެއް ޓަވަރުތަކުގެ މަސައްކަތް ޝެޑިއުލަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އޭގެ އިތުރުން، ވީހާ ވެސް އަވަހަކަށް އެ ހައުސިން ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާއިރު ސައިޓުތަކުގައި ތިން ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެފްޑީސީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް މަސައްކަތް ހަލުވި ކުރެވިފައިވާ ޓަވަރުތަކުގައި 31 ޝީޓް އަޅައި ނިންމާފައިވާއިރ،ު މިއީ މި މަޝްރޫއުގައި މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ހަލުވި ސްލެބް ސައިކަލް އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.