Advertisement

ވިލިމާލޭގެ މަގުތައް ހަދަން ކުރަންޖެހޭ ސާވޭ ކުރަން އާރްޑީސީއާއި ހަވާލުކޮށްފި

4 ޖަނަވަރީ 2024 - 14:23 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިލިމާލޭގެ މަގުތައް ހަދަން ކުރަންޖެހޭ ސާވޭ ކުރަން އާރްޑީސީއާއި ހަވާލުކޮށްފި -- ފޮޓޯ: އިޔާން/އަދަދު


ވިލިމާލޭގެ މަގުތައް ހަދަން ކުރަންޖެހޭ ސާވޭ ކުރަން އާރްޑީސީއާއި ހަވާލުކޮށްފި

4 ޖަނަވަރީ 2024 - 14:23 0

ވިލިމާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށްޓަކައި ހަދަންޖެހޭ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ތަރައްގީކުރަން ނިންމާފައިވަނީ ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގުތަކެވެ.

މަޝްރޫއުއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ކޮންސްްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުﷲ މުއްތަލިބު ވިދާޅުވީ، މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސާވޭ ހެދުމުގެ މަގުސަދަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެ، މަޝްރޫއު ހިންގުމަށް ދާނެ ސީދާ ހަރަދު ދެނެގަތުން ކަމަށެވެ.

އެގޮތުން ވިލިމާލޭގެ ކަރަންޓާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމުގެ ގޮތުން މިހާރު މަޝްރޫއެއް ފަށައި ސާވޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާނީ އެ ކަންތައްތައް ބެލުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަގުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާއިރު އަޅުގަނޑުމެން ގަބޫލުކުރަނީ އަޑިއަސް ލާންޖެހޭ ކަރަންޓާއި ނަރުދަމާގެ ނިޒާމު ވެސް ހިމެނިގެން ޓޯޓަލް ސޮލިއުޝަނެއް ލިބޭ ގޮތަށް ހިމެނިގެންދާނެ ކަމަށް،" މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވި އެވެ.

އެގޮތުން ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ސާވޭއެއް ކުރަނީ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދައި، ހަދަންޖެހޭ މަގުތައް ދެނެގަތުމުގެ ގޮތުން ކަމަށް ޑރ. މުއްތަލިބު ވިދާޅުވި އެވެ. އަދި ސާވޭއަށް ފަހު ތާރު އަޅަންޖެހޭ މަގުތަކުގައި ތާރު އަޅައި، ގާއަޅަން ޖެހޭ މަގުތައް ވެސް އަލުން ތަރައްގީ ކުރާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ބޭނުމަކީ ރަށު ރައްޔިތުންނާ ވާހަކަދައްކައިގެން ރައްޔިތުން ބޭނުންވާ ގޮތަކަށް ވީހާ ވެސް ރަނގަޅު ފެންވަރަކަށް މަގުތައް ހަދާފަ، ހިތްގައިމު ތަނެއްގެ ގޮތުގަ ވިލިމާލެ ބޭއްވުން،" ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލޭގެ މަގުތަކުގެ ޓޮޕޮގަރްފިކް ސާވޭ، ޑީޓެއިލްޑް ޑިސައިން އަދި އީއައިއޭ ހިމެނޭހެން މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 1.79 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.