Advertisement

ވިއްސާރައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 70 ގެއަށް ހަތަރު ލައްކަ ރުފިޔާ ދެނީ

3 ޖަނަވަރީ 2024 - 18:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެއަށް އާދިއްތަ ދުވަހު ވެހުނު ވާރޭގައި މަގުމަތީގައި ފެންބޮޑުވެފައި- މިއީ މިފަހުގެ ތާރީހެއްގައި މާލެއަށް އެންމެ ގިނައިން ވާރޭ ވެހުނު ފަހަރު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ވިއްސާރައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 70 ގެއަށް ހަތަރު ލައްކަ ރުފިޔާ ދެނީ

3 ޖަނަވަރީ 2024 - 18:57 0

މިދިޔަ އާދީޢްތަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 70 ގޭބިސީއަކަށް އެހީގެ ގޮތުގައި ޖުމުލަ 457،242ރ. ދިނުމަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖުމަންޓުން (އެންޑީއެމްއޭ) ނިންމައިފި އެވެ.

އެންޑީއެމްއޭއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ދެނެގަތުމަށް 87 ތަނެއްގެ އެސެސްމަންޓު ހަފާފައިވާ ކަމަށެވެ. އޭގެތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރި ކުރާ ތަންތަން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ދެނެގަތުމަށް 154 ތަނެއްގެ އެސެސްމަންޓު ހެދުމަށް އެންޑީއެމްއޭއިން ނިންމި އެވެ. ނަމަވެސް މިއަދު އެ އޮތޯރިޓީން އާންމު ކުރި މައުލޫމާތުގައި ވާގޮތުން އެ އަދަދު 87 އަކަށް މަދުވީ އެސެސްމަންޓު ހަދަން ބޭނުން ނުވި 27 ގެއަކާއި އެކި ސަބަބުތަކާ ހުރެ ނުވަދެވުނު 21 ގެ އެ 154 އުނި ކުރުމުން ކަމަށެވެ.

އެންޑީއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވިއްސާރައިގެ ސަބަބުން 34 ގޭބިސީ އިމާރާތައް ގެއްލުން ލިބުނެވެ. އެ ގެއްލުންތަކުގެ އަގު 248،382ރ. އަށް އަރާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެ އެވެ. އިމާރާތްކުގެ އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ސީލިން އަށެވެ. ދެން އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ގޭގޭގެ ފާރަށާއި ތަޅުންގަނޑަށެވެ.

އެ އޮތޯރިޓީން ބުނީ 65 ގޭބިސީއެއްގެ ހިފާގެންގުޅޭ ތަކެއްޗަށް ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ކަމަށެވެ. އެ ގެއްލުންތަކުގެ އަގު 1،044،308 އަށް އަރާ ކަމަށް އެންޑީއެމްއޭއިން އާންމު ކުރި މައުލޫމާތުގައިވެ އެވެ. ހިފާ ގެންގުޅޭ ސާމާނުގެ ތެރެއިން އެންމެ ގިނައިން ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައި ވަނީ އަލަމާރިއާއި ބަދިގޭ ކަބަޑު ސެޓުގެ އިތުރުން އެނދެވެ.

ސްޓްރަކްޗަރަލް ގެއްލުންތަކުގެ ބަދަލު އެއްކޮށް ދިނުމަށް އެންޑީއެމްއޭއިން ނިންމާފައިވީ ނަމަވެސް ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ބަދަލުގެ ގޮތުގައި ދޭނީ ގެއްލުމުގެ 20 އިންސައްތަ އެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެގެން 164 ފަރާތަކުން އެދުވަހު ރިޕޯޓު ކުރި ކަމަށެވެ. އޭގެތެރެއިން އަށް ގެއަކުން 42 މީހުން ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ގެންގޮސްފަ އެވެ.

ވަގުތީ ބޯހިޔާވަހިކަމާއި އިކުއިޕްމަންޓުތަކުގެ ހަރަދަށް މިހާރުވެސް 179،275ރ. ހަރަދުވެފައި ވާކަމަށް އެންޑީއެމްއޭއިން އާންމު ކުރި މައުލޫމާތުގައިވެ އެވެ.

ހުއްޓާނުލައި ގާތްގަނޑަކަށް 24 ގަޑިއިރު ވަންދެން އާދީއްތަ ދުވަހު ވެހުނު ވާރޭގައި މާލޭގެ ބޮޑެތި ހުރިހާ މަގުތަކެއް އޮތީ ފެނު އަޑީގަ އެވެ. މަޖީދީ މަގާއި އަމީނީ މަގު އަދި ޗާންދަނީ މަގުގެ އިތުރުން ބޮޑު ތަކުރުފާނު މަގުގައި ވެސް ފައިގެ ތަނބިކަށްޓަށް ވުރެ މައްޗަށް އެދުވަހު ފެން ހުއްޓެވެ.

ފެން ބޮޑުވުމުގެ ސަބަބުން މަގުމަތީގައި ޕާކު ކޮށްފައި ހުރި ގިނަ އަދަދެެއްގެ ދުއްވާ އުޅަނދުފަހަރަށް ވެސް އެކިވަރުގެ ގެއްލުން ލިބުނެވެ. އެދުވަހު މާލެއަށް 179.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.